މިލިންދުއާ އެކު މޯލްޑިވްސް ހާފް މެރަތަން ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި
13 އޯގަސްޓު 2026 | ބުރާސްފަތި 08:25މޯލްޑިވްސް ހާފް މެރަތަން 2026 ގައި ފަސް ކެޓަގަރީ އަކުން 2000 ބައިވެރިން ދުވާނެ ކަމަށް އައި ރަނަރސް އިން މައުލޫމާތު ދީފައިވޭ. އެގޮތުން ހާފް މެރަތަން އާއި، 15 ކިލޯމީޓަރު ދުވުން ފަތިހު 5:15 ގައި ފަށާ އިރު، ހެނދުނު 6:00 ގައި "ޓަފް ޓެން" ފަށާނެ. އަދި 7:30 ގައި ފަސް ކިލޯމީޓަރު ދުވުން ފަށާ އިރު، 8:30 ގައި ފަށާނީ ކުޑަކުދިންގެ ދުވުމުގެ ހާއްސަ ހަރަކާތެއް


މިދިޔަ އަހަރު އޮތް މޯލްޑިވްސް ހާފް މެރަތަންގެ ތެރެއިން | އައިރަނާސް
އައި ރަނަރސް އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ހާފް މެރަތަން 2026 ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް ހާފް މެރަތަން 2026 ގައި ފަސް ކެޓަގަރީ އަކުން 2000 ބައިވެރިން ދުވާނެ ކަމަށް އައި ރަނަރސް އިން މައުލޫމާތު ދީފައިވެ އެވެ. އެގޮތުން ހާފް މެރަތަން އާއި، 15 ކިލޯމީޓަރު ދުވުން ފަތިހު 5:15 ގައި ފަށާ އިރު، ހެނދުނު 6:00 ގައި "ޓަފް ޓެން" ފަށާނެ އެވެ. އަދި 7:30 ގައި ފަސް ކިލޯމީޓަރު ދުވުން ފަށާ އިރު، 8:30 ގައި ފަށާނީ ކުޑަކުދިންގެ ދުވުމުގެ ހާއްސަ ހަރަކާތެކެވެ.
މޯލްޑިވްސް ހާފް މެރަތަން 2026 ގައި މިއަހަރު 460 ދުވުންތެރިން ބައިވެރިވެ އެވެ.
މިއަހަރުގެ މޯލްޑިވްސް ހާފް މެރަތަންގެ ހަރަކާތްތައް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން ހުޅުމާލޭ ސިންތެޓިކް ދުވާ ޓްރެކްގައި ރޭހުގެ ބިބް ދޫކުރުމުގެ އިތުރުން، ދުވުމާއި ގުޅޭ އެކި ހަރަކާތްތައް ހިމެނޭ އެކްސްޕޯއެއް ވަނީ ކުރިއަށް ގެންގޮސްފައި އެވެ. ފިޓްނަސް ޗެލެންޖުތަކުގެ އިތުރުން، ފޮޓޯ ނެގުމާއި ދުވުމާ ގުޅޭ ޚާއްސަ ސާމާނު ވިއްކުން ވެސް އެކްސްޕޯގައި ކުރިޔަށް ދިޔަ އެވެ.
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްޕޯގައި އަންގާރަ ދުވަހު ބައިނަލްއަގުވާމީ ފިޓްނަސް އައިކަން، އެންޑުއަރެންސް އެތުލީޓު އަދި ކުރީގެ ބޮލީވުޑް އެކްޓަރު މިލިންދު ސޯމަން ބައިވެރިވި އެވެ. އަޔަން މޭން ޓްރައި އެތުލީޓް މިލިންދު ސޯމަން އާއެކު ޚާއްސަ ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައި އެވެ.
ބައިނަލްއަގުވާމީ ފިޓްނަސް އައިކަން، އެންޑުއަރެންސް އެތުލީޓު އަދި ކުރީގެ ބޮލީވުޑް އެކްޓަރު މިލިންދު ސޯމަން އަކީ މޯލްޑިވްސް ހާފް މެރަތަންގެ އިންޓަނޭޝަނަލް އެމްބަސަޑަރެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މޯލްޑިވްސް ހާފް މެރަތަންގެ އެކްސްޕޯ ބުރާސްފަތި ދުވަހު ނިންމާލާފައިވަނީ ކުޑަކުދިންނަށް ހާއްސަ އެވެންޓަކުންނެވެ. ހުކުރު ދުވަހު މޯލްޑިވްސް ހާފް މެރަތަން ކުރިއަށް ދާނީ ހުޅުމާލޭ ސިންތެޓިކް ދުވާ ޓްރެކުގައި އެވެ.



