ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި
ނައިޖެލް ފަރާޖް ވިދާޅުވީ އޭނާގެ ރިފޯމް ޔޫކޭ ޕާޓީ އޮތީ ގައުމަށް ބޮޑެތި އަދި މުހިންމު ބަދަލު ތަކެއް ގެނައުމަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށް. އަދި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމުން ޤައުމު ސަލާމަތްކޮށް، ރައްޔިތުން އެދޭ ފަދަ އިސްލާހީ ބަދަލު ތަކެއް ގެނެވޭނީ އާންމު އިންތިޚާބަކަށް ގޮސްގެން ކަމަށް އޭނާ ފާހަގަ ކުރެއްވި.


ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް. | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން، އެ ގައުމުގައި އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް ކަނާއަތު ފިޔައިގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ގޮވާލައްވައިފި އެވެ.
ފަރާޖް މިކަމަށް ގޮވާލެއްވީ ބޮޑު ވަޒީރުގެ އިސްތިއުފާ އާއެކު ޤައުމުގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެންނެވެ.
ނައިޖެލް ފަރާޖް ވިދާޅުވީ އޭނާގެ ރިފޯމް ޔޫކޭ ޕާޓީ އޮތީ ގައުމަށް ބޮޑެތި އަދި މުހިންމު ބަދަލު ތަކެއް ގެނައުމަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އަދި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމުން ޤައުމު ސަލާމަތްކޮށް، ރައްޔިތުން އެދޭ ފަދަ އިސްލާހީ ބަދަލު ތަކެއް ގެނެވޭނީ އާންމު އިންތިޚާބަކަށް ގޮސްގެން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ބޮޑުވަ ޒީރު ސްޓާމާގެ އިސްތިއުފާއާ ގުޅިގެން ފަރާޖް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ ރައްޔިތުން މިހާރު ބޭނުން ވަނީ ހަރުދަނާ އަދި ސާފު ސިޔާސަތު ތަކެއް ގެންގުޅޭނެ ސަރުކާރެއް ކަމަށެވެ. ރިފޯމް ޔޫކޭ އިން ޤައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާ އަށް އިންގިލާބީ ބަދަލު ތަކެއް ގެނައުމުގެ ތަސައްވުރެއް ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި ވެރިކަން ކުރާ ލޭބާ ޕާޓީ އަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، ސްޓާމާގެ ސަރުކާރަށް ކުރިމަތިވި އެކި ގޮންޖެހުން ތަކާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވާފައި އެވެ. މިއީ އިނގިރޭސި ސިޔާސީ މަސްރަހަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ނިންމުމެކެވެ.
ފަރާޖް އަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ނުވަތަ ބްރެކްސިޓް ކާމިޔާބު ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އެއް ސިޔާސީ ލީޑަރެވެ. އޭނާގެ ރިފޯމް ޔޫކޭ ޕާޓީ އިން ދަނީ ފަހަކަށް އައިސް އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންގެ މެދުގައި ބޮޑު ތާއީދެއް ހޯދަމުންނެވެ.
އިނގިރޭސިވިލާތުގެ ގާނޫނު އަސާސީ ބުނާ ގޮތުން ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމުން، ވެރިކަން ކުރާ ޕާޓީގެ ތެރެއިން އައު ލީޑަރަކު އިންތިޚާބު ކުރުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް އިދިކޮޅު ގިނަ ޕާޓީ ތަކުން ދަނީ މި ދަނޑިވަޅުގައި އާންމު އިންތިޚާބަކަށް ގޮސް، ރައްޔިތުންގެ ނިންމުމެއް ހޯދުމަށް ސަރުކާރަށް ބާރު އަޅަމުންނެވެ.
މަސްދަރު: ބީބީސީ






