ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު
20 އޯގަސްޓު 2026 | ބުރާސްފަތި 06:10ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް ހާމަކުރާ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ. މި ބިލުގެ ސަބަބުން ވިޔަފާރިތަކަށް ޑޮލަރު ލިބުން ދަތިވެ ތަކެތީގެ އަގު އުފުލުމުގެ ބިރު އޮތްއިރު، މިއީ ފަންނީ ލަފައާ ނުލައި ފާސްކޮށްފައިވާ އިސްލާހުތަކެއް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި


ޤާނޫނު ނަންބަރު 32/2024 (ބޭރު ފައިސާއާ ބެހޭ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައަޅައި ބިލު ދިރާސާ ކުރުން | ރައްޔިތުންގެ މަޖިލިސް
ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މާލިއްޔަތު ކޮމިޓީން ފާސްކުރިއިރު، ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދާފައި ނުވާކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، މި ބިލަށް އޭނާ ވޯޓު ނުދެއްވީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށެވެ. އެގޮތުން މި ބިލުގެ މަގުސަދަކީ ޑޮލަރުގެ އަގު ހިފެހެއްޓުން ކަމަށްވީނަމަވެސް، ބިލުގައި ހުރި ކަންބޮޑުވުންތައް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި މި ބިލަށް ވޯޓު ނުދެއްވި ފުރަތަމަ ސަބަބަކީ، ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ މި ގާނޫނު ތައާރަޒުވާތީ އެވެ.
މީޑިއާތަކުން މައުލޫމާތު ފެތުރުމުގެ ސަބަބުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތުމަކީ ނޫސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މީގެ އިތުރުން، ދެވަނަ ސަބަބެއްގެ ގޮތުގައި ޝަމްހީދު ފާހަގަކުރެއްވީ މި ގާނޫނުގެ ސަބަބުން ޑޮލަރު ލިބުން މިހާރަށްވުރެ ބޮޑަށް ދަތިވެ، އާންމު ވިޔަފާރިތަކަށް ޑޮލަރު އެއްވެސް ގޮތަކަށް ނުލިބުމުގެ ބިރު އޮތުމެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިތައް ބަގުރޫޓުވެ، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މުދާ އެތެރެކުރުން ހުއްޓުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު ހީވެސް ނުކުރާ މިންވަރަށް އުފުލިގެން ދިއުމުގެ ބިރު އޮތްކަން ވެސް ޝަމްހީދު ފާހަގަކުރެއްވި އެވެ.
މި ބިލު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް ފާޑުވިދާޅުވަމުން ޝަމްހީދު ވިދާޅުވީ، ކޮމެޓީ މަރުހަލާގައި މި ބިލު ދިރާސާކުރިއިރު ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދާފައި ނުވާ ކަމަށެވެ. އިގްތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެ ބިލެއް ފަންނީ ލަފައާ ނުލައި ފާސްކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ވަނީ އިސްލާހު ގެނެސްފަ އެވެ.
އެގޮތުން ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިސްތިހާރު ކުރުމަކީ ކުށެެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ފާސްކޮށްފަ އެވެ.
އެ މައުލޫމާތު އިސްތިހާރުކޮށް ޕްރޮމޯޓު ކުރުން ކަމަށް ބުނެފައިވަނީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް ފޯރުކޮށްދިނުމެވެ.
މިފަދަ ކުށެއް ކުރާ ފަރާތެއް 25،000 (ފަންސަވީން ހާސް) ރުފިޔާ އާއި 500،000 (ފަސް ލައްކަ) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ މި އިސްލާހުތަކާ ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ މިންވަރު ރިޕޯޓުކުރުމަކީ ކުށަކަށް ހަދައި، އެކަމަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކަނޑައެޅުމަކީ މައުލޫމާތު ހޯދައި ފެތުރުމުގެ ހައްގަށް އަރައިގަތުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.










