Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސްޓާމަރގެ ވެރިކަން

ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް

އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ތާރީޚީ ކާމިޔާބީއެއް ހޯއްދަވައިދެއްވި ކިއަރ ސްޓާމަރ، މަގުބޫލުކަން އިންތިހާއަށް ދަށަށްގޮސް މަގާމުން އިސްތިއުފާ ދެއްވައިފި. ވެރިކަމުގެ ކުރީކޮޅު ނިންމެވި އިގްތިސާދީ ނިންމުންތަކާއި ސިޔާސީ ތަސައްވަރެއް ނެތުމުގެ ސަބަބުން އާންމުންގެ ބޮޑު ނުރުހުމެއް އޭނާއަށް އަމާޒުވިއިރު، މިއީ ފަހުގެ ތާރީޚެއްގައި ބޮޑުވަޒީރަކަށް ލިބުނު އެންމެ ދަށް ރޭޓިންގް. ސްޓާމަރގެ އިސްތިއުފާއާއެކު، ޕާޓީގެ ތެރެއިންނާއި އާންމުންގެ މެދުގައި ބޮޑު ތާއީދެއް އޮތް އެންޑީ ބާންހަމް ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 14:10
2026 ޖޫން 22 ވީ ހޯމަ ދުވަހު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ނަންބަރު 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ހުންނަވައި، ލޭބަރ ޕާޓީގެ ލީޑަރު އަދި އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރ އެމަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވައިފި.

2026 ޖޫން 22 ވީ ހޯމަ ދުވަހު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ނަންބަރު 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ހުންނަވައި، ލޭބަރ ޕާޓީގެ ލީޑަރު އަދި އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރ އެމަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވައިފި. | ގެޓީ އިމޭޖަސް


ކިއަރ ސްޓާމަރ އަކީ އޭނާގެ ސިޔާސީ ވާދަވެރިންގެ ނަޒަރުގައި ވެސް ހީވާގި، އަދަބުވެރި އަދި ހެޔޮލަފާ ބޭފުޅެކެވެ. ނަމަވެސް، ޒަމާނީ ސިޔާސީ ދިރާސާތައް އިނގިރޭސިވިލާތުގައި ފެށިފަހުން، އެ ގައުމުގެ ބޮޑުވަޒީރުންގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވި ބޭފުޅަކަށް އޭނާ ވަނީ ވެފައެވެ.

ޖުލައި 2024 ގައި ބޭއްވި އާންމު އިންތިޚާބުގައި ސްޓާމަރ ވަނީ އިނގިރޭސި ލޭބަރ ޕާޓީއަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދީފައެވެ. އެ އިންތިޚާބުގައި ހައުސް އޮފް ކޮމަންސްގެ 411 ގޮނޑި ކާމިޔާބުކޮށް، 174 ގޮނޑީގެ ބޮޑު އަޣުލަބިއްޔަތެއް އެ ޕާޓީން ހޯދިއެވެ. މިއީ 1997 އާއި 2001 ވަނަ އަހަރު ޓޯނީ ބްލެއަރ ހޯއްދެވި ކާމިޔާބީއަށް ފަހު، ލޭބަރ ޕާޓީން ހޯދި ތިންވަނައަށް އެންމެ ގިނަ ގޮނޑީގެ ކާމިޔާބީއެވެ.

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެއްވި އުފާވެފައި ތިބި މީހުންނާ މުޚާތަބުކުރައްވަމުން ސްޓާމަރ އެ ދުވަހު ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ "މުސްތަގުބަލު އަނބުރާ ހޯދުމަށް" ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

ނަމަވެސް، އެ ކާމިޔާބީގެ ފަހަތުގައި ނުރައްކަލުގެ ރަތް ސިގްނަލްތަކެއް ހުއްޓެވެ. ސްޓާމަރގެ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވުނީ ވޯޓުލީ މީހުންގެ އެންމެ 34 އިންސައްތަ ތާއީދާއެކުގައެވެ.

މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

"އަޅުގަނޑު ނިންމި ކޮންމެ ނިންމުމަކީ އަޅުގަނޑު ލޯބިވާ މި ގައުމު އިސްކޮށްގެން ނިންމި ނިންމުމެއް. ލޭބަރ ޕާޓީގެ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާ މިދެނީ އެ ސަބަބަށްޓަކައި،" އިސްތިއުފާ އިއުލާން ކުރައްވަމުން ސްޓާމަރ ވިދާޅުވިއެވެ.

ކުރިން ގާނޫނީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވި ސްޓާމަރ އަކީ ގިނަ އަހަރުތަކެއް ވަންދެން 'ކްރައުން ޕްރޮސެކިއުޝަން ސަރވިސް' ހިންގެވި، އުސޫލުތަކަށް ބޯލަނބާ ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނިސްބަތުން އާ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، ހައުސް އޮފް ކޮމަންސްގައި އެންމެ ފަސް އަހަރު ހޭދަކުރެއްވުމަށްފަހު، 2020 ވަނަ އަހަރު ޖެރެމީ ކޯބިންއަށްފަހު އޭނާ ލޭބަރ ޕާޓީގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތެވެ.

ނަމަވެސް 2024 ވަނަ އަހަރުގެ އިންތިޚާބަށްފަހު ލޭބަރ ޕާޓީއަށް އޮތް މަގުބޫލުކަން ވަރަށް އަވަހަށް ދަށަށްދާން ފެށިއެވެ. އޭގެއާއެކު ސްޓާމަރއަށް އޮތް ތާއީދުވެސް އިންތިހާއަށް ވެއްޓުނެވެ.

"އޭނާއަކަށް އޭނާ ގަބޫލުކުރާ އުސޫލުތަކާއި ލޭބަރ ޕާޓީން ގަބޫލުކުރާ ކަންކަމެއް ސާފުކޮށްދެވިފައެއް ނުވޭ. އޭނާގެ ދުރު ރާސްތާގެ އަމާޒުތަކަކީ ކޮބައިކަމެއް، އޭނާ ބޭނުންވަނީ ކޮން ކަމެއްކަމެއް އަދި ދާންވީ މިސްރާބެއްވެސް އެނގޭކަށް ނެތް،" ޔުނިވަރސިޓީ އޮފް ސްޓްރެތްކްލައިޑްގެ ޕޮލިޓިކްސް ޕްރޮފެސަރު އަދި އިނގިރޭސިވިލާތުގެ އެންމެ އިތުބާރު ހުރި ސިޔާސީ ދިރާސާވެރިޔާ ޖޯން ކާޓިސް އަލްޖަޒީރާއާ ވާހަކަ ދައްކަމުން ވިދާޅުވިއެވެ. "ސްޓާމަރ އަކީ ވަރަށް ތޫނުފިލި ގާނޫނީ ވަކީލެއް. އެކަމަކު އޭނާގެ ކިބައިގައި މަދުވަނީ ސިޔާސީ ހުޝިޔާރުކަމާއި ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު."

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ޕްރޮފެސަރު ޓިމް ބޭލް ދާދިފަހުން އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ސްޓާމަރ އަކީ "މުއާމަލާތްކުރުމުގައި ބަލިކަށި، އަދި ވެރިކަމުގެ ފުރަތަމަ މަސްތަކުގައި ކަންކަން ގޯސްކުރި" ބޭފުޅެކެވެ. އޭނާގެ ކިބައިގައި އަމިއްލަ ޕާޓީގެ މެންބަރުންނަށް ނުވަތަ އާންމު ރައްޔިތުންނަށް އުންމީދެއް އާކޮށްދޭނެ ތަސައްވަރެއް ނެތްކަމަށްވެސް ބޭލް އިތުރުކުރެއްވިއެވެ.

