ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން 1،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ރާއްޖޭގެ ފަސް ކުންފުންޏަކަށް ސަރުކާރުން ވަނީ ހަވާލުކޮށްފައި. 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ޚާއްސަކުރާނީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކަށް


ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން | ހައުސިންގ މިނިސްޓްރީ
ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.
ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމަށް ޚާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް 5 ކުންފުންޏަކާއެކު ސޮއި ކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މި މަޝްރޫއުގައި ސޮއި ކުރީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޖޭވީ ޕާޓްނާޝިޕް - ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ޖޭވީ ޕާޓްނާޝިޕް - ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން، ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ އެކު އެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ކަމަށެވެ. ޖުމްލަ 30 މަސް ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ކޮންމެ ޑިވެލޮޕަރަކަށް ވެސް ހަވާލުކޮށްފައިވަނީ އެއް ޕްލޮޓް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މަޝްރޫއުއަކީ ރައީސް މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫއުއެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މި މަޝްރޫއުގެ ދަށުން އިމާރަތްކުރެވޭ ފްލެޓްތައް ވިއްކަނީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅާ، ޝަރުތު ފުރިހަމަ ވާ ފަރާތްތަކަށެވެ.
މިސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު އެޅުމަށް ކުންފުންޏެއް އުފައްދައި، 3000 ހައުސިންގ ޔުނިޓް އެޅުމަށް ބިން ހަވާލު ކޮށްފައިވެ އެވެ. މީގެ ތެރެއިން ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި 3 ގައި ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުތަކުގެ ބިންގާ ވެސް ވަނީ މިހާރު އަޅާފަ އެވެ.









