ހުރްމުޒް އިން ފީއެއް ނަގަން ނުވިސްނާ ކަމަށް އީރާން އިން އެމެރިކާ އަށް އެންގި: ނައިބު ރައީސް ވޭންސް
9 އޯގަސްޓު 2026 | އާދީއްތަ 07:00ވޭންސް ވިދާޅުވީ، އެމެރިކާ އިން އީރާާން އަށް އިތުބާރު ނުކުރާ ކަމަށް. އަދި އެމެރިކާ އިން ބަލާނީ ހަމައެކަނި ދައްކާ ވާހަކަ އާއި ބުނާ ވާހަކަ އަކަށް ނޫން ކަމަށް ވެސް ވޭންސް ވިދާޅުވި. އެމެރިކާ އިން ބަލާނީ އީރާން އިން އަމަލު ކުރާ ގޮތަށް ކަމަށާއި އީރާން އިން ބުނާ ގޮތަށް އަމަލު ކުރާކަން އެމެރިކާ އިން ޔަޤީން ކުރާނެ ކަމަށް ވެސް ވޭންސް ވަނީ ފާހަގަ ކުރައްވާފައި


އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ގެޓީ އިމޭޖަސް
ހުރްމުޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓުތަކުން، ނުވަތަ އުޅަނދުތަކުން އެއްވެސް ފީއެއް ނެގުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް، އީރާން އިން އެމެރިކާ އަށް އަންގާފައިވާ ކަމަށް އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވިދާޅުވީ، އީރާންގެ ނިޒާމުގެ ތެރެއިން ބައެއް ފަރާތްތަކުން ޓޯލް ފީ ނެގުމުގެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، އީރާން އިން ރަސްމީކޮށް އެމެރިކާ އަށް އަންގާފައި ވަނީ ހުރްމުޒް ކަނޑު އޮޅިން އެއްވެސް ފީއެއް ނަގަން ވިސްނާފައި ނެތް ކަަމަށެވެ.
މީގެ އިތުރުން ވޭންސް ވިދާޅުވީ، އެމެރިކާ އިން އުންމީދު ކުރަނީ ގަލްފު ސަރަހައްދުން ތެލާއި ގޭސް އެކްސްޕޯޓު ކުރުން ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ގެންދެވޭނެ ކަމަށެވެ. އީރާން އިން އެމެރިކާ އަށް އަންގާފައި ވަނީ، އެކަން އެހެން ކުރާނެ ކަމަށާއި، މުޅި ގަލްފުގެ ގުޅުމަށް ވެސް ބޭނުން ވަނީ އެގޮތް ކަމަށް ވޭންސް ވިދާޅުވި އެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުގެ ތެރެއިން
ނަމަވެސް ވޭންސް ވިދާޅުވީ، އެމެރިކާ އިން އީރާާން އަށް އިތުބާރު ނުކުރާ ކަމަށެވެ. އަދި އެމެރިކާ އިން ބަލާނީ ހަމައެކަނި ދައްކާ ވާހަކަ އާއި، ބުނާ ވާހަކަ އަކަށް ނޫން ކަމަށް ވެސް ވޭންސް ވިދާޅުވި އެވެ. އެމެރިކާ އިން ބަލާނީ އީރާން އިން އަމަލު ކުރާ ގޮތަށް ކަމަށާއި، އީރާން އިން ބުނާ ގޮތަށް އަމަލު ކުރާކަން އެމެރިކާ އިން ޔަޤީން ކުރާނެ ކަމަށް ވެސް ވޭންސް ވަނީ ވިދާޅުވެފަ އެވެ.
ހުރްމުޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގައި ވަރަށް މުހިންމު ކަނޑު އޮޅި އެކެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބަޔަކީ މި ކަނޑު އޮޅިން ދަތުރު ކުރާ ތެޔޮ ބޯޓުތަކުން އުފުލާ ތެލެވެ. މި ކަނޑު އޮޅިން ފީއެއް ނެގުމަށް އީރާން އިން ފަށައިފި ނަމަ، އެއީ ދުނިޔޭގެ ތެލުގެ ވިޔަފާރި އަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
ސަރަހައްދީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގައި ދިމާވި ދަތިތަކާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރުގައި ބޮޑެތި ބަދަލުތައް އައިސްފައިވެ އެވެ. އެމެރިކާ އިން ބުނާ ގޮތުން މިހާރު މަސައްކަތް ކުރަމުން ދަނީ ތެޔޮ އުފުލުން އާންމު ހާލަތަކަށް އަނބުރާ ގެނައުމަށެވެ.
މަސްދަރު: އަލް ޖަޒީރާ