ނުރުހުން އަމާޒުވި ލީޑަރެއް

ސިޔާސީ ދިރާސާކުރާ 'އިޕްސޮސް' އިން ބުނާ ގޮތުގައި، ވެރިކަމަށް އަހަރެއް ވީއިރު ސްޓާމަރއާ މެދު އާންމުންގެ ހިތްހަމަޖެހުން ވަނީ މައިނަސް 66 އަށް ވެއްޓިފައެވެ. މިއީ 1977 ވަނަ އަހަރުން ފެށިގެން އިޕްސޮސްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އިނގިރޭސި ބޮޑުވަޒީރަކަށް ލިބުނު އެންމެ ދަށް ރޭޓިންގްއެވެ.

އޭގެ ފަހުންވެސް އެ އަދަދު ރަނގަޅުވެފައިވަނީ ވަރަށް ކުޑަކޮށެވެ. މިހާރު އެ ރޭޓިންގް ހުރީ މައިނަސް 60 ގައެވެ. އާންމުންގެ 76 އިންސައްތަ މީހުން ސްޓާމަރއާ މެދު ހިތްހަމަނުޖެހޭއިރު، އޭނާއަށް ތާއީދުކުރަނީ އެންމެ 16 އިންސައްތަ މީހުންނެވެ.

އެންމެ 49 ދުވަހު ވެރިކަން ކުރެއްވި ލިޒް ޓްރަސްގެ މަގުބޫލުކަންވެސް އިޕްސޮސްގެ ސާވޭތަކުގައި މައިނަސް 51 އަށްވުރެ ދަށަކަށް ނުދެއެވެ.

ސްޓާމަރ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ ކޮންޒަވޭޓިވް ޕާޓީގެ 10 އަހަރަށްވުރެ ދިގު ވެރިކަމަށްފަހު، ގައުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސި ރައްޔިތުން ތިބީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ސަރުކާރުގެ މާލީ ހާލަތު ދަށްވުމާއި، ޖަލުތައް ފުރިފައިވުން ފަދަ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައެވެ. ވެރިކަމުގެ ކުރީކޮޅުން ފެށިގެން ސްޓާމަރއަށް ޖެހިވަޑައިގަތީ އުނދަގޫ ނިންމުންތަކެއް ނިންމަވާށެވެ.

ގިނަ އަހަރުތަކެއް ވަންދެން ލޭބަރ ޕާޓީއަށް އޮންނަ ތުހުމަތަކީ އެ ޕާޓީއަކީ އިގްތިސާދީ ކަންކަމުގައި ފަރުވާކުޑަ، އަދި ޓެކްސް ބޮޑުކޮށްގެން ޚަރަދުކުރާ ޕާޓީއެއްގެ ގޮތުގައެވެ. މިއާ ޚިލާފަށް ކޮންޒަވޭޓިވް ޕާޓީން އަބަދުވެސް ދައުވާކުރަނީ އެއީ ޓެކްސް ކުޑަކުރާ އަދި މާލީ ޒިންމާދާރުކަން އިސްކުރާ ޕާޓީއެއް ކަމަށެވެ.

"ސްޓާމަރގެ ވެރިކަމުގެ އަމާޒަކީ ލޭބަރ ޕާޓީއަކީ އާ ކޮންޒަވޭޓިވް ޕާޓީއަށް ބަދަލުކުރުން،" 'ދަ ސްޓާމަރ ޕްރޮޖެކްޓް' ފޮތުގެ މުސައްނިފު އޮލިވަރ އީގަލްޓަން ވިދާޅުވިއެވެ. ބޮރިސް ޖޯންސަންގެ ވެރިކަމުގައި ބްރެކްސިޓާ ގުޅިގެން ކޮންޒަވޭޓިވް ޕާޓީން އާންމު މަސައްކަތްތެރިންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންދިޔައިރު، ސިޔާސީ މެދު މިނުގެ ފިކުރު އޮތީ ހުސްކޮށް ކަމަށާއި، ސްޓާމަރ ބޭނުންވީ އެ ފިކުރުގެ ތެރެއަށް ވަދެ ދައުލަތް ވަރުގަދަކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކި އަމާޒެއް ނެތުން، ކޮރަޕްޝަނުގެ ތުހުމަތުތައް އަދި އިންތިޚާބީ ނާކާމިޔާބީ

