ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގު ވިޔަފާރި އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމުން ޑިއުޓީ އަނެއްކާ ވެސް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފަ. މި ބަދަލާއެކު ސިނގިރޭޓަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއީ އެއްވެސް ދިރާސާއެއް ނެތި ގެންނަ ބަދަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި ނިންމުމަކީ ދުންފަތުގެ ޑިއުޓީގެ ކަންކަމުގައި "ޔޫ-ޓާނެއް" ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވިދާޅުވި ބަހާ ޚިލާފު ނިންމުމެއްކަން ފާހަގަކުރެވޭ.


ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި "ޔޫ-ޓާނެއް" ނުނަގާނެ ކަމަށް ދާދިފަހުން ރައީސް މުއިއްޒު ވިދާޅުވުމަށްފަހު، ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮކުރުމަށް ސަރުކާރުން ވަނީ ނިންމާފަ. | ރާއްޖެއެމްވީ ގްރެފިކްސް
ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ނަމުގައި ސިނގިރޭޓުން ނަގާ ޑިއުޓީ އިންތިހާއަށް ބޮޑުކުރުމަށް ފަހު، އެ ނިންމު ބަދަލު ނުކުރާނެ ކަމަށް ބުނުމަށް ފަހު އަނެއްކާ ވެސް ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމައިފި އެވެ. ކުރިންގެނެވުނު ބަދަލާއެކު، ސިނގިރޭޓުގެ ވަގު ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ލިބިފައިވާކަމުގެ ތުހުމަތުތަކާއެކު، ސަރުކާރުގެ ސިޔާސަތުތަކުގެ އިޚްލާޞްތެރިކަމާ މެދު ގިނަބަޔަކު ދަނީ ސުވާލު އަފައްދަމުންނެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިޞްލާޙާއެކު، ނޮވެމްބަރު 1، 2024 އިން ފެށިގެން ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.50 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރި އެވެ. އަދި އެޑްވަލޮރަމް ރޭޓް 50 އިންސައްތަ އިން 100 އިންސައްތައަށް މަތިކުރުމާ ގުޅިގެން، ބާޒާރުގައި 100 ރުފިޔާ އަށް ލިބުނު ސިނގިރޭޓް ފޮށްޓެއްގެ އަގު 300 ރުފިޔާއާ ގާތްކުރާ މިންވަރަށް އުފުލުނެވެ. މި ފިޔަވަޅަކީ ހިތުގެ ބަލިތަކާއި ކެންސަރުން ރައްޔިތުން ސަލާމަތްކޮށް، އާސަންދައިގެ ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް، ޑިއުޓީ ބޮޑުކުރުމާއެކު ރާއްޖޭގައި ސިނގިރޭޓުގެ ބޮޑު "ކަޅު ބާޒާރެއް" އުފެދި، ވަގަށް އެތެރެކުރާ ސިނގިރޭޓުން ބަޔަކު ވަނީ އެތައް ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފަ އެވެ. ކަސްޓަމްސް އިން އެތައް މިލިއަން ވަގު ސިނގިރޭޓު އަތުލައިގަނެފައިވާއިރު، ރަސްމީ މަގުން ސިނގިރޭޓު އެތެރެކުރާ މިންވަރު 90 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ. އެހެންނަމަވެސް، ދުންފަތް ބޭނުންކުރާ މީހުންގެ އަދަދު މަދުނުވެ، ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ވަގު ސިނގިރޭޓު ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މި މައްސަލައިގައި ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކައިގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ހާމަވެފައި ވަނީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅުތަކުންނެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ 8 ރުފިޔާގެ ޑިއުޓީގެ ދެބައިކުޅަ އެއްބައި ލުއިކޮށް، 4 ރުފިޔާއަށް ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލު ގެންނަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) ގެ އިރުޝާދުގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެ ޖަމްޢިއްޔާ އިން އެފަދަ އެއްވެސް ބަޔާނެއް ނެރެފަ އެއް ނުވެ އެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ ކުރީކޮޅު ވިދާޅުވެފައި ވަނީ، ދުންފަތުގެ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން "ޔޫ-ޓާނެއް" ނުނަގާނެ ކަމަށެވެ. ނަމަވެސް، ވަގު ވިޔަފާރި ކޮންޓްރޯލް ނުކުރެވުމާއި ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވުމާ ގުޅިގެން، ސަރުކާރުން މިހާރު ވަނީ ކުރިން ބުނި ބުނުމާ ޚިލާފަށް އަގު ހެޔޮކުރުމަށް ނިންމާފަ އެވެ. އެގޮތުން ސިނގިރޭޓް ބޮޑުތަނުން އަގުހެޔޮ ކުރުމަށް ސަރުކާރުގެ ފާރާތުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
އެއްވެސް ހަރުދަނާ ދިރާސާއެއް ނެތި، ކުއްލި ގޮތަކަށް އަގުތަކަށް މިފަދަ ބޮޑެތި ބަދަލުތައް ގެނައުމަކީ ވަގު ވިޔަފާރިވެރިންނަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ހުޅުވައިދެވުނު ދޮރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. މި ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުގެ ދުޅަހެޔޮކަމަށްވުރެ ބޮޑަށް، އަމިއްލަ ޖީބު ބޮޑުކުރާ ފަރާތްތަކަށް އެކަން ކުރުމުގެ މަގުފަހިވެފައިވާކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުން މީގެ ކުރިން ކުއްލިގޮތަކަށް ސިނގިރޭޓުގެ އަގު ބޮޑު ކުރީ ވަކި ބަޔަކަށް ސިނގިރޭޓުގެ ވަގު ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. ސިނގިރޭޓުގެ އަގުބޮޑުކުރުން ތަކުރާރުކޮށް ދިފާއުކުރެއްވުމަށް ފަހު މިހާރު ކުއްލިގޮތަކަށް އަނެއްކާ ސިނގިރޭޓްގެ އަގު ބޮޑުތަނުން ހެޔޮކުރަން ނިންމުމަކީ، މިކަމުގައި ރައީސް މުއިއްޒުގެ އެއްވެސްކަހަލަ ހެޔޮ ނިޔަތެއް ނެތްކަން ހާމަވާ އަލިގަދަ ހެއްކެއް ކަމަށް ގިނަ ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ.






