ވޯލްޑް ކަޕް އިން ވިދާލި ކޭޕް ވާޑްގެ ގޯލު ކީޕަރު ވޮޒީނިއާ، ޗިލީގެ ކޮލޯ ކޮލޯ އަށް ބަދަލުވާން އެއްބަސްވެއްޖެ
26 ޖުލައި 2026 | އާދީއްތަ 09:50އުމުރުން 40 އަހަރުގެ ވޮޒީނިއާ އެ ކުލަބަށް ބަދަލު ވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބުން ވަނީ ވޮޒީނިއާ އެ ކުލަބާ ގުޅޭކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފައި. އޭނާ އަށް އެ ކުލަބުން ރަސްމީކޮށް މަރުޙަބާ ކިޔަން ނިންމާފައިވާ ކަމަށް، ކޮލޯ ކޮލޯގެ ރައީސް އަނީބަލް މޯސާ ވަނީ ވިދާޅުވެފައި


ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ކޭޕް ވާޑްގެ ގޯލު ކީޕަރު ވޮޒީނިއާ | ގެޓީ އިމޭޖަސް
ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕްގައި މަޝްހޫރުކަން ހޯދި ކޭޕް ވާޑްގެ ގޯލު ކީޕަރު ވޮޒީނިއާ، ޗިލީގެ ކޮލޯ ކޮލޯ ކުލަބަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
އުމުރުން 40 އަހަރުގެ ވޮޒީނިއާ އެ ކުލަބަށް ބަދަލު ވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބުން ވަނީ ވޮޒީނިއާ އެ ކުލަބާ ގުޅޭކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފައި އެވެ. އޭނާ އަށް އެ ކުލަބުން ރަސްމީކޮށް މަރުޙަބާ ކިޔަން ނިންމާފައިވާ ކަމަށް، ކޮލޯ ކޮލޯގެ ރައީސް އަނީބަލް މޯސާ ވަނީ ވިދާޅުވެފައި އެވެ.
ވޯލްޑް ކަޕްގައި ވޮޒީނިއާ ދުނިޔޭގެ ސަމާލުކަން ހޯދީ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ސޭވް ތަކެއް ކޮށްގެންނެވެ. އެ މެޗުގައި ކޭޕް ވާޑް އިން ވަނީ ސްޕެއިންއާ އެއްވަރު ކޮށްފައި އެވެ. އޭގެ ފަހުން މުބާރާތުގެ ގަދަ 32 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވޮޒީނިއާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވޯލްޑް ކަޕްގައި ސަޕޯޓަރުން ހޮވި ޑްރީމް ޓީމުގައި ވެސް ވޮޒީނިއާ ހިމެނިފައިވެ އެވެ.
މޯސާ ވިދާޅުވީ، ވޮޒީނިއާ ކޮލޯ ކޮލޯގެ ކުޅުންތެރިޔަކަށް ވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ޗިލީއަށް އަންނާނެ ކަމަށެވެ. އަދި އާންމު ކަންކަން ފުރިހަމަ ކުރުމަށް ފަހު، އެސްޓާޑިއޯ މޮނުމެންޓަލްގައި އޭނާ ތައާރަފު ކުރާނެ ކަމަށް ވެސް މޯސާ ވިދާޅުވި އެވެ. އިތުރަށް މޯސާ ވިދާޅުވެފައި ވަނީ، ވޯލްޑް ކަޕްގައި ވޮޒީނިއާ ދެއްކި ކުޅުމަކީ ހައިރާންވާ ވަރުގެ ކުޅުމެއް ކަމަށާއި، ވޮޒީނިއާ އާއެކު ކޮލޯ ކޮލޯ އަށް ފައިދާތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ވޯލްޑް ކަޕްގެ ތެރޭގައި މަޝްހޫރުކަން ހޯދި ވޮޒީނިއާ ވަނީ އާންމުންގެ ތެރޭގައި މަޤުބޫލު ކުޅުންތެރިޔަކަށް ވެފައި އެވެ. ވޯލްޑް ކަޕްއާ ކުރިމަތިލީއިރު އޭނާގެ އިންސްޓަގަރްމާގައި ތިބި ފޮލޯވަރުންގެ އަދަދަކީ ފަންސާސް ހާހެވެ. ނަމަވެސް، ވޯލްޑް ކަޕް އިން ވިދާލައި، އޭނާގެ އިންސްޓަގްރާމްގައި މިހާރު 29 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ.
ޗިލީގެ މި ކުލަބަކީ ވޮޒީނިއާގެ ކެރިއަރުގައި އޭނާ ކުޅޭނެ 10 ވަނަ ކުލަބެވެ. އުމުރުން 40 އަހަރުގައި ވެސް އޭނާ ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.