ނަމަވެސް، އާ ސިފައެއްގައި ފެނުނު ލޭބަރ ޕާޓީގެ ކިބައިގައި ސިޔާސީ ވަކި އަމާޒެއް ނެތް ކަމަށާއި، ޕާޓީގެ މެންބަރުންގެ ވަފާތެރިކަން ހޯދުމުގެ ގާބިލުކަން ސްޓާމަރގެ ކިބައިގައި ނެތް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީން ތައުލީމު ހާސިލުކުރެއްވި، ސްޓާމަރއަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަކީ، ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތެއް އޮވެމެ، ކަންކަމުގައި މާބޮޑަށް ފަސްޖެހިވަޑައިގަތުމާއި ގޮތް ނުނިންމެވުމުގެ ތުހުމަތެވެ.

އޭނާގެ އަމިއްލަ ޕާޓީގެ މެންބަރުން ވަނީ މުހިންމު ވޯޓުތަކުގައި އޭނާއާ ދެކޮޅަށް ތެދުވެފައެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމާއި ވާރުތަ މުދަލުގެ ޓެކްސްއާ ގުޅޭ އިސްލާހުތައް އަނބުރާ ގެންދަން އޭނާއަށް މަޖުބޫރުކުރުވިއެވެ. މީގެ އިތުރުން، ކޮންޒަވޭޓިވް ޕާޓީގެ ދުވަސްވަރު އޮތް ހަލަބޮލިކަން ނައްތާލާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތަކުގައި ގިނަ ބަޔަކު އިސްތިއުފާ ދިނުމާއި މަގާމުން ވަކިކުރުން ފަދަ ކަންކަން ހިނގިއެވެ.

ސްޓާމަރގެ ސިޔާސީ ހަޔާތަށް ލިބުނު އަނެއް ބޮޑު ހީނަރުކަމަކީ، އަޚުލާގީ މައްސަލަތަކެއްގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ލޭބަރ ސަރުކާރުތަކުން ވަކިކޮށްފައިވާ ޕީޓަރ މަންޑެލްސަން، އެމެރިކާގައި ހުންނަވާ އިނގިރޭސި ސަފީރުގެ މަގާމަށް އައްޔަންކުރުމެވެ. ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ މަންޑެލްސަންއާ ދެމެދު ގާތް ގުޅުމެއް އޮތްކަން އެނގި ހުރެ ވެސް ސްޓާމަރ އޭނާއަށް އެ މަގާމު ދެއްވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ އެ ދެމީހުންގެ ގުޅުން އޮތް މިންވަރު އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން އޭނާ މާފަށް އެދިވަޑައިގަތެވެ.

ނަމަވެސް ކަންކަން އިތުރަށް ގޯސްވީ، ސަލާމަތީ ބާރުތަކުގެ ލަފައާ ޚިލާފަށް ފޮރިން އޮފީހުން މަންޑެލްސަންގެ އައްޔަންކުރުމަށް ހުއްދަ ދީފައިވާކަން އޭޕްރީލް މަހު ފަޅާއެރުމުންނެވެ.

އޭގެ ހަފުތާތަކެއް ފަހުން މޭ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ލޭބަރ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވިއެވެ. އެ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވަނީ، އިނގިރޭސިވިލާތުގެ ޒަމާންވީ ސިޔާސީ ޕާޓީތަކާ ދެކޮޅު ބާރެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.

