އީރާނުގެ ކުރީގެ ރައީސް އަހްމަދީނިޖާދުގެ ގެކޮޅަށް ދިން ހަމަލާއަކީ، އޭނާ ގޭބަންދުން ސަލާމަތްކުރުމުގެ މަގްސަދުގައި ދިން ހަމަލާއެއް: ރިޕޯޓް
އީރާނުގެ ވެރިކަން ބަދަލުކުރުމަށް އިޒްރޭލުން ރާވާފައިވާ ފުޅާ މަޝްރޫއެއްގެ ދަށުން، ކުރީގެ ރައީސް މަހްމޫދު އަހްމަދީނެޖާދު ގޭބަންދުން މިނިވަންކުރުމަށް އިޒްރޭލުން ނާކާމިޔާބު ހަމަލާއެއް ދީފައިވާކަން ނިއުޔޯކް ޓައިމްސްގެ ރިޕޯޓަކުން ވަނީ ހާމަވެފައި. މި ހަމަލާގައި އަހްމަދީނެޖާދަށް އަނިޔާވެ ބައެއް ފާރަވެރިން މަރުވި ނަމަވެސް، ވެރިކަން ބަދަލުކުރުމުގެ ރޭވުމަށް އޭނާގެ ޝައުގުވެރިކަމެއް ނެތުމުން އެ މަސައްކަތް ވަނީ ހުއްޓިފައި. އީރާނުގެ މިހާރުގެ ލީޑަޝިޕާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދެވި އަހްމަދީނެޖާދު މި ހާދިސާއަށްފަހު އާންމުންގެ ތެރެއިން ފެނިފައިނުވާއިރު، އޭނާ ހުރި ތަނެއް މިހާރު ކަށަވަރެއް ނުވޭ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީއަށް ވަޑައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދު 2024 ޖޫން 2 ވީ އާދީއްތަ ދުވަހު ކެންޑިޑޭޓެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރައްވަނީ. | ރޮއިޓާސް
އިޒްރޭލުން އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އެ ގައުމުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދުގެ ގެކޮޅަށް ދިން ނާކާމިޔާބު ހަމަލާއަކީ، އޭނާ ގޭބަންދުން ސަލާމަތްކުރުމުގެ މަގްސަދުގައި ދިން ހަމަލާއެއް ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ. މި ހަމަލާ ދީފައިވަނީ ހަނގުރާމަ ފެށުނު ދުވަސްވަރުގައެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، މި ހަމަލާއަކީ އީރާނުގެ ލީޑަޝިޕް ބަލިކަށިކޮށް، އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް މަގުފަހިކުރުމަށް އިޒްރޭލުން ރާވާފައިވާ ފުޅާ މަޝްރޫއެއްގެ ބައެކެވެ. އަދި މި ރޭވުމުގެ މައުލޫމާތު އެމެރިކާއަށް ކުރިންވެސް އެނގޭ ކަމަށް އެ ނޫހުން ބުނެއެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އަހްމަދީނިޖާދަކީ އިޒްރޭލާއި އެމެރިކާއާ ދެކޮޅު ހަރުކަށި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ނަމަވެސް، އީރާނުގެ މިހާރުގެ ވެރިކަން ވެއްޓިއްޖެ ހާލަތެއްގައި ގައުމު ހިންގުމުގައި އެހީތެރިވެދެވިދާނެ ފަރާތެއް ކަމަށް އިޒްރޭލާއި އެމެރިކާއިން ދެކެއެވެ.
ނަމަވެސް، މި ރޭވުން ވަރަށް އަވަހަށް ނާކާމިޔާބުވިއެވެ. ރިޕޯޓްތައް ބުނާގޮތުން އިޒްރޭލުން ދިން ފުރަތަމަ ދުވަހުގެ ހަމަލާތަކުގައި އަހްމަދީނިޖާދަށް އަނިޔާވިއެވެ. އަދި އޭގެ ފަހުން ވެރިކަން ބަދަލުކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު އޭނާގެ މާބޮޑު ޝައުގުވެރިކަމެއް ނެތްކަން ހާމަވިއެވެ. އެ ހާދިސާއަށްފަހު އޭނާ އާންމުންގެ ތެރެއިން ފެނިފައިނުވާއިރު، އޭނާ މިހާރު ހުރި ތަނެއް ނުވަތަ ހާލަތެއް އެއްވެސް ފަރާތަކަށް ނޭނގެއެވެ.
އެމެރިކާގެ އޮފިޝަލުން ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެއްވި ގޮތުގައި، އިޒްރޭލުގެ ވައިގެ ސިފައިން ދިން މި ހަމަލާގެ މައިގަނޑު ބޭނުމަކީ އަހްމަދީނިޖާދުގެ ގެކޮޅު ބަލަހައްޓަން ތިބި ފާރަވެރިން މަރާލައި، އޭނާ ބަންދުން މިނިވަންކުރުމެވެ. މި ހަމަލާގައި އޭނާ ދިރިއުޅުއްވާ ގެއަށް މާބޮޑު ގެއްލުމެއް ނުވި ނަމަވެސް، ސެކިއުރިޓީ ޕޯސްޓް އެއްކޮށް ސުންނާފަތިވިއެވެ.
2005 އިން 2013 އަށް އީރާނުގެ ރައީސްކަން ކުރެއްވި އަހްމަދީނިޖާދަކީ ފަހަކަށް އައިސް އެ ގައުމުގެ މިހާރުގެ ލީޑަޝިޕާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތުވެސް އޭނާއަށް ވަނީ ތަކުރާރުކޮށް ބަންދުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން، ތެހެރާނުގެ އިރުމަތީގައިވާ ނަރުމަކް އަވަށުގައި ހުންނަ އޭނާގެ ގެކޮޅުން ބޭރަށް ނުކުމެ އުޅުން އީރާނުގެ ކަމާބެހޭ ފަރާތްތަކުން އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
މި ރޭވުމުގައި ބައިވެރިވުމަށް އަހްމަދީނިޖާދު އެއްބަސްކުރުވީ ކިހިނެއްތޯ މިހާރުވެސް ސުވާލު އުފެދޭ ކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެއެވެ. އޭނާއާ ގާތް ގުޅުމެއް އޮންނަ ބައެއް ފަރާތްތަކަކީ ހުޅަނގުގެ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާ ނުވަތަ އިޒްރޭލަށް ޖާސޫސްކޮށްދޭ ބައެއް ކަމުގެ ތުހުމަތު މީގެ ކުރިންވެސް އީރާނުން ކޮށްފައިވެއެވެ.
އީރާނުގެ މީޑިއާތަކުން އެންމެ ފުރަތަމަ ރިޕޯޓްކުރީ އިޒްރޭލުން ދިން ހަމަލާގައި އަހްމަދީނިޖާދު އަވަހާރަވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީން ފަހުން އެކަން ދޮގުކުރިއެވެ. އަދި އީރާނުގެ ސަރުކާރުގެ މީޑިއާތަކުން ބުނެފައިވަނީ، އެ ހަމަލާގައި އޭނާ ސަލާމަތްވި ނަމަވެސް، އޭނާގެ ބައެއް ފާރަވެރިން މަރުވެފައިވާ ކަމަށެވެ.







