ސިއްރުތައް ލީކުކުރަނީ ޕެންޓަގަންގެ ކުރީގެ އެއާފޯސް ޗީފް ކަމަށް ތުހުމަތުކޮށްފި
8 އޯގަސްޓު 2026 | ހޮނިހިރު 06:02އެމެރިކާގެ ރިޔާސީ މަތިންދާބޯޓުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިއްރު މައުލޫމާތުތަކެއް މީޑިއާއަށް ހިއްސާކުރި ކަމުގެ ތުހުމަތުގައި، އެއާފޯސްގެ ކުރީގެ ވެރިޔާ ފްރޭންކް ކެންޑަލްއަށް ދީފައިވާ ސެކިއުރިޓީ ކްލިއަރެންސް ޕެންޓަގަނުން ބާތިލްކޮށްފި. މި ފިޔަވަޅު އަޅާފައިވަނީ ގަތަރުން ހަދިޔާކުރި ބޯޓުގެ ރައްކާތެރިކަމާ މެދު ކެންޑަލް ސުވާލު އުފައްދާފައި ވަނިކޮށް ކަމަށްވާއިރު، ސިއްރުތައް ބޭރުކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި

ވޮޝިންގޓަންގެ ކެޕިޓަލް ހިލްގައި ހުންނަ ރޭބާން ހައުސް އޮފީސް ބިލްޑިންގުގައި، 2023 ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވި ހައުސް އާމްޑް ސަރވިސަސް ކޮމިޓީގެ އަޑުއެހުމެއްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ދަ އެއަރ ފޯސް ފްރޭންކް ކެންޑަލް ބައިވެރިވެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
ގަތަރުން ޑޮނަލްޑް ޓްރަމްޕަށް ހަދިޔާކުރި ރިޔާސީ މަތިންދާބޯޓާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ބޭރުކުރި ކަމަށް ތުހުމަތުކޮށް، އެމެރިކާގެ އެއާފޯސްގެ ކުރީގެ ވެރިޔާ ފްރޭންކް ކެންޑަލްއަށް ދީފައިވާ ސެކިއުރިޓީ ކްލިއަރެންސް ޕެންޓަގަނުން ބާތިލްކޮށްފި އެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ހުކުރު ދުވަހު އެކްސްގައި އާންމުކުރި ބަޔާނެއްގައި ވިދާޅުވީ، ކެންޑަލްއާ މެދު މި ފިޔަވަޅު އެޅީ "އެއާފޯސް ވަން" ގެ ގާބިލްކަމާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ހުއްދަނެތި މީޑިއާއަކަށް ހިއްސާކުރުމާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ޕާނެލް ވިދާޅުވީ، ސިއްރު މައުލޫމާތުތައް ރައްކާތެރިކުރުމަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެ އިތުބާރު މުގުރާލާ ކޮންމެ މީހަކަށް އެފަދަ މައުލޫމާތުތަކަށް ވާސިލްވުމުގެ އިމްތިޔާޒާއި އެފަދަ ޒިންމާއެއް އަދާކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ، މިދިޔަ އަހަރު ގަތަރު ސަރުކާރުން ޓްރަމްޕަށް ހަދިޔާކުރި ބޮއިންގް 747-8 މަރުކާގެ ލަގްޒަރީ މަތިންދާބޯޓުގައި، ކުރިން ބޭނުންކުރި "އެއާފޯސް ވަން" ގައި ހުންނަ ފަދަ ސަލާމަތީ އަދި ދިފާއީ ވަސީލަތްތައް ނެތް ކަމަށް ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
އެމް.އެސް ނައު އަދި ނިއު ޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރާވަމުންދާ ކަމުގެ ބިރު އޮތުމުން، ތުރުކީގައި އޮތް ނޭޓޯ ސަމިޓަށްފަހު އިނގިރޭސިވިލާތަށް ދަތުރުކުރެއްވުމަށްޓަކައި، ގަތަރުން ދިން ބޯޓުގެ ބަދަލުގައި އަސްލު "އެއާފޯސް ވަން" ބޯޓު ޓްރަމްޕް މިދިޔަ މަހު ވަނީ ބޭނުންކުރައްވާފަ އެވެ.
މި ބޯޓުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ނިއު ޔޯކް ޓައިމްސްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން، މިދިޔަ މަހު ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން ވަނީ އެ ނޫހުގެ ރިޕޯޓަރުން ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފަ އެވެ. ނަމަވެސް، އެ ތަހުގީގަކީ ނޫސްވެރިންނަށް ލިބިދޭ ރައްކާތެރިކަމާ ހިލާފު ކަމެއް ކަމަށް ފަނޑިޔާރަކު ނިންމެވުމުން، ޑީ.އޯ.ޖޭ އިން ފަހުން ވަނީ އެ އަމުރުތައް އަނބުރާ ގެންގޮސްފަ އެވެ.
2021 އިން 2025 އަށް ޖޯ ބައިޑަންގެ ސަރުކާރުގައި މަސައްކަތް ކުރެއްވި ކެންޑަލް މިދިޔަ މަހު ސީ.އެން.އެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގަތަރުން ދިން އާ ޖެޓުގެ މުވާސަލާތީ ކަންކަމާއި، ސަލާމަތީ ނިޒާމު އަދި ފުރާނަ ސަލާމަތްކުރުމުގެ ވަސީލަތްތައް ކުރީގެ ރިޔާސީ ބޯޓުގެ ފެންވަރަށް ގެނައުމަށް ތިނެއް ނުވަތަ ހަތަރު އަހަރުގެ މުއްދަތެއް ބޭނުންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޓްރަމްޕް ގެންދަވަނީ އޭނާއާއި އޭނާގެ ވެރިކަމާ ގުޅޭގޮތުން މީޑިއާތަކުން "ދޮގު" ޚަބަރު ފަތުރާ ކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވައި، ސިއްރުތައް ބޭރުކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފަހުން، އީރާނާއެކު ހިނގި ހަނގުރާމައިގައި އެމެރިކާގެ މިސައިލް ރިޒާވް ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، އެ މައުލޫމާތު ބޭރުކުރި މީހުން ހޯދައި ޖަލަށްލާނެ ކަމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފަ އެވެ. ޓްރަމްޕް ވަނީ އެ ރިޕޯޓްތައް ދޮގުކުރައްވައި، އެމެރިކާގެ ހަތިޔާރުގެ ރިޒާވް އަކީ "އިންތިހާއެއް ނެތް" އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.










