ތަޖުރިބާކާރު ރެފްރީއެއްގެ ބަސް: ވޯލްޑް ކަޕްގައި އެއްވެސް ޓީމަކަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުމެއް ނުނިންމާނެ!
އާޖެންޓީނާ އާއި ލިއޮނަލް މެސީ އަށް މުބާރާތް ކާމިޔާބު ކޮށްދިނުމަށް ފީފާ އިން ރޭވުންތަކެއް ރާވާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ތިއަރީތަކަށް ރައްދު ދެމުން އޭނާ ބުނީ، ރެފްރީންނަކީ ފީފާގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަންކަމާ އެކު ނިންމުންތައް ނިންމާ ބައެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށް


ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް
ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ރެފްރީންނަކީ ވަކި ޓީމަކަށް ނުވަތަ ވަކި ކުޅުންތެރިޔަކު މޮޅުވުމަށް މަގުފަހި ކޮށްދޭ ބައެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް، ދެ ވޯލްޑް ކަޕެއްގައި އެސިސްޓަންޓް ރެފްރީކަން ކުރި ތަޖުރިބާކާރު އޮފިޝަލަކު ބުނެފި އެވެ.
އާޖެންޓީނާ އާއި ލިއޮނަލް މެސީ އަށް މުބާރާތް ކާމިޔާބު ކޮށްދިނުމަށް ފީފާ އިން ރޭވުންތަކެއް ރާވާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ތިއަރީތަކަށް ރައްދުދެމުން އޭނާ ބުނީ، ރެފްރީންނަކީ ފީފާގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަންކަމާ އެކު ނިންމުންތައް ނިންމާ ބައެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަވާޑް ވެބްގެ ޓީމުގައި ހިމެނުނު ޑަރެން ކޭން ބުނީ، ރެފްރީންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން، ތަފާތު އެސޯސިއޭޝަންތަކުން ހޮވާލެވޭ ބައެއް ކަމަށެވެ. އަދި މުބާރާތުގެ ދުވަސްވަރު ރެފްރީން ތިބެނީ ފީފާގެ އިސްވެރިންނާ ވަކިން، ޚާއްސަ ޓްރެއިނިން ކޭމްޕެއްގައި ކަމަށާއި، އެއްވެސް ސިއްރު ބައްދަލުވުމެއް ނުބާއްވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

2010 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ އޮފިޝަލުންގެ ތެރޭގައި ހިމެނުނު ޑަރެން ކޭން އަދި އެހެން ރެފްރީން | ގެޓީ އިމޭޖަސް
ރެފްރީންގެ މުޅި ދުވަސް ހޭދަވަނީ ފިޒިކަލް ޓްރޭނިން ތަކުގައްޔާއި، މެޗުތަކުގެ ވީޑިއޯ އެނަލައިޒް ކުރުމުގައި ކަމަށްވާއިރު، ވަކި ކުޅުންތެރިޔަކު ފައިނަލް އަށް ގެންދިއުމުގެ "މާސްޓާ ޕްލޭން" އެއް އޮންނަ ކަމަށް ބުނާ ވާހަކަ އަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް އޭނާ ފާހަގަ ކުރި އެވެ.
މެސީ އާއި ލަމީން ޔަމާލްގެ ފައިނަލެއް ބޭއްވުމަށް ފީފާއިން ބޭނުންވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް އޭނާ ބުނީ، ޔަމާލް ކުޑައިރު މެސީ އާއެކު ނަގާފައިވާ ފޮޓޯގެ ވާހަކަ ވެސް ގިނަ ރެފްރީންނަށް ނޭންގޭނެ ކަމަށެވެ. މެޗު ތަކުގައި ރެފްރީންނަށް ގޯސްތައް ހެދުމަކީ އިންސާނީ ތަބީއަތް ކަމަށާއި، އެއީ ވަކި ގައުމަކަށް ނުވަތަ ކުލަބަކަށް ޖެހިލުން ވެގެން ކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މިސާލެއްގެ ގޮތުން، މީގެ އަހަރުތަކެއް ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗެއްގައި މެސީ އަށް ޕެނަލްޓީއެއް ނުދީ ދޫކޮށްލެވުނު ކަމަށާއި، ފަހުން ވީޑިއޯ ބެލުމުން އެއީ ޕެނަލްޓީއެއް ދޭން ޖެހޭ ވަރުގެ ކަމެއްކަން އެނގުނު ނަމަވެސް، އެ ނިންމުމަކީ އެވަގުތު ފެނުނު ގޮތަށް ނިންމި އިޚްލާޞްތެރި ނިންމުމެއް ކަމަށް އޭނާ ހާމަކުރި އެވެ.
ރެފްރީންނާ މެދު ކުރެވޭ މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނަށާއި، އެމީހުންގެ އާއިލާތަކަށް ބޮޑެތި ނުރައްކަލާ ކުރިމަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ. މި މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗަށް ފަހު، ރެފްރީންގެ މިނިވަންކަމާ ގުޅޭ ގޮތުން ފީފާގެ ރެފްރީސް ކޮމިޓީގެ ވެރިޔާ ޕިއަރްލުއިޖީ ކޮލީނާ އަށް ބަޔާނެއް ނެރެން ޖެހުނުކަން އޭނާ ފާހަގަކުރި އެވެ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ސްވިޒަލެންޑު ބައްދަލު ކުރި މެޗުގެ ތެރެެއިން | ގެޓީ އިމޭޖަސް
މިޞްރުން ވަނީ ރެފްރީ ފްރާންސުއާ ލެޓެކްސިއޭ ގަސްދުގައި އާޖެންޓީނާ އަށް އެހީތެރިވި ކަމަށް ތުހުމަތު ކޮށްފައި އެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ރެފްރީން ކަމަށްވާ މައިކަލް އޮލިވާ އަދި އެންތަނީ ޓޭލާއަށް ވެސް މީގެ ކުރިން މިފަދަ ތުހުމަތުތަކާ ގުޅިގެން މަރުގެ އިންޒާރުތައް ލިބިފައިވާކަން އޭނާ ހަނދާން ކޮށްދިނެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި، ގާނާ އަދި ބްރެޒިލްގެ މެޗުތަކުގައި ވެސް ރެފްރީންގެ ނިންމުންތަކުގައި ކުށް ހުރިކަން ފާހަގަ ކުރަމުން އޭނާ ބުނީ، 103 މެޗު ކުޅެވުނުއިރު ކުށް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރޭވުމެއްގެ ދަށުން ކުރާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އާދީއްތަ ދުވަހުގެ ފައިނަލް މެޗުގެ ރެފްރީ ސްލޮވީނިއާގެ ސްލާވްކޯ ވިންސިޗް އަށް މަރުހަބާ ކިޔަމުން އޭނާ ބުނީ، ފައިނަލް މެޗެއްގައި ރެފްރީކަން ކުރާއިރު ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ރެފްރީ އަށް މުހިންމު ވާނީ އެއްވެސް ގޯސް ނިންމުމެއް ނުނިންމައި، މެޗު ނިންމާލުން ކަމަށެވެ. އެހެންކަމުން، ރެފްރީން ވަކި ޓީމަކަށް ޖެހޭ ކަމަށް ބުނާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވެ އެވެ.










