ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮން ބައްދަލު ކުރައްވަނީ، މުހިންމު ކަަމަކަށް އޮތީ މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތު
23 އޯގަސްޓު 2026 | އާދީއްތަ 04:14ފްރާންސްގެ ރައީސްގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހުރްމުޒްކަނޑު އޮޅި ނޫން އެހެން މަގުތަކުން މުދަލާއި ތެޔޮ އުފުލޭނެ ގޮތްތައް ތަރައްޤީ ކުރުމާ ބެހޭ ގޮތުން. މީގެ ތެރޭގައި އަރަބި ގަލްފުން ބޭރުގައި ހުރި އޮމާންގެ ބަނދަރުތައް މެދުވެރިކޮށް ވިޔަފާރި ފުޅާކުރުމާއި ސައުދީ އަރަބިއްޔާ އާއި އެހެނިހެން ސަރަހައްދުތަކުގައި ހުރި ތެޔޮ ހޮޅިތައް އިތުރު ކުރުން ނުވަތަ ދެގުނަ ކުރުމުގެ މަޝްރޫއުތައް ހިމެނޭ


ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ފްރާންސްގެ ރައީސް މެކްރޮން މީގެ ކުރިން ބައްދަލުކުރެއްވުމުގެ ތެރެއިން | ރޮއިޓާސް
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބައްދަލު ކުރައްވައި، މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ނިންމަވައިފި އެވެ.
އާދީއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ސައުދީގެ ވަލީ އަހުދު ފްރާންސް އަށް ދަތުރުފުޅެއް ކުރައްވާއިރު، ފްރާންސްގެ ވެރި ރަށް ޕެރިހުގައި މެކްރޮންއާ ބައްދަލު ކުރައްވާނެ އެވެ. މި ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން، ސަރަހައްދީ ސަލާމަތާ ގުޅޭ މުހިންމު ކަންތައްތަކަށް އަލިއަޅުވާލައްވާނެ އެވެ.
ފްރާންސްގެ ރައީސްގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ހުރްމުޒް ކަނޑުއޮޅި ނޫން އެހެން މަގުތަކުން މުދަލާއި ތެޔޮ އުފުލޭނެ ގޮތްތައް ތަރައްޤީ ކުރުމާ ބެހޭ ގޮތުންނެވެ. މީގެ ތެރޭގައި އަރަބި ގަލްފުން ބޭރުގައި ހުރި އޮމާންގެ ބަނދަރުތައް މެދުވެރިކޮށް ވިޔަފާރި ފުޅާކުރުމާއި ސައުދީ އަރަބިއްޔާ އާއި އެހެނިހެން ސަރަހައްދުތަކުގައި ހުރި ތެޔޮ ހޮޅިތައް އިތުރު ކުރުން ނުވަތަ ދެގުނަ ކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.
މީގެ އިތުރުން އައު ރޭލު ދަތުރު ފަތުރުގެ ނިޒާމުތައް ޤާއިމުކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓު ކޮށްފައިވެ އެވެ.
އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މެކްރޮން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ، ސައުދީ-ފްރެންޗް ސްޓްރެޓީޖިކް ޕާޓްނަޝިޕް ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މި ކައުންސިލްް އަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އިސްތިރާތީޖީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް އުފައްދާފައިވާ މުހިންމު މަންސައެކެވެ.
މެކްރޮންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަޖެހުމާއި ސުލްހަ ޤާއިމު ކުރުމަށްޓަކައި، ފްރާާންސް އާއި ގަލްފުގެ ބައިވެރިންނާ ދެމެދު ގާތް ގުޅުމެއް ބޭއްވުން މުހިންމު ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި ސަރަހައްދީ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ އެވެ.
މި ދަތުރުފުޅަކީ މެދުއިރުމަތީގެ އިޤްތިސާދީ އަދި ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދެ ޤައުމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މުހިންމު ދަތުރުފުޅެކެވެ.
މަސްދަރު: އަލް ޖަޒީރާ










