Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްއަލްއަޤްޞާ

އަލްއަޤްޞާ މިސްކިތް ހުރި ބިމުގައި ޔަހޫދީ ފައްޅިއެއް ބިނާކުރަން އިޒްރޭލުގެ ހަރުކަށި ލީޑަރަކު ގޮވާލުމާއެކު ހާލަތު ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން އިތުވަނީ

އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ޔަހޫދީން އަޅުކަންކޮށް، އެތަނުގައި ފައްޅިއެއް ބިނާކުރުމަށް އިޒްރޭލުގެ ހަރުކަށި ސިޔާސީ ވެރިން ބާރުއަޅަމުންދާތީ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި. މިސްކިތުގެ ތާރީޚީ "ސްޓޭޓަސް ކޯ" ބަދަލުކޮށް، އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް އިޒްރޭލުން ރާވަމުންދާ ރޭވުންތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސުލްހަ ގެއްލި، ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ މާހިރުން ދަނީ ދެމުން. މި ނާޒުކު ދަނޑިވަޅުގައި އިސްލާމީ ގައުމުތަކުންނާއި ބައިނަލްއަޤްވާމީ މުޖުތަމައުން ދަނީ މިކަމާ މެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 10:09
މަސްޖިދުލް އަޤްޞާގެ "ޑޯމް އޮފް ދަ ރޮކް" (ޤުއްބަތުއްޞަޚްރާ) އަކީ އެ ސަރަހައްދުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބިނާ.

މަސްޖިދުލް އަޤްޞާގެ "ޑޯމް އޮފް ދަ ރޮކް" (ޤުއްބަތުއްޞަޚްރާ) އަކީ އެ ސަރަހައްދުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބިނާ. | ރޮއިޓާސް

"މުޅި އިޒްރޭލުގެ ބިމަކީ ކަލާނގެ ވަޢުދުކުރައްވާފައިވާ ބިމެއް... އަދި މިއީ މުޅި އިންސާނިއްޔަތަށް އައިސް އެކުގައި އަޅުކަންކުރުމަށްޓަކައި އަހަރެމެން އާ ފައްޅިއެއް (ޓެމްޕަލް) ބިނާކުރާނެ ތަން،"

މިއީ އިޒްރޭލުގެ ކަނާތު ފިޔައިގެ ހަރުކަށި ނޭޝަނަލިސްޓް ސިޔާސީ ލީޑަރެއް ކަމަށްވާ މޯޝޭ ފީގްލިން، ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރޭގައި 20 ވަރަކަށް ޔަހޫދީންނާއެކު އަޅުކަންކޮށް ދީނީ ލަވަތައް ކިޔުމަށްފަހު ފޭބި ވަގުތު، މަސްލަހަތު ގޯސްވެދާނެ ފަދަ މޭރުމަކުން ދެއްކި ވާހަކަތަކެކެވެ.

ފީގްލިން މި ވާހަކަތައް ދެއްކީ އެއްވެސް ޖެހިލުމެއް ނެތި ވަރަށް ސާފުކޮށެވެ. އެއީ އެއްވެސް ދެބަސްވުމެއް ނެތް ނުވަތަ މައްސަލައެއް ނެތް ކަމެއްގެ ގޮތުގައެވެ.

ނަމަވެސް، އޭނާ އެ ދައްކާ ވާހަކަތަކާއި ކުރަމުންދާ ކަންކަމަކީ، ދުނިޔޭގެ އެންމެ މުޤައްދަސް އަދި އެންމެ ނާޒުކު އެއް ބިމުގައި ސުލްހަ ދެމެހެއްޓުމަށްޓަކައި ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފު ކަންކަމެވެ.

މޯޝޭ ފީގްލިން އާއި އޭނާގެ ފިކުރުގެ މީހުންނަށް މިކަން ވަރަށް ސާދާއެވެ. އެމީހުން ބޭނުންވަނީ ވޭތުވެދިޔަ 1،400 އަހަރު އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ބިނާގެ ގޮތުގައި އޮތް އަލްއަޤްޞާ މިސްކިތް ހުރި ބިމުގައި ޔަހޫދީންގެ ބޮޑު ފައްޅިއެއް ބިނާކުރުމަށެވެ.

