ރަށެއް ހިލުވާލި "މައިޝާ" އާއި "މާޖިދާ"ގެ ވާހަކަ
މީހުންތައް އެއްވެފައި އޮތީ އަވަށު އޮފީސް ދޮށުގަ. ކުޑަ މީސްކޮޅެއް ނޫން. ބައިހެޔޮކޮށް އެއޮތީ ކުޑައިން ބޮޑަށް. ޒުވާނުންނާއި އުމުރުން ދުވަސްމީ މީހުންނައިގެން ތަން ތުކިތުކި ލަނީއެ. މުޅި އަވަށުގެ ފައިއިދި ފުރައިގެ އެންމެން ކަހަލަ ގޮތަކަށް އެތިބީ އެތަނުގައެ.


މާޖިދާ އާއި މައިޝާ | ރާއްޖެ އެމްވީ
މީހުންތައް އެއްވެފައި އޮތީ އަވަށު އޮފީސް ދޮށުގައެވެ. ކުޑަ މީސްކޮޅެއް ނޫނެވެ. ބައިހެޔޮކޮށް އެއޮތީ ކުޑައިން ބޮޑަށެވެ. ޒުވާނުންނާއި އުމުރުން ދުވަސްމީ މީހުންނައިގެން ތަން ތުކިތުކި ލަނީއެވެ. މުޅި އަވަށުގެ ފައިއިދި ފުރައިގެ އެންމެން ކަހަލަ ގޮތަކަށް އެތިބީ އެތަނުގައެވެ. ގާތްވެ އަހަރެންވެސް ވެގެން އުޅޭ ގޮތެއް ބަލައިލީމެވެ.
ކަމަކުދާކަށް ނެތެވެ. އަވަށު ވެރިޔާ ގާތު އެހެރީ ރަށު ކަތީބުގެ އަންހެނުން މަހާ ރެހެންދީ މާޖިދާއެވެ. ރުޅިއައިސްގެން ތުރުތުރު އަޅައަޅައެވެ. އެއަށްވުރެ ބޮޑަށް ދެރަވެސް ވެފައެވެ. ވަރަށް އަސަރާއެކު އޭނާ ބުނެ އެވެ. އަހަރެންގާތަށް ކެންޕޭނުގައި އައި ދުވަހުވެސް އާދޭސް ކޮށްފައި ބުނީމު ނޫން ހެއްޔެވެ. އަހަރެން އިތުރު އެއްޗެއް ބޭނުމެއް ނޫނެވެ. އެކަމަކު ހޮވުނީމާ މަށަށްވެސް ކަމެއް ކޮށްދޭން ވާނެއެވެ. ހޮވި ހުވާ ކުރީމާ މިއައީ މިކަމާއެވެ. މީ މިއަދު މަށަށް އޮތް އެންމެ ބޮޑު މުހުތާދެވެ.
ހައިރާންވެފައިވާ ހާލުގައި މޭޔަރު އަހައެވެ. ވީ ކީއްޔެވެ.؟ ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ.؟
މާޖިދާ އެފެށީ އޭނާގެ ޝިކާޔަތު ކިޔައިދޭށެވެ. އަޑުން އަޑުނަގާ ބުންޏެވެ. ރަގަޅަށް ކަނުލާ އަޑު އަހާށެވެ.
އަހަރެން ކަތީބާ އިނީކީ އިއްޔެއަކު މިއަދަކު ނޫނެވެ. އެކަމެއް ލިބުމުގެ މާކުރިންނެވެ. ބޮލަށް ވައްޓާލި ލިބާހާއެކު މިއުޅެނީ އޭނާއާއެކުއެވެ. މަންމަ ކިޔައިދިން ސިފަތައް ހުރީމާ މަށަށްވެސް ކަމުދިޔައީމައެވެ. ކަޅުވެފައި ދިގުވީމާ މަށަށްވެސް ގަޔާވެވިގެންނެވެ. މިހާ ދުވަސްވީއިރު އޭނާ އެންމެ ރަނގަޅަށް އެނގޭނީ މަށަށްތާއެވެ. ގެއިން ނުކުތީމާ ބޯކޮޅު ބެލެނީ އެހެން ވެގެންނެވެ. ދާތަނެއްގައި މީހުން ބައިތިއްބައިގެންވެސް ހަދާ ނުހަދާ ހޯދެނީ ސަބަބެއް އޮވެގެންނެވެ. ގެއަށް އައީމާވެސް ނުހަނު ފުންކޮށް ބަލާލަމެވެ. ހަމަ އެއްޗެކޭ ހީވާ ވަރުންނެވެ.
