ވޯލްޑް ކަޕް ސެމީފައިނަލް: ފްރާންސް އާއި ސްޕެއިން މެޗަކުން ބަލި ނުވާ ދެޓީމު، އެކަމަކު ފައިނަލަށް ދާނީ ކޮންމެވެސް އެއް ބަޔަކު
މި އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރާއިރު، މިއީ 1990 ވަނަ އަހަރަށްފަހު ސެމީގައި ވާދަކުރާ ހަތަރު ޓީމަކީވެސް ކުރިން ތަށި ހޯދާފައިވާ ޓީމުތަކަށް ވި ފުރަތަމަ ފަހަރު. ރެކޯޑުތަކަކާ ގާތްވަމުންދާ އެމްބާޕޭއާއި ޒުވާން ތަރި ޔަމާލްގެ ކުރިމަތިލުމަކަށް މި މެޗު ވެގެންދާއިރު، އަނެއް ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ އިންގްލެންޑާ

2024 ޖުލައި 9 ވީ އަންގާރަ ދުވަހު މިއުނިކްގެ މިއުނިކް ފުޓްބޯޅަ އެރީނާގައި ކުޅުނު ޔޫރޯ 2024 ގެ ސެމީ ފައިނަލް މެޗުގައި، ސްޕެއިންގެ ފޯވާޑް ނަންބަރު 19 ލަމީން ޔަމާލް، ފްރާންސްގެ ފޯވާޑް ނަންބަރު 10 ކީލިއަން އެމްބާޕޭ ހުއްޓުވުމަށް މަސައްކަތް ކުރަނީ. | ގެޓީ އިމޭޖަސް
މި އަހަރުގެ ވޯލްޑް ކަޕްގައި ކީލިއަން އެމްބާޕޭ އާއި ފްރާންސްގެ ޓީމު އަދި މިހާތަނަށް އެއްވެސް މެޗެއްގައި ލީޑު ގެއްލި، ފަހަތުން އަރަން ޖެހިފައެއް ނުވެ އެވެ. ހަމަ އެހެންމެ ޒުވާން ތަރި ލަމީން ޔަމާލް އާއި މުހިންމު ވަގުތުތަކުގައި ލަނޑު ޖަހައިދޭ ބަދަލު ކުޅުންތެރިޔާ މިކޭލް މެރީނޯއާއެކު ކުޅެމުން އަންނަ ސްޕެއިން އަކީ ވެސް ފަހަތުން އަރަން ޖެހުނު ޓީމެއް ނޫނެވެ.
ނަމަވެސް، މުބާރާތުގެ ފައިނަލަށް ދެވޭނީ މި ދެ ޓީމުގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށެވެ.
މިއީ ފްރާންސް އަދި ސްޕެއިން ވެސް ވޯލްޑް ކަޕްގައި ވާދަކުރާ 17 ވަނަ ފަހަރެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން މި ދެ ޓީމު ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. ސެމީ ފައިނަލުގެ ވަރުގަދަ ދެ ކުރިމަތިލުމުގެ ތެރެއިން ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މި ދެ ޓީމު ބައްދަލުކުރާނީ އެމެރިކާގެ އެން.އެފް.އެލް ޓީމެއް ކަމަށްވާ ޑަލަސް ކައުބޯއީސްގެ ދަނޑުގަ އެވެ.
ފީފާ ރޭންކިންގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތާ ކުރިމަތިލި ފްރާންސުން ވަނީ މިހާތަނަށް އިދިކޮޅު ޓީމުތަކުގެ ކޮޅަށް 14 ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. 2022 ވަނަ އަހަރުގެ ރަން ބޫޓު ހޯދި އެމްބާޕޭ ވަނީ މިހާތަނަށް އަށް ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް ލިއޮނަލް މެސީއާ އެއްވަރުކޮށްފަ އެވެ. އަދި ވޯލްޑް ކަޕްގެ ތާރީޚުގައި މެސީ ހަދާފައިވާ 21 ލަނޑުގެ ރެކޯޑާ އަރާ ހަމަކުރުމަށް އެމްބާޕޭއަށް މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ.
ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރެބިއޮޓް ބުނީ، މިހާތަނަށް ޓީމުން ދައްކާފައިވާ ކުޅުމާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ނަމަވެސް މުބާރާތުގެ ފެށުނީއްސުރެ ޓީމުން ދަމަހައްޓަމުން އަންނަ ކެތްތެރިކަން ދަމަހައްޓަން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭ ވަނީ އޭނާ ކުޅުނު 20 ވޯލްޑް ކަޕް މެޗުގައި 20 ލަނޑު ޖަހާފަ އެވެ. އޭނާ ވެފައިވަނީ ޕެލޭއަށް ފަހު ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި ދެވަނަ ޒުވާން ކުޅުންތެރިޔާއަށެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން މޮޅުވި މެޗުގެ 77 ވަނަ މިނެޓުގައި އެމްބާޕޭ ބަދަލުކުރި ނަމަވެސް، އޭނާގެ ފިޓްނަސް ރަނގަޅު ކަމަށް ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ ބުނެފަ އެވެ.
މިދިޔަ ހޯމަ ދުވަހު 19 އަހަރު ފުރުނު ޔަމާލް ވަނީ މީގެ ކުރިން ސްޕެއިން ޓީމާއެކު ފްރާންސް ބަލިކޮށް ދެ ފަހަރެއްގެ މަތިން ސެމީ ފައިނަލް ކާމިޔާބުކޮށްފަ އެވެ. 2024 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި ފްރާންސް އަތުން 2-1 އިން ސްޕެއިން މޮޅުވި މެޗުގައި ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރެވެ. އަދި މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައި 5-4 އިން ފްރާންސް ބަލިކުރި މެޗުގައި ވެސް އޭނާ ކުޅުނެވެ.
ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބަލިކުރުމަށްފަހު ޔަމާލް ބުނީ، ފްރާންސުން ބިރުގަންނަން ޖެހޭ އެއްވެސް ބަޔަކު ތިބި ނަމަ އެއީ ސްޕެއިން ކަމަށެވެ. ސަބަބަކީ މީގެ ކުރިން ވެސް އެ ޓީމު މުބާރާތްތަކުން ބޭރުކޮށްލީ ސްޕެއިން ކަމަށްވާތީ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ޔަމާލްއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. އޭނާ އަންނަނީ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. މި އަނިޔާގެ ސަބަބުން ބާސެލޯނާގެ ސީޒަނުގެ ފަހު މެޗުތައް ވެސް އޭނާއަށް ވަނީ ގެއްލިފަ އެވެ.
މިއީ އޭނާގެ ކެރިއަރުގައި ކުޅޭނެ އެންމެ މުހިންމު މެޗު ކަމަށާއި، އުފަންދުވަހުގެ އެންމެ ބޮޑު ހަދިޔާއަކީ މެޗުން މޮޅުވެ ފައިނަލަށް ދިއުން ކަމަށް ޔަމާލް ބުންޏެވެ.
ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަކީ ވެސް ބާސެލޯނާއަށް ކުޅޭ ކުޅުންތެރިއަކަށް ވާތީ، އޭނާއަށް ޔަމާލް ވަރަށް ރަނގަޅަށް އެނގެ އެވެ. އެހެންކަމުން ޔަމާލްގެ ވާހަކަތަކާ މެދު އޭނާ ހިތްހަމަނުޖެހުމެއް ނެތެވެ. ކޫންޑޭ ބުނީ ޔަމާލްއަކީ އަބަދުވެސް އަމިއްލަ ނަފްސަށާއި ޓީމަށް ވަރަށް ބޮޑަށް އިތުބާރުކުރާ ކުޅުންތެރިއެއް ކަމަށެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ އެއްވަރުވި ފަހުން، ސްޕެއިން ވަނީ އިދިކޮޅު ޓީމުތަކުގެ ކޮޅަށް 10 ލަނޑު ޖަހާފައެވެ. އެ ޓީމުގެ ބައިކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. ފާއިތުވި ދެ މެޗުގައި ވެސް ސްޕެއިން މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެރީނޯ ޖަހައިދިން މުހިންމު ލަނޑުތަކުންނެވެ. އަދި ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޯން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ 650 މިނެޓު ހަމަކޮށް ވޯލްޑް ކަޕްގެ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާގެ އެ ރެކޯޑު މެދުކެނޑުނީ ކުއާޓާ ފައިނަލުގައި ބެލްޖިއަމުން ޖެހި ލަނޑުންނެވެ.