މުސްލިމުންގެ މެދުގައި "އަލްޙަރަމް އަލްޝަރީފް" ގެ ނަމުން މަޝްހޫރުވެފައިވާ، އަދި ޔަހޫދީން "ޓެމްޕަލް މައުންޓް" ގެ ނަމުން ނިސްބަތްކުރާ މި ބިމަކީ މެދުއިރުމަތީގައި ފާހަގަކޮށްލެވޭ އެންމެ ރީތި އަދި މުހިންމު އެއް ބިނާއެވެ.

މި ސަރަހައްދުގެ 35 އޭކަރުގެ ބިމުގައި ރަންކުލައިގެ ގުއްބު (ޑޯމް އޮފް ދަ ރޮކް) ފެންނަން ހުންނައިރު، މިއީ އެތައް މޭލު ދުރަށް ފެންނަ ފަދަ ހިތްގައިމު ބިނާއެކެވެ. ކީރިތި ޤުރުއާނުގައި އަލްއަޤްޞާ މިސްކިތުގެ ވާހަކަ ބަޔާންވެގެންވާއިރު، މިއީ ކީރިތި ރަސޫލާ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅު ކުރެއްވި މުޤައްދަސް ބިމެވެ. އަދި މިއީ ހަމައެކަނި މުސްލިމުން އަޅުކަން ކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ. ނަމަވެސް މިކަން ބަދަލުވާން އުޅެނީ ހެއްޔެވެ؟

ދިހަވަރަކަށް އަހަރުވީ "ސްޓޭޓަސް ކޯ" އެއްބަސްވުމުގެ ދަށުން، އަލްއަޤްޞާ މިސްކިތުގެ ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ އުރުދުންގެ ބެލުމުގެ ދަށުން ހިންގާ އިސްލާމީ އިދާރާއެއް ކަމަށްވާ "ވަޤުފް" ކައުންސިލަށެވެ.

މުސްލިމް ނޫން މީހުންނަށް އަލްއަޤްޞާ މިސްކިތަށް ޒިޔާރަތް ކުރުމުގެ ހުއްދަ އޮތް ނަމަވެސް، އެތަނުގައި އަޅުކަން ކުރުމާއި ދީނީ ކަންކަން ކުރިއަށް ގެންދިއުމަކީ މަނާ ކަމެކެވެ. އަދި އިޒްރޭލުގެ ޗީފް ރަބިނޭޓް އާއި ހަރުކަށި ޔަހޫދީ އިލްމުވެރިންވެސް، ޔަހޫދީ ދީނީ ގާނޫނުތަކަށް ރިއާޔަތްކޮށް އެ ބިމުގައި ޔަހޫދީން އަޅުކަން ކުރުން މަނާކުރެއެވެ.

ނަމަވެސް، ފީގްލިން ފަދަ މީހުން މިހާރު ފާޅުގައި އުސޫލުތަކާ ޚިލާފުވެ، މި ގަވާއިދުތަކަށް ގޮންޖަހަމުންދެއެވެ.

އިޒްރޭލާއި އެމެރިކާގެ އޮފިޝަލުން ގުޅިގެން މިހާރު އޮތް "ސްޓޭޓަސް ކޯ" އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއެކު ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

"މިޑްލް އީސްޓް އައި" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިޒްރޭލު ސަރުކާރުން އަލަށް އުފައްދާ އިދާރާއަކުން އަލްއަޤްޞާ މިސްކިތުގެ ސަރަހައްދަކީ "ހުރިހާ ދީންތަކެއްގެ މީހުންނަށް އަޅުކަން ކުރެވޭނެ މަރުކަޒެއް" ކަމަށް އިއުލާން ކުރާނެއެވެ.

މިކަމާ ގުޅޭގޮތުން ކޮންގްރެސްގެ އަޑުއެހުމެއްގައި ސުވާލު ކުރުމުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އެފަދަ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް، އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ ގުދުސް އާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ މުޤައްދަސް ބިންތަކާއި ޔަހޫދީންނާއި ހުރި ގުޅުމާ ބެހޭގޮތުން ތަކުރާރުކޮށް ވާހަކަދައްކަވާފައެވެ.

