ގޯއްޗާއި ފްލެޓު ލިސްޓު ޑިސެމްބަރު މަހު ނެރޭނެކަމަށް ބުނެ އަނެއްކާވެސް އައު ޑެޑްލައިނެއް!
23 އޯގަސްޓު 2026 | އާދީއްތަ 06:48ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ލިސްޓުތައް އާންމުކުރުމަށް ބޭނުންވާ ވެރިފިކޭޝަން މަސައްކަތްތައް ހައުސިންގ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުން. މި މަސައްކަތުގެ ތެރެއިން ފޯމުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީން ވަނީ އާންމުންގެ ކިބައިން އެދިފައި


ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް | ރާއްޖެ އެމްވީ
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓުތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓުތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޑިސެމްބަރު މަހުގެ ތެރޭގައި ލިސްޓުތައް އާންމުކުރުމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ހުރިހާ އެންމެން ވެސް މައުލޫމާތުތައް ކަށަވަރުކޮށް، ދުރާލާ ޗެކްކުރުމަކީ މި މަސައްކަތް އަވަސްކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ގޯއްޗާއި ފްލެޓުގެ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ވެސް އެކި ތާރީޚުތައް ދީފައިވީ ނަމަވެސް، އެ ތާރީޚުތަކަށް މަސައްކަތް ނިމިފައި ނުވާތީ އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް ފްލެޓު ލިސްޓު އާންމުކުރުން ލަސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ މީހުންގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ހައުސިންގ މިނިސްޓްރީން ބުނީ، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
އެގޮތުން އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ކޮންމެ އެޕްލިކަންޓަކަށް ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖަވާބު ހުށަހެޅޭނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު، މި މަރުހަލާގައި އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތެއްގެ ޒަރީއާއިން ހުށަހަޅާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.










