އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
2 އޯގަސްޓު 2026 | އާދީއްތަ 07:49ފީފާގެ ކައުންސިލް އަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައިގަނޑު ނިންމުންތައް ނިންމާ ބައެއް. މި ކައުންސިލްގައި ހަ ކޮންފެޑެރޭޝަންގެ 28 މެންބަރުންނާއި، އަށް ނައިބު ރައީސުންގެ އިތުރުން، ރައީސް ހިމެނޭ. ފީފާގެ ޤަވާއިދު ބުނާ ގޮތުން 37 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލްގެ 19 މެންބަރުން ނުވަތަ 50 އިންސަތައް މެންބަރުން އެދިއްޖެ ނަމަ އެކްސްޓްރާއޯޑިނަރީ ޖެނަރަލް ބަދަލުވުމެއް ބާއްްވަން ޖެހޭނެ


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެތައް ޕްރެޝަރެއް ބޮޑުވެފައިވާއިރު، އިންފަންޓީނޯއާ ދެކޮޅަށް އެކްސްޓްރާއޯޑިނަރީ ޖެނަރަލް ބައްދަލުވުމެއް ބާއްވަން ފީފާ ކައުންސިލް މެންބަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފި އެވެ.
ފީފާ ކައުންސިލްގެ މެންބަރުން މިފަދަ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަނީ، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެތައް ބައެއްގެ ނުރުހުން އަމާޒުވާން ފެށުމާ އެކު، ހޮނިހިރު ދުވަހު ފީފާ އިން ވަނީ އެ ޕްލޭން ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.
މީގެ އިތުރުން މިދިޔަ ޖުލައި މަހު ނިމުނު ފީފާ ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާގެ ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ވެސް، އިންފަންޓީނޯ އަށް ވަނީ ނުރުހުން އަމާޒުވެފައި އެވެ. އޭރު ފީފާ ކައުންސިލްގެ މެންބަރުން ވަނީ އެކަމުގެ މިނިވަން ތަހުގީގެއް ކުރިއަށް ގެންދިޔުމަށް ވެސް ގޮވާލައިފަ އެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައިގަނޑު ނިންމުންތައް ނިންމަނީ ފީފާގެ ކައުންސިލުންނެވެ. މި ކައުންސިލްގައި ހަ ކޮންފެޑެރޭޝަންގެ 28 މެންބަރުންނާއި، އަށް ނައިބު ރައީސުންގެ އިތުރުން، ރައީސް ހިމެނެ އެވެ. ފީފާގެ ޤަވާއިދު ބުނާ ގޮތުން 37 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލްގެ 19 މެންބަރުން ނުވަތަ 50 އިންސަތައް މެންބަރުން އެދިއްޖެނަމަ، އެކްސްޓްރާއޯޑިނަރީ ޖެނަރަލް ބަދަލުވުމެއް ބާއްްވަން ޖެހޭނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ކައުންސިލްގައި ހިމެނޭ މެންބަރުންގެ ތެރެއިން 10 މެންބަރަކު މިހާރު ވެސް ވަނީ އިންފަންޓީނޯއާ ދެކޮޅަށް ތެދުވެފައި އެވެ. އިންފަންޓީނޯއާ ދެކޮޅަށް ނުރުހުން އަމާޒުވާން ފެށީ ވޯލްޑް ކަޕް ހިންގުމަށް އައު ކުންފުންޏެއް އުފައްދައި، 20 އިންސަތަ ތްރައިވް ކެޕިޓަލް އަށް ވިއްކާލުމަށް ރާވާފައިވާ އޮތް ރޭވުމުގެ ސަބަބުންނެވެ. އެ ކުންފުނީގެ ވެރިޔަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނާގެ ބޭބެ، ޖޯޝުއާ ކުޝްނާ އެވެ.
ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ރޭވި ރޭވުމާ ދެކޮޅަށް ޔުއެފާ އާއި ކޮންކާކަފް އަދި އޭއެފްސީ އިން ވަނީ ބަޔާން ނެރެފައި އެވެ. މީގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ ނުރުހުން އަމާޒުވާން ފެށުމާ އެކު، އެންމެ ފަހުން އިންފަންޓީނޯ ވަނީ އެ ޕްލޭންގެ މަސައްކަތް ހުއްޓާލައިފަ އެވެ. އިންފަންޓީނޯ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު އެފްރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަން އަދި ދެކުނު އެމެރިކާާގެ ކޮންމެބޯލް އިން ވަނީ އިންފަންޓީނޯ އަށް ތާއީދު ކުރާ ކަމަށް ހާމަކޮށްފައި އެވެ.










