ހޯރަފުށީގައި ހިނގި ހާދިސާއިން ދައްކުވައިދެނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމުގެ ނިޒާމު ފެއިލްވެފައިވާ މިންވަރު!
ހޯރަފުށީ ޖުވެނައިލް ހާފްވޭ ހައުސްގައި ތިބި ތިން ކުއްޖަކު އެ ރަށު މީހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން، ކުޑަކުދިން އިސްލާހުކުރާ ނިޒާމުގެ ރައްކާތެރިކަމާމެދު އާންމުން ދަނީ ސުވާލު އުފައްދަމުން. ގިނަ އަދަދެއްގެ މުވައްޒަފުން ތިބޭ މިފަދަ މަރުކަޒަކުން ކުދިން ބޭރަށް ނުކުމެ ޖިނާއީ ކުށްތަކަށް އަރައިގަތުމަކީ ދައުލަތުގެ ބެލެހެއްޓުމުގެ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް. އެހެންކަމުން މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމު


ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ މަރުކަޒު (ޖުވެނައިލް ހާފްވޭ ހައުސް) | ރައީސް އޮފީސް
ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ މަރުކަޒު (ޖުވެނައިލް ހާފްވޭ ހައުސް) ގައި ތިބި ތިން ކުއްޖަކު ވެގެން އެ ރަށުގެ އާންމު ރައްޔިތަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން މުޅި އެ ރަށުގެ ރައްޔިތުންގެ މެދުގައިވެސް ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އެކަން ހިނގާދިޔަ ގޮތަށް ބަލާއިރު ފެންނަން އޮތީ ރާއްޖޭގެ ކުޑަކުދިން އިސްލާހުކުރުމުގެ ނިޒާމާއި، އެ ނިޒާމުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި، އެފަދަ މަރުކަޒުތައް ހުންނަ ރަށްރަށުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފެއިލްވަމުންދާ މަންޒަރެވެ.
ހޯރަފުށީ ކައުންސިލުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ ހާފްވޭ ހައުސްގައި ތިބި ތިން ކުއްޖަކާއި، އަތިރިމަތީގައި މަސްބާނަން ހުރި މީހަކާ ދެމެދު ހިނގި ދެބަސްވުމަކަށް ފަހުގަ އެވެ. ހަމަލާ އަމާޒުވި މީހާ އެތަނުން ސަލާމަތްވާން މަސައްކަތް ކުރި ނަމަވެސް، އެ ކުދިން އޭނާގެ ފަހަތުން ދުވެ، އޭނާއަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަދި އޭނާގެ ގައިގައި ތަޅައި ހަމަލާދީފައިވާއިރު، އޭނާ ފެނުނުއިރު އޮތީ ޚަބަރު ހުސްވެ، ހަށިގަނޑަށް އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. ފުރަތަމަ ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ޙާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކުރުމަށް އެ މަރުކަޒު ދޮށަށްވެސް އެއްވެފައެވެ. ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުދިންތަކެއް އެއްފަހަރާ މަރުކަޒުން ބޭރަށް ނުކުމެ ޖިނާއީ ކުށްތަކަށް އަރައިގަނެ، ރަށުތެރޭގެ މަސްލަޙަތު ގެއްލުވާލެވިގެންދާއިރު، ކަމާ ގުޅުންހުރި އިދާރާތައް ކޮބައިތޯ އެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ތިރީހަކަށް މުވައްޒަފުންނެއް ތިބި އެ އިދާރާއަށްވެސް އެކަމުގެ ހިލަމެއްނުވީތޯ އެވެ؟

ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ މަރުކަޒު (ޖުވެނައިލް ހާފްވޭ ހައުސް) | ރައީސް އޮފީސް
