މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ނާކާމިޔާބުވީ އެތެރޭގެ ބައިބައިވުންތަކުގެ ސަބަބުން ކަމަށް. އެހެންކަމުން 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭނެ އިންސާފުވެރި ބަޔަކަށް ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި.


މީކާއިލް ނަސީމް އައްޑޫގައި ބޭއްވި އިތުބާރު ކެމްޕެއިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ސީއެސްއެމް ޓައިމްސް
އެމްޑީޕީ އަށް އިންތިޚާބުތައް ކާމިޔާބު ކުރެވޭ ފޯމިއުލާ އަކީ އެންމެން އެކުގައި ތިބުން ކަމަށާއި، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023ވެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިތުބާރު ކެމްޕެއިން ޓީމުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއިލް ނަސީމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ތާރީހަށް ބަލާއިރު އިންތިޚާބުތައް ކާމިޔާބުކުރުމަށް ޕާޓީ އެއްބައިވަންތަވުން މުހިންމުކަން އެނގޭ ކަމަށެވެ.
އެމްޑީޕީ އަށް އިންތިޚާބުތައް ކާމިޔާބުވަނީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި އޮވެގެން ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ އިންތިޚާބު އެމްޑީޕީ އަށް ގެއްލުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށްފަހު ކަންކަން ހިނގައިދިޔަ ގޮތުން ކަމަށެވެ. އެހެންކަމުން 2028 ވަނަ އަހަރަށް ޝައުގުވެރިކަން ހުންނަ ފަސް ނުވަތަ ހަ ކެނޑިޑޭޓުން ތިބި އިރު ޗެއަރޕަރސަން އަކީ އިންސާފުވެރި މީހަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއިލް ނަސީމް ފާހަގަކުރެއްވީ ހުރިހާ ކެނޑިޑޭޓުންގެ މެދުގައި ހަމަހަމަކަމާއެކު އަމަލުކުރަންޖެހޭ ކަމަށާއި ވަކި މީހަކު އެންޑޯސްކުރުމަކީ ރިޔާސީ ކެނޑިޑެސީއަށް ވާދަކުރާ މީހުންނަށް ލިބޭ ހަމަހަމަކަން ގެއްލުން ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާއިރު ޕާޓީގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި މީކާއިލް ފާހަގަކުރެއްވި އެވެ. ވަކި ބަޔަކު ފަހަތަށް ޖެއްސުމަކީ އޭނާ ގަބޫލުކުރައްވާ ސިޔާސަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕާޓީގެ ތާރީހު ދައްކާގޮތުން އެމްޑީޕީ އަށް އިންތިޚާބުތައް ކާމިޔާބުވެފައި ވަނީ ޕާޓީގެ މެންބަރުން އެއްބައިވަންތަވެގެން ހަރަކާތްތެރިވި ދަނޑިވަޅުތަކުގައި ކަމަށް ސިޔާސީ ވިޔަފާރިވެރިން ދެކެއެވެ.
އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި އޭނާގެ ވިސްނުން ހާމަކުރައްވައި މީކާއިލް ވަނީ އެމްޑީޕީގެ ކުރިއެރުމަށާއި ރިޔާސީ އިންތިޚާބުގައި ކާމިޔާބުވުމަށް ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ބާރުއަޅުއްވާފައެވެ.