މާޖިދާ ހުއްޓާ ނުލާ ކުރިއަށް ގެންދިޔައެވެ. ބުންޏެވެ. އެކަމަކު މިވަރުގެ ކަމަކާ ކުރިމައްޗެއް ނުވިއެވެ. މިއުޅޭ "މައިޝާ" ގެ ކަންތައް މާ ބޮޑުވީއެވެ. ބޮޑު ބޮލުގެ ރިހުމަކަށް ވެއްޖެއެވެ. ފުރަތަމަ އޭނާއަށް ރަށު އޮފީހުން ވަޒީފާއެއް ދިން ދުވަހުވެސް މަގޭ ބޮލުގައި ރިއްސާލިއެވެ. އެމަންޖެގެ ބުރުސޫރަ ރީތިވެފައި ބަނިޔާދަ ކުމުންނެވެ. އެކަމަކު އަޅައެއް ނުލަމެވެ. ހިސާބަކަށް ތިލަވާން ފެށީމާ ބުނެގެން އެހެންތާކަށްވެސް ބަދަލު ކުރީމެވެ. އެކަމަކު މީހުން ނިދާ ފައިހިލަވަޅު އޮބުނީމާ އެފޮނުވާ ފަންވަތް ތަކެއްތާއެވެ. މަދެއްކޮށެއް ނޫނެވެ. މުނާޖާ ގޮވަންވާއިރަށް 55 ފަހަރަށްވެސް އެކަން ކުރަނީއެވެ. އެމަންޖެއަށް ހޭހަން ކޮށްދިން ވާހަކަތައް މީހުންވެސް ކިޔާ އުޅެއެވެ. އެމަންޖެވެސް އެބުނާވަރަށް މަހުން މަހަށް ފައިސާ ދިންކަން މަށަށްވެސް ގަބޫލު ކުރެވެނީ އެހެން ވެގެންނެވެ.
މިކަންތައްގަނޑު ބޮޑުވީމަ މުޅި އެތެރެކޮއިލުން އެމަންޖެ ބޭރުކުރުވީމެވެ. އެކަމަކުވެސް މިކަމަކަށް ނިމުމެއް ނައެވެ. "ތުނޑު ހަސަނާ ޖެހުނު މީދާހެން" އެމަންޖެގެ ތުރާތަކަކުން މިންޖެއް ނުވިއެވެ. ބުނެބުނެވެސް ދުލެއް ކުރާކަށް ނޫޅުނެވެ. "ތޮށަލި ތަކުރާ ޖެހުނު ވިގަނިހެން" ވިއްދާފައި ހަމައެހުރީއެވެ.
އެމަންޖެ އެވާހަކަ އެ ކިޔައިދިނީ މިރަށު ބޮޑުތާޅަފިލި ގާތުގައެވެ. އެމީހުންގެ ހައްޓަކު ހެޔެއް ނެތެވެ. އެއޮށްގެން އެވާހަކަ ފަތުރާ ނަގަނީއެވެ. މުޅި ރަށުތެރޭގައި އެވާހަކައެވެ. ދޭދޭ ދެމީހަކު އެއްވެއްޖިއްޔާ އެވާހަކައެވެ. މަގު ކުނިކަހަން ނިކުންނަ އަންހެންވެރިންވެސް ހީނހީނފައި ދައްކަނީ އެވާހައެވެ. މަސްއޮޑި އަތިރީގަޔާ ހޮޅުއަށިތަކުގައި މަޖާ ނަގަނަގާފައި އެނޫން ވާހަކައެއް ނުދައްކައެވެ. އުވަދަވަން އުޅޭ މީހުންނާ އޮޑިއެހެލަން ވަލުގައި ހިފާފައި އަންބާއަކަށްވެސް ގޮވަނީ ހަމައެފަތިވަރެވެ.
