ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި
31 އޯގަސްޓު 2026 | ހޯމަ 12:05ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް ފަދަ ދިރުންނެތް ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި. ފިޝަރީޒް މިނިސްޓްރީން ހުށަހެޅި މި ހުށަހެޅުމާއެކު، މިފަދަ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމާއި ހުއްދަ ދޫކުރުމުގެ އުސޫލުތައް އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައި ކަމަށް ރައީސް އޮފީހުން ބުނޭ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި | ރައީސް އޮފީސް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 2026 އޯގަސްޓް 30 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މިގޮތުން، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާގައި ވަނީ ނިންމާފަ އެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.