ހާފްވޭ ހައުސްއަކީ އާދައިގެ އާންމު ގެއެއް ނޫނެވެ. އެއީ ހާއްސަ ބެލެހެއްޓުމާއި އިސްލާހީ ފަރުވާ ބޭނުންވާ ކުދިން ބޭތިއްބުމަށް ހަދާފައިވާ ތަނެކެވެ. އެފަދަ މަރުކަޒުތަކުގައި ތަމްރީނުލިބިފައިވާ މުވައްޒަފުންނާއި، ސަލާމަތީ ފިޔަވަޅުތަކާއި، ކުދިންގެ އުޅުން މޮނިޓަރުކުރާނެ ނިޒާމުތަކާއި، ކައުންސެލިން އަދި މިފަދަ ހާދިސާތައް ހުއްޓުވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތައް ހުންނަންޖެހެ އެވެ. ސުވާލަކީ މިވަރުގެ ބޮޑު ޙާދިސާއެއް ހިނގައިގެން ދިޔައިރު، މި ދެންނެވި ކަންކަން ހުރީ ފުރިހަމަނުވެތޯއެވެ؟ އެހެންވިއްޔާ އެކަމުގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟
މިއީ ވަކިން ހާއްސަކޮށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަބަބަކީ ކުޑަކުދިން އިސްލާހުކުރުމުގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާތީ އެވެ. މި މަރުކަޒުތަކުގައި މެނޭޖަރުންނާއި، ސޯޝަލް ވޯކަރުންނާއި، ކައުންސެލަރުންނާއި، ޔޫތު އޮފިސަރުންނާއި، ސެކިއުރިޓީ އަދި އިދާރީ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިހާ ގިނަ ވަސީލަތްތައް ހުރިއިރުވެސް މިފަދަ ހާދިސާތައް ތަކުރާރުވަނީ ކީއްވެގެން ހެއްޔެވެ؟
އިސްލާހީ މަރުކަޒުތަކަށް ގެންދެވޭ ގިނަ ކުދިންނަކީ މާޒީގައި ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ ކުދިންނެވެ. އޭގެ ތެރޭގައި އުޅުމުގެ މައްސަލަތަކާއި، ނަފްސާނީ އަނިޔާތަކާއި، އާއިލީ މައްސަލަތައް ނުވަތަ ގާނޫނާ ހިލާފު އަމަލުތަކުގެ ރެކޯޑު އޮތް ކުދިން ހިމެނެ އެވެ. ރިހެބިލިޓޭޝަން ނުވަތަ އިސްލާހީ ފަރުވާގެ ބޭނުމަކީ ރޭވުންތެރިކަމާއެކު އެ ކުދިންގެ ކިބައިގައި ހުރި އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. ނަމަވެސް އެތަންތަނަށް ގެންދެވޭ ކުދިން ނުބެލެހެއްޓޭނަމަ، މުޅި މުޖުތަމައަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މި ފެންނަމުންދަނީވެސް ހަމަ އެ މަންޒަރު ނޫންތޯއެވެ؟
އިސްލާހީ މަރުކަޒުތައް ހުންނަ ރަށްރަށުގެ ރައްޔިތުންނަކީ، އެތަނުގައި ތިބޭ ކުދިން ބަލަހައްޓަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އުފެދޭ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހޭނެ ބައެއް ނޫނެވެ. ހަމައެފަދައިން، އެ މަރުކަޒުތަކުގައި ތިބޭ ކުދިންނަކީވެސް ހަމައެކަނި ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ބަންދުކޮށްފައި ބައިތިއްބާ ބަޔަކަށް ވުމުގެ ބަދަލުގައި، ކުށްކުރުމާ ދުރުހެލިވާނެ ފަދަ ހަގީގީ އިސްލާހީ ޕްރޮގްރާމްތަކެއް ލިބެންޖެހޭ ބައެކެވެ.
ޖުމުލަކޮށް ބުނާނަމަ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް އާންމު ރައްޔިތަކަށް ހަމަލާދީ، އެކަމާ ގުޅިގެން ރައްޔިތުން ނުކުމެ މުޒާހަރާ ކުރަންޖެހޭ ހިސާބަށް ކަންތައް ދިއުމުން، އެ ނިޒާމު ހިނގަނީ އެންމެ ރަނގަޅަށް ކަމަށް ބުނަން ދައްޗެވެ. ދެންނެވެން އޮތީ މިއީވެސް ހަމަ ދައުލަތުގެ ބޮޑު ފެއިލިއަރ އެކެވެ.








