ރަސްމީ ދަތުރުފުޅެއްގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ފްރާންސް އަށް
22 އޯގަސްޓު 2026 | ހޮނިހިރު 06:02ވަލީ އަހުދު މުހައްމަދުގެ މި ދަތުރުފުޅަކީ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުން، 24 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް. މި ދަތުރުފުޅުގައި ފްރާންސް އާއި ގަލްފުގެ ޤައުމުތަކާ ދެމެދު އޮންނަ ގާާތް ގުޅުމުގެ ތެރެއިން، ސަރަހައްދީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ފްރާންސް އިން ބުނެފައިވޭ


ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ގެޓީ އިމޭޖަސް
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، ފްރާންސް އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރައިވަޑައިގެންފައިވާ ކަމަށް، ސައުދީ ޕްރެސް އެޖެންސީ އިން ހުކުރު ދުވަހު ރިޕޯޓުކޮށްފި އެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، ވަލީ އަހުދު މުހައްމަދަށް މަރުހަބާ ދަންނަވާނެ ކަމަށް، ފްރާންސްގެ ރިޔާސީ ގަނޑުވަރުން ވަނީ ހާމަކޮށްފައި އެވެ.
ވަލީ އަހުދު މުހައްމަދުގެ މި ދަތުރުފުޅަކީ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުން، 24 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ފްރާންސް އާއި ގަލްފުގެ ޤައުމުތަކާ ދެމެދު އޮންނަ ގާާތް ގުޅުމުގެ ތެރެއިން، ސަރަހައްދީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ފްރާންސް އިން ބުނެފައިވެ އެވެ.
ސައުދީގެ ވަލީ އަހުދު މުހައްމަދުގެ މި ދަތުރުފުޅަކީ، މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާާ އާއި އިސްރާއީލް ގުޅިގެން އީރާން އަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށް، ހުޅަނގު އަދި ގަލްފުގެ ޤައުމުތަކުގެ ލީޑަރުން މަސައްކަތް ކުރައްވަމުން އަންނަ ވަގުތެއްގައި ކުރައްވާ ދަތުރުފުޅެކެވެ.
ފްރާންސް އަށް ކުރައްވާ މި ކުރު ދަތުރުފުޅުގެ ތެރެއިން، އާދީއްތަ ދުވަހު އީ ސްޕޯޓްސް ވޯލްޑް ކަޕްގައި ވެސް ވަލީ އަހުދު މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ސައުދީ އާއި ފްރާންސްއާ ދެމެދުގައި ބާއްވާ ފުރަތަމަ ސްޓްރެޓީޖިޖް ޕާޓްނަރޝިޕް ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ.
ސައުދީގެ ވަލީ އަހުދު މުހައްމަދު އެންމެ ފަހުން ފްރާންސް އަށް ވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.
މަސްދަރު: އަލް އަރަބިއްޔާ










