74 އަހަރު ފަހުން ޕޭން އެމްގެ ވެއްޓުނު މަތިންދާބޯޓު ހޯދައިފި
ޕޭން އެމް މަތިންދާބޯޓު، 11 އޭޕްރީލް 1952 ގައި ޕުއެޓޯ ރިކޯގެ ސަން ހުއާން އިން ފުރައިގެން ދަތުރުކުރަމުންދިޔައީ ނިއު ޔޯކަށް. ބޯޓުގައި 64 ފަސިންޖަރުންނާއި ފަސް ފަޅުވެރިން ތިބިއިރު، ބޯޓު ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޯޓުގެ ކަނާތްފަރާތުގެ ދެ އިންޖީނު ހުއްޓި، މަދު މިނެޓްކޮޅެއްގެ ތެރޭގައި ބޯޓު ވަނީ ކަނޑަށް ވެއްޓިފައި

ކްލިޕަރ އެންޑެވަރގެ ފޮޓޯއެއް | ޕޭން އެމް ހިސްޓޮރިކަލް ފައުންޑޭޝަން
ޕުއެޓޯ ރިކޯގެ ކަނޑުގެ ސަރަހައްދަށް ޕޭން އެމްގެ މަތިންދާބޯޓެއް ވެއްޓުނުތާ 74 އަހަރު ފަހުން، 52 މީހުންގެ ފުރާނަ ގެއްލުނު އެ ބޯޓުގެ ބައިތައް ކަނޑުގެ އަޑިން ހޯދައިފި އެވެ. މި ބޯޓުގެ ބައިތައް ހޯދާފައިވަނީ ޑިސްކަވަރީ ޗެނަލްއާ ގުޅިގެން މަސައްކަތްކުރާ އޭވިއޭޝަން ސާޗް ޓީމަކުންނެވެ.
"ކްލިޕަރ އެންޑެވަރ" ގެ ނަމުން ނަންދެވިފައިވާ މި ޕޭން އެމް މަތިންދާބޯޓު، 11 އޭޕްރީލް 1952 ގައި ޕުއެޓޯ ރިކޯގެ ސަން ހުއާން އިން ފުރައިގެން ދަތުރުކުރަމުންދިޔައީ ނިއު ޔޯކަށެވެ. ބޯޓުގައި 64 ފަސިންޖަރުންނާއި ފަސް ފަޅުވެރިން ތިބިއިރު، ބޯޓު ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޯޓުގެ ކަނާތްފަރާތުގެ ދެ އިންޖީނު ހުއްޓި، މަދު މިނެޓްކޮޅެއްގެ ތެރޭގައި ބޯޓު ވަނީ ކަނޑަށް ވެއްޓިފަ އެވެ.
ޕޭން އެމް ހިސްޓޮރިކަލް ފައުންޑޭޝަނުން މައުލޫމާތުދޭ ގޮތުގައި، ބޯޓުގައި ލައިފް ރާފްޓާއި ފްލޯޓޭޝަން ޑިވައިސްތައް ހުރި ނަމަވެސް، ގިނަ ފަސިންޖަރުން ތިބީ އެމީހުންގެ ސީޓުތަކުގަ އެވެ. މީގެ ސަބަބުން ބޯޓާއެކު 52 މީހުން ކަނޑުގެ އަޑިއަށް ގޮސް މަރުވިއިރު، ސަލާމަތްވީ އެންމެ 17 މީހުންނެވެ.
ބޯޓު ވެއްޓުނު ސަރަހައްދު އާންމުގޮތެއްގައި އެނގުނު ނަމަވެސް، ކަނޑުގެ އަޑީގައި ބޯޓުގެ ބައިތައް ހުރި ސީދާ ތަން މީގެ ކުރިން އޮތީ ނޭނގިފަ އެވެ.
ނިމިދިޔަ މަހުގެ ތެރޭގައި، އެއަރ/ސީ ހެރިޓޭޖް ފައުންޑޭޝަނުން ޑިސްކަވަރީ ޗެނަލްގެ "އެކްސްޕެޑިޝަން އަންނޯން" ޝޯ އަދި ޑީޕް ސީ ވިޜަން ކުންފުންޏާ ގުޅިގެން ކުރި މަސައްކަތުން، ކަނޑުގެ 2،000 ފޫޓު އަޑިން ބޯޓުގެ ބައިތައް ވަނީ ހޯދާފަ އެވެ. މި ހޯދުމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު އެމެރިކާގެ އެން.ބީ.ސީގެ "ޓުޑޭ" ޝޯގަ އެވެ.
ޑިސްކަވަރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ ފެނުނު މި ޑަގްލަސް ޑީސީ-4 މަރުކާގެ ބޯޓު އޮތީ ދެ ބަޔަށް ބިންދައިގެން ގޮސްފަ އެވެ. އަދި ބޯޓުން ފެނުނު ފޮޓޯތަކުން ޕޭން އެމެރިކަންގެ މަޝްހޫރު "ވިންގްޑް" ލޯގޯ އާއި ބޯޓުގެ ނަން ސާފުކޮށް ފެންނަން ހުރުމުން، އެއީ އެ ބޯޓުކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
އެއަރ/ސީ ހެރިޓޭޖް ފައުންޑޭޝަނުން މިހާރު ދަނީ ބޯޓު ފެނުނު ސަރަހައްދު ހިމާޔަތްކުރުމަށް ޕުއެޓޯ ރިކޯގެ ސަރުކާރާއެކު މަސައްކަތް ކުރަމުންނެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ހަނދާނުގައި ބިނާއެއް ބެހެއްޓުމަށް ބާރުއަޅަމުންދާ ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެފައިވެ އެވެ.
މީގެ އިތުރުން، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، މިހާދިސާއިން ސަލާމަތްވެ މިހާރު ދުނިޔޭގައި ތިބިކަން އެނގޭ ހަމައެކަނި ދެ މީހުންނަށް މިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ޑިސްކަވަރީ ޗެނަލުން ގަސްދުކުރަނީ މި ހޯދުމާ ގުޅޭ ތަފްސީލީ ރިޕޯޓެއް މިއަހަރުގެ ފަހުކޮޅު "އެކްސްޕެޑިޝަން އަންނޯން" ގެ އެޕިސޯޑެއްގައި ގެނެސްދިނުމަށެވެ.
މަސްދަރު: ސީއެންއެން



