މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް
ޤާނޫނުއަސާސީއާ ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަމާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް ވިދާޅުވި.


ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާޒް ސަލީމް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ވައްކަން ކޮށްގެންނާއި ވަގުން ގެނެސްގެން ފައިސާ ހޯދައިގެން ވެރިކަން ހިންގިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހީފުޅުވިޔަސް، ކަންކަން ހިނގަނީ އެ މަގުން ނޫންކަން މިއަދު ސާފުވަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަލީމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަލީމް ވިދާޅުވީ، ގައުމުގެ ވެރިކަން މީހަކާ ހަވާލުކުރަނީ ގާނޫނުއަސާސީއާ އެއްގޮތަށް ގައުމު ހިންގުމަށް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ބޭނުންހާ ކަމެއް ކުރަމުންދާއިރު، އެ މަންޒަރު ބަލަން ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއެކު ސަރުކާރުން ކުރި ކަމަކީ ގާނޫނުއަސާސީ ބަދަލުކޮށް ގާނޫނުގެ ބާރު ފުނޑާލުން ކަމަށް ސަލީމް ތުހުމަތު ކުރެއްވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ މިސާލު ދައްކަވަމުން ސަލީމް ވިދާޅުވީ، މިޑްޓާމް ނުވަތަ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުތަކުން ބަލިވުމުން އެހެން ގައުމުތަކުގެ ވެރިން އިސްތިއުފާ ދެއްވާ ކަމަށެވެ. މި ސަރުކާރަށް ތާއީދުކޮށްގެން ތިބޭކަށް މިހާރު ރައްޔިތުން ބޭނުންނުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އިދިކޮޅު ޕާޓީ އެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އިދިކޮޅު އެމްޑީޕީން ކެނޑިޑޭޓުން ނެރެގެން އިންތިޚާބުތައް ކާމިޔާބު ކުރަމުން ދިއުމަކީ ސަރުކާރަށް ލިބޭ ބޮޑު ނާކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމުގެ ނަތީޖާ ހިތިވާނެ ކަމަށާއި، ރައްޔިތުންގެ ނިންމުންތަކުން އެކަން ފެންނަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އިދިކޮޅު ޕާޓީ އެއް ނެތް ކަމަށް ބުނާ އިރު އިދިކޮޅު ޕާޓީ އިން ހުރިހާ އިންތިޚާބެއް ކާމިޔާބުކުރަމުން މި ދަނީ. އެހެންވީމަ ރައީސް ދެއްކެވި ވާހަކަ ދިމަ އެއް ނުވޭ." މާޒް ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އަބްދުލް ޣަފޫރު މޫސާގެ ޗެއަރޕާސަން ކަމުގެ ދަށުން އެމްޑީޕީއަށް ލިބެމުންދާ ކާމިޔާބީތައް ފާހަގަކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް ގޮނޑިތައް ހުސްވުން ގާތް ކަމަށާއި، އެގޮތަށް ހުސްވާ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






