ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްޓާމާ އިއުލާން ކުރައްވައިފި
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ، ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްދިނުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުންނެވެ. ލޭބަރ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައިދެއްވި ސްޓާމަރގެ މި ނިންމެވުމާއެކު، އެ ޕާޓީއަށް އާ ލީޑަރަކު ހޮވުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ނަމަވެސް، މަގާމުން ވަކިވެވަޑައިގަންނަވާނެ ސީދާ ތާރީޚެއް އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.


ބޮޑު ވަޒީރުކަން އިސްތިއުފާ ދެއްވުމަށް ނިންމެވިކަން އިއުލާން ކުރުމަށް ސްޓާމާ ދެއްވި ބަޔާނުގެ ތެރެއިން. | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، އެ ޤައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމުންނާއި ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.
ސްޓާމާ މިކަން އިއުލާނު ކުރެއްވީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު، ނަންބަރު 10 ޑައުނިންގް ސްޓްރީޓް އިން ނުކުމެ ވަޑައިގެން އާންމުންނާ މުޚާތަބު ކުރައްވަމުންނެވެ.
ބޮޑުވަޒީރު ސްޓާމާ ގެކޮޅުން ނުކުމެ ވަޑައިގަތީ އަނބިކަނބަލުންނާ އެކުގައި އެވެ. އެ ވަގުތު އެ ސަރަހައްދަށް އެއްވެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އަތްތިލަބަޑި ޖަހައި، ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފަ އެވެ. ސްޓާމާގެ މި ނިންމެވުމާ އެކު އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އާންމުންނާ ވާހަކަ ދައްކަވަމުން ސްޓާމާ ވިދާޅުވީ، މީގެ ދެ އަހަރު ކުރިން ބޮޑު ވަޒީރުގެ ހައިސިއްޔަތުން ޑައުނިންގް ސްޓްރީޓް އަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވި ވަގުތަކީ އެމަނިކުފާނުގެ ހަޔާތުގައި އައި އެންމެ ފަޚުރުވެރި ވަގުތު ކަމަށެވެ. އަދި ސިޔާސީ ދާއިރާ އަށް ވެދެ ވަޑައިގަތީ އެތައް މިލިއަން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ގޮތަކަށް ބަދަލު ކޮށްދިނުމުގެ ފުރުސަތު ހޯއްދެވުމަށް ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޖުލައި މަހު ލޭބާ ޕާޓީ އިން ވެރިކަމާ ހަވާލުވުމާ ހަމައަށް ކުރި ދިގު ދަތުރާއި، އެ މަގާމަށް ވާސިލުވުމަށް ކުރެވުނު މަސައްކަތް ތަކުގެ މައްޗަށް ވެސް ސްޓާމާ ވަނީ އަލި އަޅުއްވާލައްވާފައި އެވެ. ސްޓާމާގެ ލީޑާޝިޕްގެ ދަށުން ލޭބާ ޕާޓީ އިން ވަނީ ގިނަ ދުވަސްތަކަކަށް ފަހު އިނގިރޭސިވިލާތުގެ ބޮޑު އަޣުލަބިއްޔަތަކާ އެކު ވެރިކަމަށް އައިސްފައި އެވެ.
މަގާމުން އިސްތިއުފާ ދެއްވާނެކަން ސްޓާމާ އިއުލާނު ކުރެއްވި ނަމަވެސް، މަގާމުން ވަކިވެ ވަޑައިގަންނަވާނެ ސީދާ ތާރީޚެއް ހާމަ ކުރައްްވާފައި ނުވެ އެވެ. މި ނިންމެވުމާ ގުޅިގެން ލޭބާ ޕާޓީގެ އައު ލީޑަރަކު ހޮވުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ފެށިގެން ދާނެ އެވެ.
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ސްޓާމާ އައްޔަން ވެފައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެ އަހަރު އޮތް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ލޭބާ ޕާޓީ އިން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ. ސްޓާމާ އަކީ 2010 ވަނަ އަހަރު ގޯޑަން ބްރައުންގެ ފަހުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ލޭބާ ޕާާޓީގެ ފުރަތަމަ ބޭފުޅާ އެވެ. އަދި އެ އިންތިޚާބަކީ، 2005 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ ފަހުން ލޭބާ ޕާޓީ އަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ.
އުމުރުން 63 އަހަރުގެ ސްޓާމާ އަކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ލޭބާ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.
މަސްދަރު: ބީބީސީ