"ސްޓާމަރ ވެރިކަމަށް ވަޑައިގަތީ ލޭބަރ ޕާޓީން ހަމަޖެހުން ގާއިމުކޮށްދީފިނަމަ ހުރިހާ ކަމެއް އަމިއްލައަށް ރަނގަޅުވާނެ ކަމަށް ހީކުރައްވައިގެން،" ކިންގްސް ކޮލެޖް ލަންޑަންގެ ޕްރޮފެސަރު އަނަންދު މެނަން ވިދާޅުވިއެވެ. "ޕޮޕިއުލިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، މައިގަނޑު ސިޔާސީ ފިކުރުތަކުން ރައްޔިތުންނަށް ނަތީޖާ ދެއްކޭނެކަން ސާބިތުކޮށްދޭންޖެހޭ. އެކަމަކު އޭނާއަކަށް އެކަމެއް ނުކުރެވުނު."

އޭނާ ވިދާޅުވި ގޮތުގައި ލޭބަރ ޕާޓީއަށް ގައުމުގެ މައްސަލަ އޮޅުނީއެވެ. ގައުމަށް ބޭނުންވެފައި އޮތީ ވަރުގަދަ އިގްތިސާދީ އިސްލާހުތަކެކެވެ.

އިގްތިސާދީ ގޯސްތައް

ޚަރަދުތަކަށް ފައިސާ ހޯދުމަށްޓަކައި ލޭބަރ ޕާޓީން މަސައްކަތް ކުރީ އެހެން ދާއިރާތަކުން ޚަރަދު ކުޑަކުރުމަށެވެ.

ސްޓާމަރ ހެއްދެވި ފުރަތަމަ ބޮޑު ގޯހަކީ، ފިނި މޫސުމުގައި ދުވަސްވީ މީހުންނަށް ހީޓަރު ބޭނުންކުރުމަށް ދޭ 'ވިންޓަރ ފިއުލް އެލަވަންސް' ކަނޑާލުމެވެ. ފަހުން ސަރުކާރުން އެ ނިންމުން ބަދަލުކުރި ނަމަވެސް، އޭރު އޮތީ އާންމުންގެ ނުރުހުން އަމާޒުވެ، ސަރުކާރުގެ އަގު ވެއްޓިފައެވެ.

އޮކްޓޫބަރު 2024 ގައި ޗާންސެލަރ ރޭޗަލް ރީވްސް ހުށަހެޅުއްވި ބަޖެޓުގައި ޓެކްސް ބޮޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

2025 ވަނަ އަހަރުގެ ހޫނު މޫސުމުގައި ސްޓާމަރއަށް ޖެހިވަޑައިގަތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތްތައް ކަނޑާލުމަށް ނިންމި ނިންމުންވެސް ބަދަލުކުރާށެވެ. އެއީ އަމިއްލަ ޕާޓީގެ މެންބަރުން އޭނާއާ ދެކޮޅަށް ތެދުވުމުންނެވެ. އެ ދޫދިނުންތަކަށް ފަހުވެސް، ލޭބަރ ޕާޓީގެ 49 މެންބަރަކު ވަނީ ސަރުކާރާ ދެކޮޅަށް ވޯޓު ދީފައެވެ.

މިފަދަ ގޯސްތައް ގިނަވަމުން ދިއުމާއެކު، ކެބިނެޓުގެ ބައެއް ވަޒީރުން، އޭގެ ތެރޭގައި ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދާއި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕަރ ހިމެނޭހެން، މަގާމުން ވަކިވާނެ ތާރީޚެއް ކަނޑައެޅުމަށް ސްޓާމަރއަށް ސިއްރިއްޔާތުގައި ބާރުއެޅުއްވިއެވެ.

ސިޔާސީ ގޮތުން ބޮޑެތި އުންމީދުތަކެއް އޮތް ހެލްތު ސެކްރެޓަރީ ސްޓްރީޓިންގް ވަނީ މޭ 14 ގައި ކެބިނެޓުން އިސްތިއުފާ ދެއްވާފައެވެ.

