ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު އަރާ ކްރޮސް ބޯޑަރ ފީ ނެގުން ހުއްޓާލަން ބީއެމްއެލްއިން ނިންމައިފި
11 ސެޕްޓެމްބަރު 2026 | ހުކުރު 05:54ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ދަރިވަރުންނަށް މާލީ ލުޔެއް ހޯދައިދިނުމަށްޓަކައި، ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގަމުން އައި 'ކްރޮސް ބޯޑަރ' ފީ ނެގުން ބީއެމްއެލްއިން ހުއްޓާލައިފި. މި ބަދަލާއެކު ދަރިވަރުންނަށް ކަނޑައަޅާފައިވާ 1200 ޑޮލަރުގެ ލިމިޓް އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައި


ބީއެމްއެލްގެ ކިއުއާރު ޓްރާންސެކްޝަނެއް | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑަރ' ފީ ނެގުން ހުއްޓާލުމަށް އެ ބޭންކުން ނިންމައިފި އެވެ.
ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި މިއީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށާއި ހާއްސަކޮށް ކިޔަވާ ދަރިވަރުންނަށް މާލީ ގޮތުން ބޮޑު ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައި ބޭންކުން ނިންމި ނިންމުމެކެވެ.
މި ބަދަލާއެކު، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ބޭންކުން ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓު، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ބީއެމްއެލް އިން ފާހަގަ ކުރެ އެވެ.
މީގެ ކުރިން މި ފީ ނަގަމުންދާތީ، ދަރިވަރުންނަށް ކަނޑައެޅިފައިވާ ލިމިޓުން ބައެއް އުނިވަމުން ދިޔަ ނަމަވެސް، މި ބަދަލާއެކު އެ ދަރިވަރުންނަށާއި އާއިލާތަކަށް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
އޮޕްޝަނަލް އިޝުއަރ ފީ ނުވަތަ ކްރޮސް ބޯޑަރ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ. މި ފީ ނަގަނީ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް ކަމަށްވާ ވިސާ ނުވަތަ މާސްޓަރކާޑު މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހޭތީ އެވެ.
މިފަދަ ބައިނަލްއަގުވާމީ މުއާމަލާތްތައް ހިންގުމަށް ބޭންކަށް ހިނގާ އިދާރީ ހަރަދުތައް ފޫބެއްދުމަށްޓަކައި، މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް ބޭންކުން މީގެ ކުރިން ނަގަމުންދިޔަ އެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ ހުރިހާ ބޭންކުތަކަކުންވެސް އާންމުކޮށް ނަގަމުން އަންނަ ފީއެކެވެ. ބީއެމްއެލްއިން ކާޑުގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް މި ފީ ނަގަމުން ގޮސްފައިވެ އެވެ.