ސްޕެއިންގެ މިޑްފީލްޑަރު އެލެކްސް ބައޭނާ ބުނީ، މެޗުތައް ގިނަވަމުން ދިޔަ ވަރަކަށް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
ހުކުރު ދުވަހު ބެލްޖިއަމް އަތުން 2-1 އިން ސްޕެއިން މޮޅުވި މެޗުގެ 88 ވަނަ މިނެޓުގައި ލަނޑު ޖެހީ މެރީނޯ އެވެ. އޭގެ ކުރިން ގަދަ 16 ގައި ޕޯޗުގަލް އަތުން 1-0 އިން މޮޅުވި މެޗުގައި ވެސް ލަނޑު ޖެހީ އާސެނަލްއަށް ކުޅޭ މި ފޯވާޑެވެ.
ސެމީ ފައިނަލުގައި މުޅިންވެސް ވޯލްޑްކަޕް ޗެމްޕިއަނުން
މިއީ 1990 ވަނަ އަހަރަށްފަހު، ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމަކީ ވެސް މީގެ ކުރިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމުތަކަށް ވި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މެސީ، ބުދަ ދުވަހު އެޓްލާންޓާގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގަ އެވެ. ތިންވަނަ ހޮވާ މެޗު އޮންނާނީ ހޮނިހިރު ދުވަހު ފްލޮރިޑާގަ އެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި މީގެ ކުރިން މި ދެ ޓީމު ބައްދަލުކުރި ހަމައެކަނި މެޗުގައި، 2006 ވަނަ އަހަރު ފްރާންސުން ވަނީ 3-1 އިން ސްޕެއިން ބަލިކޮށްފަ އެވެ.
އޭގެ ފަހުން ދެ ޓީމުން ވެސް ވަނީ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ސްޕެއިން 2010 ވަނަ އަހަރު ފުރަތަމަ ފަހަރަށް ތަށި ހޯދިއިރު، ފްރާންސުން ވަނީ 2018 ވަނަ އަހަރު ދެވަނަ ފަހަރަށް ތަށި އުފުލާލާފަ އެވެ.
ފްރާންސްގެ ގައުމީ ދުވަހު ކުޅޭ މި މެޗުން މޮޅުވެއްޖެ ނަމަ، އެ ޓީމު ވެގެންދާނީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ތިންވަނަ ޓީމަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ބްރެޒިލް އާއި ޖަރުމަނެވެ.
2022 ވަނަ އަހަރުގެ ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވީ 3-3 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެންނެވެ.
މިއީ ފްރާންސް ސެމީ ފައިނަލުގައި ކުޅޭ ހަތްވަނަ ފަހަރެވެ. ސްޕެއިން މީގެ ކުރިން ސެމީގައި ކުޅުނީ 1950 އާއި 2010 ގަ އެވެ.
ޓެކްސަސްގެ އޭ.ޓީ އެންޑް ޓީ ސްޓޭޑިއަމްގައި މި މުބާރާތުގެ ނުވަ މެޗު ކުޅެވޭނެ އެވެ. މި ދަނޑުގައި މިހާތަނަށް ގިނަ ތަރިންތަކެއްގެ ހުނަރު ވަނީ ފެނިގެން ގޮސްފަ އެވެ.
އާޖެންޓީނާގެ މެސީ ވަނީ މި ދަނޑުގައި ކުޅުނު ދެ މެޗުގައި ތިން ލަނޑު ޖަހާފަ އެވެ. ޖޫން 22 ގައި އޮސްޓްރިއާ އަތުން 2-0 އިން މޮޅުވި މެޗުގައި އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފަ އެވެ.
ޕޯޗުގަލްގެ އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ނިމުމަކަށް އައީ ޖުލައި 6 ވަނަ ދުވަހު ސްޕެއިން އަތުން ބަލިވި މެޗަށްފަހު އެވެ.