އެހެން ރިޕޯޓްތައް ބުނާގޮތުން، އެ ސަރަހައްދުގައި ޔަހޫދީންނަށް ފުޅާ ދާއިރާއެއްގައި އަޅުކަން ކުރުމުގެ ހުއްދަ ދީ، އެތަނުގެ އިދާރީ ހުރިހާ ކަމެއް އިޒްރޭލުގެ ދަށަށް ގެންދިއުމަށް ދަނީ ރޭވުންތައް ރާވަމުންނެވެ. އިޒްރޭލުން އިރުމަތީ ގުދުސް އާއި އެތަނުގެ މުޤައްދަސް ބިނާތައް ހިފާފައިވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައި އުރުދުންގެ އަތުންނެވެ. އަދި ފަހުން އެ ސަރަހައްދަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުން އެކަން ބަލައެއް ނުގަނެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ތަކުރާރުކޮށް ބުނަމުންދަނީ "ސްޓޭޓަސް ކޯ" އަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

"އެކަމެއް ނުވާނެ،" އިސްލާމިކް ވަޤުފް ކައުންސިލްގެ ޑެޕިއުޓީ ހެޑް ޑރ. މުޞްޠަފާ އަބޫ ސްވޭ ވިދާޅުވިއެވެ.

ގުދުސްގެ ގަދީމީ ސިޓީގައި ހުންނަވައި އޭނާ ފާހަގަކުރެއްވި ގޮތުގައި، އިޒްރޭލުން އަލްއަޤްޞާގެ ކޮންޓްރޯލް ހޯދުމަކީ ވަރަށް ނާޒުކު މައްސަލައެކެވެ. އަދި އިޒްރޭލުގެ ހަރުކަށި ފަރާތްތަކަށް މިހާރު އެ ފުރުސަތު އޮތް ކަމަށް އެމީހުންނަށް އިހުސާސް ކުރެވެއެވެ.

ތާރީޚީ ހަގީގަތްތަކަށް ބަލާއިރު، މިހާރު އޮތް އުސޫލަށް އެއްވެސް ރަސްމީ ބަދަލެއް ގެނެސްފިނަމަ، ޔަހޫދީންނާއި މުސްލިމުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް އުފެދިދާނެ ކަމުގެ ބިރު އޭނާ ފާޅުކުރެއްވިއެވެ.

"އަލްއަޤްޞާ މިސްކިތް ނުހިމެނޭ ގޮތަށް ސުލްހަ ގާއިމެއް ނުކުރެވޭނެ. އެއީ މުޅި ސަރަހައްދުގެ ސުލްހަ ނަގާލައި، އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަނގުރާމައަކަށް މަގުފަހިކުރުން ފަދަ ކަމެއް،" ފަލަސްތީނުގެ އިސްލާމީ ތާރީޚާއި ސަރަހައްދީ މައްސަލަތަކުގެ މާހިރު އަބޫ ސްވޭ ވިދާޅުވިއެވެ.

އުރުދުން، ގަލްފް ގައުމުތައް އަދި މިޞްރުން ވަނީ އަލްއަޤްޞާގައި މުސްލިމުންގެ ބާރު ކުޑަވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިނގިރޭސި ސަރުކާރުންވެސް ބުނެފައިވަނީ ގުދުސްގެ މުޤައްދަސް ބިނާތަކުގައި އޮތް ތާރީޚީ "ސްޓޭޓަސް ކޯ" އަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.

ނަމަވެސް، އިޒްރޭލުގެ ބައެއް ހަރުކަށި ނޭޝަނަލިސްޓުން ގަބޫލުކުރާ ގޮތުގައި މިހާރު ވަގުތު އޮތީ އެމީހުންގެ ކޮޅުގައެވެ.

"ޓެމްޕަލް މައުންޓަކީ އަހަރެމެންގެ ތަނެއް. އެތަން އޮތީ އަހަރެމެންގެ އަތްމަތީގައި!" މިދިޔަ މަހު ބޭއްވި "ޖެރޫސަލަމް ޑޭ" ހިނގާލުމުގެ ތެރޭގައި އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ގޮވަމުންދިޔައެވެ. އޭނާ ވަނީ އިރުމަތީ ގުދުސްގެ މުސްލިމް ކުއާޓަރުގެ ތެރެއިން ގޮސް އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެފައެވެ.

ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ މި ހަރުކަށި މިނިސްޓަރަކީ އަލްއަޤްޞާ މިސްކިތަށް ގަވާއިދާ ޚިލާފަށް ތަކުރާރުކޮށް ވަންނަ މީހެކެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އޭނާ އެތަނުގައި ލަވަކިޔައި އިޒްރޭލުގެ ދިދަ ނަގައި ހަދަނީ "ސްޓޭޓަސް ކޯ" އާ މުޅިން ޚިލާފަށެވެ.

މިނިސްޓަރުގެ ހައިސިއްޔަތުން ބެން-ގްވީރު މިހާރުވެސް ވަނީ އެ ސަރަހައްދުގައި ޔަހޫދީން އަޅުކަން ކުރުމަށް ހުއްދަ ދީފައެވެ. މިއީ އެ ސަރަހައްދުގެ ކޮންޓްރޯލް އިޒްރޭލުގެ ދަށަށް ގެންދިއުމަށް އޭނާ ފެށި މަސައްކަތުގެ ފެށުމެވެ.

މީގެ 25 އަހަރު ކުރިން، 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އިޒްރޭލުގެ އޭރުގެ އިދިކޮޅު ލީޑަރު އާރިއަލް ޝެރޯން ވަނީ އެތައް ސަތޭކަ ފުލުހުންނާއެކު އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެފައެވެ.

އެއީ ގަސްތުގައި މަސްލަހަތު ގޯސްކުރުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވުނުއިރު، އެކަމުގެ ސަބަބުން ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ނުވަތަ "އަލްއަޤްޞާ އިންތިފާޟާ" ފެށިގެން ދިޔައެވެ. އޭގެ ފަހުން އައި ފަސް އަހަރު ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 4،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެންމެ ނާޒުކު މި ބިމުގެ މިލްކުވެރިކަމާއި ހިންގުމަށް ބަދަލު ގެނައުމަށް މިހާރު ކުރިމަތިވަމުންދާ ފިއްތުންތަކުގެ ސަބަބުން، މާޒީގައި ހިނގި ފަދަ ބޮޑު ކާރިސާއަކަށް މަގުފަހިވެދާނެ ކަމީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އިޒްރޭލްއަލް-އަގްސާ މިސްކިތް މޯޝޭ ފީގްލިންފަލަސްތީނު

އިތުރަށް ކިޔާލަން

17 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

17 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި
16 ޖޫން 2026

ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ

16 ޖޫން 2026
ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ
16 ޖޫން 2026

2027 ވަނަ އަހަރުގެ ކުރީ ކޮޅު ރިޔާސީ އިންތިޚާބު ބާއްވަން ފަލަސްޠީނުގެ ރައީސް އައްބާސް ނިންމަވައިފި

16 ޖޫން 2026
2027 ވަނަ އަހަރުގެ ކުރީ ކޮޅު ރިޔާސީ އިންތިޚާބު ބާއްވަން ފަލަސްޠީނުގެ ރައީސް އައްބާސް ނިންމަވައިފި
16 ޖޫން 2026

އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ

16 ޖޫން 2026
އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ
15 ޖޫން 2026

އީރާން-އެމެރިކާ ސުލްހައިގެ އެއްބަސްވުމަށް ފަހު އިޒްރޭލުން ލުބުނާނަށް ހަމަލާދީ މީހަކު މަރުވެއްޖެ

15 ޖޫން 2026
އީރާން-އެމެރިކާ ސުލްހައިގެ އެއްބަސްވުމަށް ފަހު އިޒްރޭލުން ލުބުނާނަށް ހަމަލާދީ މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު