ބެޑްމިންޓަން ފެޑެރޭޝަންގެ ޖޫނިއާ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ފަސް ކުޅުންތެރިޔަކު ފިލިޕީންސް އަށް
28 ޖުލައި 2026 | އަންގާރަ 03:22މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނަކީ ލައިބާ އަޙުމަދު މަޚްލޫފް، ޔަލްވީ ޙުސެއިން ޒުހުރީ، އަޙުމަދު ފަލަޙު ފަރޫޒާން، އިޒްޔަން އަޙުމަދު ސައީދު އަދި ރިޝާމާ ޢަބްދުލް ފައްތާޙު


ފިލިޕީންސްގައި ކުރިއަށްދާ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ޒުވާން ކުޅުންތެރިން | ސޯޝަލް މީޑިއާ
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ބާއްވާ އިންޓަނޭޝަނަލް ޖޫނިއާ ސީރީޒްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ފަސް ބެޑްމިންޓަން ކުޅުންތެރިން ފިލިޕީންސް އަށް ގޮސްފި އެވެ.
ފިލިޕީންސްގެ ވެރި ރަށް މެނީލާގައި މި މުބާރާތް ކުރިއަށް ދާނީ އަންނަ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން، ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނަކީ ލައިބާ އަޙުމަދު މަޚްލޫފް، ޔަލްވީ ޙުސެއިން ޒުހުރީ، އަޙުމަދު ފަލަޙު ފަރޫޒާން، އިޒްޔަން އަޙުމަދު ސައީދު އަދި ރިޝާމާ ޢަބްދުލް ފައްތާޙު އެވެ.
މުބާރާތުގައި މި ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައި ވަނީ 15 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ ކެޓަގަރީގައި އެވެ. އެގޮތުން ކޮންމެ ކެޓަގަރީ އަކުން ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގައި ވެސް މި ކުޅުންތެރިން ވާދަކުރާނެ އެވެ.
ހޯމަ ދުވަހު މި ކުޅުންތެރިން ފިލިޕީންސް އަށް ގޮސްފައިވާއިރު، މުބާރާތުގެ ކުރިން މި ކުޅުންތެރިން ފިލިޕީންސްގައި ހަތް ދުވަހުގެ ތަމްރީނުތަކެއް ކުރިއަށްގެންދާނެ އެވެ.




