ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
26 އޯގަސްޓު 2026 | ބުދަ 07:22ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގްތިސާދަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި. މި މައްސަލަ ބަލައިނުގަތީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހަޅާފައިވާތީ، ގަވާއިދު ތަންނުދޭ ކަމަށް ބުނެ. މި ބަދަލުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގެ ސިނާއަތުން ވަނީ ފާޅުކޮށްފައި


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރަން މަޖުބޫރު ކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ނިންމުމަކަށް ވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނީ ދިވެހިރާއްޖޭގެ މައި އިގްތިސާދީ ތަނބަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމަށް ވެފައި، އެ ދާއިރާ އިން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިފެހެއްޓުމަށް ސަރުކާރުން ކުއްލިއަކަށް ގެންނަން އުޅޭ ބަދަލުތަކުގެ ސަބަބުން މުޅި ސިނާއަތަށާއި ގައުމުގެ މާލީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިހާރު ކަނޑައަޅާފައިވާ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން އޮންނަ އުސޫލު ބަދަލުކޮށް، ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއް ކަމަށް ވެސް ކުއްލި މައްސަލައިގައިވެ އެވެ. އަދި ޑޮލަރު މާރުކުރުމުގެ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމާއި ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ އުސޫލުތަކެއް ހަދަން އުޅޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރައްވާފައިވާކަން މި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.
މި ނިންމުމަކީ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކޮންޓްރޯލްކޮށް، އެމްއެމްއޭގެ ރިޒާވް ވަރުގަދަ ކުރުމުގެ ނަމުގައި އަޅަން އުޅޭ ފިޔަވަޅެއް ކަމަށް ބުނި ނަމަވެސް، މިއީ ހަގީގަތުގައި ވިޔަފާރިތައް އިނދަޖައްސާލާނެ ކަމެއް ކަމަށް ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ތަޖުރިބާކާރުން ފާހަގަކުރާކަން ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން، ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި ރިސޯޓުތަކުން ތެލާއި މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖާއި ޓެކުހުގެ އިތުރުން ބޭރުގެ ބޮޑެތި ލޯނުތައް އަދާކުރަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، އެއްވެސް މަޝްވަރާއެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބޮޑު ބޭއިންސާފެއް ކަމަށް މެންބަރު ވިދާޅުވި އެވެ.
އެހެންކަމުން، އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރަށް އެ މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.
އެހެން ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދުގެ ދަށުން ބަލައިގަނެވެން ނެތް ކަމަށެވެ.
އެގޮތުން މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުލޫއަކަށް ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ޖަލްސާއަށް އެޖެންޑާކޮށްފައި އޮތުމުން މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރިޔާސަތުން ވަނީ ނިންމަވާފަ އެވެ.