ސްޓްރީޓިންގް ސީދާ ލީޑަރުކަމަށް ވާދަނުކުރެއްވި ނަމަވެސް، އެ ފުރުސަތަށް ބަލަބަލައި ހުންނެވީ މަންޗެސްޓަރގެ މޭޔަރު އެންޑީ ބާންހަމްއެވެ. އިނގިރޭސި މީޑިއާތަކުން އޭނާއަށް ދީފައިވާ ނަމަކީ "ކިންގް އޮފް ދަ ނޯތު" އެވެ.

ނަމަވެސް ބޮޑުވަޒީރުކަމަށް ކުރިމަތިލުމަށްޓަކައި ބާންހަމްއަށް ޖެހިވަޑައިގަތީ އަލުން ހައުސް އޮފް ކޮމަންސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވާށެވެ.

ފުރަތަމަ ސްޓާމަރ އެކަމަށް ހުރަސް އެޅުއްވި ނަމަވެސް، ފަހުން ބާންހަމް މޭޔަރުކަމުން އިސްތިއުފާ ދެއްވައި ބައި-އިލެކްޝަނެއްގައި ވާދަކުރެއްވުމަށް ސްޓާމަރ ހުއްދަ ދެއްވިއެވެ.

ވޭތުވެދިޔަ ބުރާސްފަތި ދުވަހު މޭކަރފީލްޑް ދާއިރާއިން ބާންހަމް ވަނީ 50 އިންސައްތައަށްވުރެ ގިނަ ވޯޓާއެކު ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ރިފޯމް ޔޫކޭ އާއި ރިސްޓޯ ބްރިޓަން ފަދަ ޕާޓީތަކާ ވާދަކޮށްގެންނެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ރިފޯމް ޕާޓީގެ ސަބަބުން ގޮނޑި ގެއްލިދާނެތީ ބިރުގަނެފައި ތިބި ލޭބަރ ޕާޓީގެ ގިނަ މެންބަރުން ގަބޫލުކުރީ ސްޓާމަރ މަގާމުން ދުރަށް ދާންޖެހޭ ކަމަށެވެ. އަދި އޭނާގެ ބަދަލުގައި ހުންނެވި އެންމެ އެކަށީގެންވާ ބޭފުޅަކީ ބާންހަމް ކަމަށެވެ.

ޕްރޮފެސަރު ބޭލް ވިދާޅުވި ގޮތުގައި، ބާންހަމް އަކީ އާންމު ރައްޔިތުންނާ ގުޅުން ބަދަހިކުރަން ދަންނަ، އަދި ގައުމު ގެންދަންވީ މިސްރާބު ސާފުކޮށް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.

ކިއަރ ސްޓާމާއިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭއެންޑީ ބަރންހަމްރިފޯމް ޕާޓީޕީޓާ މެޑެލްސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި

ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި

22 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އިސްތިއުފާގެ ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތައް

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އިސްތިއުފާގެ ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތައް

22 ޖޫން 2026
ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްޓާމާ އިއުލާން ކުރައްވައިފި

ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްޓާމާ އިއުލާން ކުރައްވައިފި

22 ޖޫން 2026
ފާރުގައި ހުރި ލިޔުން ތަކުން ވެސް، އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭކަން ބޮޑު ވަޒީރަު ޤަބޫލު ކުރަން ޖެހޭ: އޭނާ ޑިކްސަން

ފާރުގައި ހުރި ލިޔުން ތަކުން ވެސް، އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭކަން ބޮޑު ވަޒީރަު ޤަބޫލު ކުރަން ޖެހޭ: އޭނާ ޑިކްސަން

22 ޖޫން 2026
ބޮޑު ވަޒީރުގެ ދިފާއުގައި އެއްވެސް މިނިސްޓަރަކު ނުނިކުންނެވުމުން، ސުވާލު ތަކެއް އުފެދިއްޖެ

ބޮޑު ވަޒީރުގެ ދިފާއުގައި އެއްވެސް މިނިސްޓަރަކު ނުނިކުންނެވުމުން، ސުވާލު ތަކެއް އުފެދިއްޖެ

22 ޖޫން 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު