ކުޑަހުވަދޫ ރައްޔިތުންގެ ހާލަތު ދަށަށް: ދިރިއުޅުމުގެ ޚަރަދު ބޮޑުވެ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ ކަމުގެ ޝަކުވާ!
24 އޯގަސްޓު 2026 | ހޯމަ 13:37ކުޑަހުވަދޫގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ސިއްހީ ޚިދުމަތާއި ބޭސް ނުލިބުމުގެ އިތުރުން ދަތުރުފަތުރުގެ ދަތިކަމާ ގުޅޭގޮތުން އެރަށުގެ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މީގެއިތުރުން ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވުމާއި އަލަށް އާބާދުވާ ސަރަހައްދުން އަސާސީ ޚިދުމަތްތައް ނުލިބޭތީ ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ރައްޔިތުން ފާހަގަކުރޭ


ހާލު ކިހިނެތް ޕްރޮގްރާމްއަށް ކުޑަހުވަދޫ ރައްޔިތުން، އެމީހުންގެ ހާލަތާއި ކަންބޮޑުވުންތައް ހިއްސާ ކުރަނީ | ރާއްޖެއެމްވީ
ދ. ކުޑަހުވަދޫގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އަލަށް އާބާދުވާ ސަރަހައްދުން އަސާސީ ޚިދުމަތްތައް ނުލިބޭތީ އާއި ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ލަސްވަމުންދާތީ އެރަށުގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމުގައި ވާހަކަދެއްކި ގިނަ ރައްޔިތުން ވަނީ ސިއްހީ ޚިދުމަތާއި ކަރަންޓު ބިލުތަކުގެ އަގު އަދި ދަތުރުފަތުރުގެ ދަތިކަމާ ގުޅޭގޮތުން ވަރަށް ގިނަ ޝަކުވާކޮށްފަ އެވެ.
ރަށުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކި އައިޝާ ބުނީ، ރަށުގައި އެއަރޕޯޓެއް އޮތް ނަމަވެސް ޓިކެޓް އަގުބޮޑުވެ، ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ.
ދ.މަންތާ އެއަރޕޯޓު ކިޔަނީ. އެކަމަކު އަންނަނީ މޯލްޑިވިއަންގައި ނޫނީ ފްލައިމީގައި. އެމީހުން ބުނާ ދުވަހަކަށް ގަޑިއަކަށް ދަތުރުކުރަން ޖެހެނީ. ކިހައި އުދަނގޫ ކަމެއް މިއީއައިޝާ
ރަށުގެ އެއްވެސް ކަމެއް ރަނގަޅުނޫންކަން ފާހަގަކޮށް އައިޝާ ބުނީ، ވާރޭވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެންވަންނަ މައްސަލަ ދިމާވާ ކަމަށާއި، ކެނޯ ވެސް ދުވަން މަޖުބޫރުވެފައިވާ ކަމަށެވެ. ސިއްހީ ހާލަތަށް އިޝާރާތްކޮށް އޭނާ ބުނީ ރަށުން އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށާއި، ބޭސް ވެސް ނުލިބޭ ކަމަށެވެ.
އަހަރުން ކޮއްކޮ ބަނޑުބޮޑުވެގެން ވެސް މިތަނުން ބޭހެއް ހޯދަން ވެގެން ނުލިބުނު. ދެން ބަނޑުބޮޑުވެފައި ހުރި ކޮއްކޮ ލޭ ގެންދަން ޖެހިގެން ވެސް ޖެހުނީ ކުޑަ ބޮކްސްއެއްގައި އެ އަހަރުމެން ގެންދަން. ތިމީހުންނަށް މީތި ގެންދެވެންޏާ ގެންދާށޭ. އަހަރުމެން އޭތި ބޯޓަށް ލައިގެން ރައްޓެއްސެއް ލައްވާ އެކޮޅަށް ގެންގޮސް އަހަރުމެން އޭތި ގެންގޮސް އައިޖީއެމްއެޗަށް ހަވާލު ކުރީ ލޭ. މިއީ މިކަން ކުރަން ޖެހޭ ގޮތެއް ނޫންއައިޝާ
މީގެ އިތުރުން ޒަކިއްޔާ ކިޔާ އާންމު ރައްޔިތަކު ބުނީ ކުރިން 1،500 ރުފިޔާ އަރަމުންދިޔަ ކަރަންޓު ބިލަށް މިހާރު 3،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އަރާ ކަމަށާއި، ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ދިރިއުޅުން އުނދަގޫވެފައިވާ ކަމަށެވެ. އަދި ބޭސް ނުލިބިގެން ރާއްޖެއިން ބޭރުން ބޭސް ގެންނަން ޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޭސް ނުލިބޭ. ޒަކިއްޔާ އެބަ ގެންގުޅެން ހިތު ބައްޔަށް ބޭސް ބޭނުން ކުރާ މީހެއް. ބޭސް ނުލިބިގެން އިންޑިއާއިން ބޭސް ގެނައީ. މިރަށުގެ މެންބަރު މަޖިލީހުގައި އެހެން ވިދާޅުވިޔަސް ނުލިބޭ ބޭހެއްޒަކިއްޔާ
އުމުރުން 70 އަހަރުގެ އިސްމާއީލް ބޭބެ އަދި އިތުރު އާންމުން ފާހަގަކުރި ގޮތުގައި، ސަރުކާރުން މަޝްރޫއުތައް ނިންމާނެ ކަމަށް ބުނި ނަމަވެސް، އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތާއި ހިއްކި ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް ނުދެ އެވެ. އަދި ބަނދަރުގެ މަޝްރޫއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު މަސައްކަތުގެ 50 އިންސައްތަ ވެސް ނުނިމޭ ކަމަށާއި، 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވެސް ނިމޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ރަށުގެ ރައްޔިތެއް ކަމަށްވާ ވަހިއްޓޭ ބުންޏެވެ.
ބޭބެމެން ކުރީގައި ވަރަށް މަސައްކަތް ކުރިން. ޕާން ހެދިން. ބަނަސް ހެދިގެން ހެދިކާ ހެދިން. ދެ ފްރިޖް ޖައްސާފައި އިންނާނެ. އަލަމާރިއެއް ޖައްސާފައި އިންނާނެ. އޭރު ވެސް އަރާ ވަރަށް މިހާރު އަރާ. އެ މަސައްކަތް މިހާރު ނުކުރަން. އެކަމަކު އޭރު އަރާ ވަރަށް ބޮޑު ބިލެއް އަރާވަހިއްޓޭ
މީގެ އިތުރުންް އިސްމާއީލްބޭ ވަނީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ. އެ ވެރިކަމުގައި ބޮޑު ބަލިމަޑުކަމެއް ކުރިމަތިވި ނަމަވެސް އެއްވެސް ކަމެއްގައި ރައްޔިތުންނަށް ދަތިނުވާކަން އެ ބޭބެ ފާހަގަކުރި އެވެ.
ނާސިރު ބޮޑުވަޒީރު ކަމުގެ ހަނދާން ހުރޭ. ލައްކަ ވެރިކަން ހަނދާން އެބަހުރި. މިވަރުގެ ބޭފުޅަކާ ދިމަލެއް ނުވޭ. މާ ބޮޑަށް ތެދުވެރީ. ދޮގެއް ނުހަދަމޭ ބުނަނީ. މިކަން ރަނގަޅެއް ނުވާނެ. ބަދަލު ކޮށްގެން ރަނގަޅުވާނީ. އެއީ ވާނެ ކަމެއް ނޫން. އޭނާ އިސްލާހު ވާނެ ގޮތެއް މިދުނިޔޭގައި ނެތް. އަނގައިން ތެދު އެއްޗެއް ބުނެގެން ދޯ. ސޯލިހުގެ ވެރިކަމަށް ވުރެ މޮޅު ވެރިކަމެއް މި ރާއްޖެއަށް އަދި ނާދޭ. މި ރާއްޖޭގައި ނެތް. ހުރިހާ ޕާޓީއެއް ގޮވައިގެން 5 ދައުރު ނިންމާލީ އެއްވެސް މީހަކު ނުކަނޑާ. ކޮންކަހަލަ ތަދެއް ތޯ އައީ. ކޮވިޑް-19 އައީ. އެއްވެސް އެއްޗެއް ދައްޗެއް ނުވޭއިސްމާއީލް ބޭބެ
ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ މޫސޭ ބުނީ، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބުމުގެ ސަބަބުން މަސްވެރިކަން ދޫކޮށްލީ ކަމަށެވެ.
މުއިއްޒު ވެރިކަމަށް އައިސްފައި މުޅިން ދޮގު ހަދަނީ. މަސްވެރިންގެ ދުވަސް މުޅިން ދުއްވާލައިފި. އަގު ވައްޓާލާފައި. 25 އަށް މަސް ކީރާނަމޭ ކިޔާފައި. އެހެންވީމަ އެއްޗެއް ނުލިބޭތީ މިހާރު އެއްގަމުގައި ކޮންސްޓަރަކްޝަން މަސައްކަތުގައި މިއުޅެނީމޫސޭ
ރަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ދަތިތަކާ ގުޅޭގޮތުން ވާހަކަދެއްކި އިއްބެ އަދި ނާސިރު ބުނީ، ލޯނު ނަގައިގެން ގެދޮރު އިމާރާތް ކުރަމުންދާއިރު އެ ސަރަހައްދުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ނެތުމުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އެ ސަރަހައްދުގައި މަސައްކަތްތައް ކުރަން ޖެހެނީ އަމިއްލަ ޖަނަރޭޓަރު ބޭނުންކޮށްގެން ކަމަށާއި، ގެތަކުގެ މަސައްކަތް ނިމިފައި ހުރި ނަމަވެސް އަސާސީ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ދިރިއުޅެން ނުފެށިފައިވާ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.











