މަސްވެރިކަންކުރާ އުޅަނދުފަހަރުން ތެލުގެ ސަބްސިޑީ ހޯދުމަށް ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓަރީވުން ލާޒިމު ކުރަނީ
1 ސެޕްޓެމްބަރު 2026 | އަންގާރަ 08:06މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ދޫކުރާނީ "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓަރީވުމުން ކަމަށް ކަނޑައަޅައި، ސެޕްޓެމްބަރު 15 ގެ ކުރިން ރަޖިސްޓަރީވުމަށް ވަނީ އަންގާފައި. އުޅަނދުގެ ބޮޑުމިނަށް ބަލައި ވަކި މިންވަރަކަށް މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރާއިރު، ތެލަށްވާ ފައިސާ އުނިކުރާނީ މަސްކިރުވުމަށްފަހު ލިބޭ އާމްދަނީގެ ތެރެއިން

މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯންޏެއް | އެލަމީ
މަސްވެރިކަންކުރާ އުޅަނދުފަހަރުން ތެލުގެ ސަބްސިޑީ ހޯދުމަށް ފިޝަރީޒް މިނިސްޓްރީގެ "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓަރީވުން ލާޒިމު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ދޫކުރާ ސަބްސިޑީ އެކުލެވޭ ތެޔޮ، މަސްވެރިކަން ކުރުމުގެ ލައިސަންސް އޮންނަ ކޮންމެ އުޅަނދަކަށް ލިބޭ ގޮތަށް އޮތް ނަމަވެސް ފިޝަރީޒް މިނިސްޓްރީން މިހާރު ބުނަނީ އެފަދަ އުޅަނދުފަހަރަށް ދެން ތެލުގެ ސަބްސިޑީ ލިބޭނީ އެ ޕޯޓަލް ގައި ރަޖިސްޓަރީ ކުރުމުން ކަމުގަ އެވެ.
އެ ގޮތުން "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުން 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ސަބްސިޑީ ތެޔޮ ދޫކުރަނީ އުޅަނދުގެ ބޮޑު މިނަށް ބަލައި ވަކި މިންވަރަކަށެވެ. އެ ގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު، 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯ މެދުވެރިކޮށް ދޫކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސަބްސިޑީ ތެލުގެ އަގުގެ ގޮތުގައި މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ތެޔޮ ވިއްކާ އަގަކީ ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށެވެ.
ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. އެ ގޮތުން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ ގެންދަނީ އުނިކުރަމުންނެވެ.









