ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށްފި
21 އޯގަސްޓު 2026 | ހުކުރު 07:56މަނީ އެކްސްޗޭންޖް ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް އެމްއެމްއޭއިން ވަނީ ބާތިލުކޮށްފައި. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ގާނޫނާ އެއްގޮތަށް ކުރުމަށް އެ އޮތޯރިޓީން އިލްތިމާސް ކޮށްފައިވާއިރު، ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރުގެ އަގު ހާމަކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) | ރާއްޖެއެމްވީ
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެރޭ އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް 20 އޮގަސްޓު 2026 ގައި ބާތިލު ކޮށްފައިވާ ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކުރުމުގެ ތެރެއިން އެ ކުންފުނިން ގަވާއިދާ ޚިލާފުވެފައިވާކަން ފާހަގަވުމާ ގުޅިގެން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭއިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 22.85 ގަ އެވެ. ވިޔަފާރިވެރިން މައުލޫމާތުދޭ ގޮތުގައި މިހާރު ޑޮލަރު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރުގެ އަގު މައްޗަށް ދާނެ ކަމަށާއި، މިއަހަރުގެ ތެރޭގައި 25 ރުފިޔާއަށް ޑޮލަރުގެ އަގު އުފުލިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެ އެވެ.
ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ޑޮލަރު 15.42 ގެ ރޭޓުގައި ލިބޭކަން އެންގުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އަދި ޑޮލަރުގެ ތާށިކަން ބޮޑުވެ، ސަރުކާރަށް ޕްރެޝަރ ބޮޑުވުމާ ގުޅިގެން، ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ ގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.
އެގޮތުން އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަށް އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން 19 އޮގަސްޓު 2026 ގައި ވަނީ އިސްލާހު ގެނެސްފަ އެވެ.










