މުޅި ރާއްޖޭގައި މަސްވެރިކަން ދަށަށް ގޮސް، ކަަޅުބިލަ މަސް ގަންނަ އަގު 21ރ. އަށް ބޮޑުކޮށްފި
29 އޯގަސްޓު 2026 | ހޮނިހިރު 10:30ރާއްޖޭގެ މަސްވެރިކަން ދަށްވެ، ބާޒާރުގައި ވާދަވެރިކަން ބޮޑުވުމާ ގުޅިގެން މިފްކޯއިން މަސް ގަންނަ އަގު މުރާޖައާކޮށް، ކަޅުބިލަމަސް ކިލޯއެއްގެ އަގު 21 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ކުރީ އަހަރާ އަޅާބަލާއިރު 62 އިންސައްތަ ދަށްވެފައި

ދިވެހިރާއްޖޭގެ މަސްވެރިއަކު ކަނޑުމަހެއް ހިފައިގެން | އެލަމީ
ރާއްޖޭގެ މަސްވެރިކަން ދަށްވެފައިވަނިކޮށް މިފްކޯ އަށް ކަޅުބިލަ މަސް ގަންނަ އަގު ކިލޯއަކަށް 21.00 ރުފިޔާއަށް ބޮޑުކޮށްފި އެވެ. މިއީ މިދިޔަ ޖޫން މަހުގެ މެދުތެރޭގައި ކަނޑައަޅާފައިވާ އަގަށްވުރެ 1.00 ރުފިޔާގެ އިތުރުވުމެކެވެ.
ކަޅުބިލަ މަސް ގަންނަ އަގަށް ބަދަލު އައިސްފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ބާނާ މަހުގެ މިންވަރު ދަށްވެ، ރޯމަސް ލިބުން ދަތިވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މަސް ގަތުމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
މަސް ކިލޯއަކަށް ކަނޑައެޅި އައު އަގަށް މަސް ގަންނަ ސިނާއީ މަރުކަޒުތަކުންނާއި މަސްކިރާ ބޯޓުފަހަރުތަކުން މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ. މީގެ ތެރޭގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭ.އެފް.ސީ)، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭ.އެފް.ސީ) އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފް.އެފް.ސީ) ހިމެނެ އެވެ. މިފްކޯއިން ބުނެފައިވަނީ، ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުން ހޮނިހިރު ދުވަހު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުން ކަމަށެވެ.

މަސްވެރިން މަސްބާނައިގެން އައިސް މާލެ އަށް މަސްތައް ބާލަނީ | ގެޓީ އިމޭޖަސް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 16,991 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރި 44,791 ޓަނާ އަޅާބަލާއިރު 62 އިންސައްތައިގެ ދަށްވުމެކެވެ.
މި މުއްދަތުގައި އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ފިނިކުރި މަހެވެ. އެގޮތުން 13,083 ޓަނުގެ ފިނިކުރި މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކްސްޕޯޓްކުރި 40,659 ޓަނާ އަޅާބަލާއިރު 67 އިންސައްތައިގެ ދަށްވުމެކެވެ.
ފިނިކުރި މަހުގެ އެކްސްޕޯޓްގެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 10,603 ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑުކުރެވުނު 36,112 ޓަނާ އަޅާބަލާއިރު 70 އިންސައްތައިގެ ދަށްވުމެކެވެ.
މީގެ އިތުރުން މަސްދަޅު އެކްސްޕޯޓްކުރި މިންވަރުވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން 2026 ގެ ފުރަތަމަ ހަ މަސްދުވަހު 2,702 ޓަނުގެ މަސްދަޅު އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 3,056 ޓަނެވެ. މިއީ 11 އިންސައްތައިގެ ދަށްވުމެކެވެ.
އެމް.އެމް.އޭ ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވީ މި މުއްދަތުގައި ބޭނުނު މަހުގެ އަދަދު މަދުވުމާ ގުޅިގެންނެވެ.
މަސްބާނާ މިންވަރު ދަށްވުމުން މީގެ ކުރިންވެސް މިފްކޯ އިން ވަނީ މަސް ގަންނަ އަގު ބޮޑުކޮށްފަ އެވެ. އެ ގޮތުން މިއަހަރުގެ ކުރީކޮޅު ކިލޯއަކަށް 16 ރުފިޔާގެ ރޭޓުގައި ހުރި ކަޅުބިލަމަހުގެ ކިލޯއަކަށް ޖޫން މަހުގެ 14 ވަަނަ ދުވަހުން ފެށިގެން 20 ރުފިޔާއަށް ބޮޑުކުރި އެވެ.
ސަރުކާރުގެ ވައުދަކީ ކަޅުބިލަ މަސް ގަންނަ އަގު ކިލޯއަކަށް 21 ރުފިޔާ އަށް ވުރެ ކުޑަ ނުކުރުމެވެ. އަދި ބޮޑު ކަންނެލި ގަންނަ އަގު 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގައި ބަހައްޓާނެ ކަމަށާއި، މިފްކޯ އަށް ބޮޑު ކަންނެލި ކިރާނެ ކަމުގަ އެވެ. އެހެން ނަމަވެސް ވެރިކަމުގެ ދައުުރުގެ ބޮޑުބައި ނިމިފައިވާއިރު މަސްވެރިންނަށް ވައުދުވީ ގޮތަށް ސަރުކާރުން ކަންކަން ކޮށްފައި ނުވާކަން ފާހަގަ ކުރެވެ އެވެ.
މިފްކޯ އިން މިހާރު ބުނަނީ މަހުގެ އަގު ކަނޑައަޅަނީ ޑިމާންޑު އަދި ސައިޕްލައިގެ މައްޗަށް ކަމުގަ އެވެ. އެހެން ނަމަވެސް ކަޅުބިލަ މަހާއި ބޮޑު ކަންނެލި ގަންނާނެ އެންމެ ދަށް އަގުގެ ވާހަކަ ވައުދުގެ ގޮތުގައި ދެއްކި އިރު ޑިމާންޑް އާއި ސަޕްލައިގެ ވާހަކަ އެއް ދައްކާފަ އެއް ނުވެ އެވެ.









