ގެއްލިގެން ހޯދަމުން ދިޔަ 25 އަހަރުގެ އަންހެން މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 15:20ގެއްލިގެން ހޯދަމުންދިޔަ އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލު ރަނގަޅު ހާލުގައި ހުއްޓައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން


މި މައްސަލައިގައި ހޯދަމުން ގޮސްފައިވަނީ ލ. މުންޑޫ، ގުލްޒާރުގެ އަށް ނިސްބަތްވާ އަދި މިހާރު މާލޭގައި ދިރިއުޅެމުން އަންނަ މަރްޔަމް މާއީ ޖަމީލު (25އ) | ޕޮލިސް މީޑިޔާ
ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ އުމުރުން 25 އަހަރުގެ ދިވެހި އަންހެނަކު، އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައުލޫމާތުދިން ގޮތުގައި، މި މައްސަލައިގައި ހޯދަމުން ގޮސްފައިވަނީ ލ. މުންޑޫ، ގުލްޒާރުގެ އަށް ނިސްބަތްވާ އަދި މިހާރު މާލޭގައި ދިރިއުޅެމުން އަންނަ މަރްޔަމް މާއީ ޖަމީލު (25އ) އެވެ.
މަރްޔަމް މާއީ ޖަމީލުގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ، އޭނާ ގެއްލިފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ސެޕްޓެމްބަރު މަހުގެ 1 ވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. އެއަށްފަހު ފުލުހުން ވަނީ އޭނާ ހޯދުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެދި ފޮޓޯއާއި ވަނަވަރު މީޑިއާތައް މެދުވެރިކޮށް އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ، މާއީ ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އޭނާ މިއަދުގެ ވަގުތެއްގައި އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު އެ ސްޓޭޝަނަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާ އައިއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.