މާގޭ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. މިކަމަކުން މިންޖުވާނޭ ގޮތެއް ވިސްނަ ވިސްނާވެސް ނޭނގުނެވެ. އެވާހަކަ ދެއްކުން ހުއްޓުވޭތޯ ފަނޑިޔާރު މަނިކުފާނު ލައްވައި "ހިކި އަމުރެއްވެސް" ނެރެފީމެވެ. އެވާހަކަ ފަތުރަން އުޅުނު ދެސޮރަކު ހުރަގެއަށްވެސް ލައިފީމެވެ. މަގުތަކަށް އެއްވެ އެވާހަކަދައްކާ މީހުންނަށް އަހުވަދޭނެ ކަމަށްބުނެ މަތިމައްޗަށް އިންޒާރުވެސް ދީފީމެވެ. ވީކަމެއް ހަތްހަރާމުން ހަރާމެވެ. އަޑުވަނީ ގަދައެވެ. ކިޔާ ލަވަޔާ ދައްކާ މަންޒަރުތައް ހައްތާވެސް ވަނީ އިތުރެވެ. އެންމެން ހޯބޯވެސް ލަވަނީއެވެ. މުޅި ރަށް އޮތީ މިކމެއްގައި ހިލިފައެވެ. އެންމެފަހުން އޮފީހުގައި އެހެރަ އަދަރާދަ ގޮނޑިކަހަލަ ގޮނޑިއެއްވެސް ނެރެގެން ގެންގުޅެންވެސް ފަށައިފިއެވެ. މަހަމަ ކޮސްވެއްޖެއެވެ.
މިއޮޅޭ ސިޔާސަ ކޮމެޓީ ކުދިންކޮޅު ލައްވައިވެސް އެކަމަށް ކަމެއް ކުރެވޭތޯ ބަލައިފީމެވެ. ނުވިއެވެ. އެމީހުންވެސް ބަސްބުނިވަރަކަށް ކިޔާ އެއްޗެހި ވަނީ އިތުރެވެ. "ކޮނުނު ކޮނުނުހެން ފަސްގިނަވާ" ބީދައަށެވެ. އިތުރަށް ވަނީ ފޯރިގަދައެވެ. ތަންވަޅު ބަލާފައި "ނަގައިގެން ކަތީބުންތައް"ވެސް އަރުވާ ޖަހާފައި ނުކުމެއްޖެއެވެ. "ހާސް ކުދި މީދަލާ" އެއްވަރު ވީއެވެ. މުޅި ރަށް މިހާރު ހިލިފައި މިވަނީ ކިމަމެއްގައެވެ. މަށަށް މިހާރު ހަތަރު އުދަރެސް ފެނުޖެހިއްޖެ ކަހަލައެވެ. ކުރިން އުޅުނު ޗާލާކީކޮށް މަގެއް މައްޗަށް ނުކުމެލާ "ތާރައެއް" ބަލާލާ ހަދާލަންވެސް ދަތިވެއްޖެއެވެ. ބޮޑުބެރެއް ޖަހާ ތާކު "ކަޑިއެއް ކިޔާލެވޭކަށްވެސް" ނެތެވެ. ކިތައްންމެ ބޭނުންވިއަސް އެކުއުޅުނު ކުދިންނާއެކު ފަރިއްސެއް ކިޔާލަން ނިކުންނަހާ ހިތްވަރެއް ނެތެވެ. ނަމުން ކިތައްމެ އިއްޒަތުގައި އަހަރެން އިނަސް މިހާރު އުޅެން ޖެހިފައިމިވަނީ ވަރަށް ހާލުގައެވެ.
އެހެންވީމަ މިކަމަށް މަށަށް ކަމެއް ކޮށްދޭށެވެ. ދެފައިގައި ހިފާފައި އާދޭސް މިކުރަނީ މިކަމަށް ހައްލެއް ހޯދައިދޭތޯއެވެ. އަހަރެން މިއަދު ސަލާން ޖަހަމެވެ. މިކަމުގެ ހައްލަކަށް އެދިއެވެ. މިކަމުން ނަޖާވާނޭ މަގެއް ހޯދައިދޭށެވެ. ހަމަ ހުވާކުރާއިރަށް މިއައީ މިކަމާއެވެ. މިއީ މިކަމުގައި އަންނާން ޖެހޭ ތަނެއް ނޫންކަންވެސް އެނގިހުރެއެވެ. އެކަމަކު މިކަމުން ސަލާމަތްވާން "ނުފޮރޮޅާ ހަމަ އެންމެ ގަލެއްވެސް ނުބާއްވާން" ވެގެން މިތަނަށްވެސް މިއައީއެވެ. މޭޔަރު ކޮސްވެފައި ހުއްޓެވެ.
އަޅޭ!. ހޭލެވުމާއެކު ހިތަށް އެރިއެވެ. މިފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ. ގަންޖިފަރާސްގަނޑު ކޮނޑުމައްޗަށް އެއްލަމުން އެތެރެގެއިން ނުކުންނަމުން ހިތަށް އެރިއެވެ. ހަމަ ޔަގީނެވެ. މީ ހަގީގަތެއް ނޫނެވެ. މީހުން ބުނެއުޅެއެވެ. ހުވަފެނަކީ ބިލާހެކެވެ. މަށެއް މިވާހަކަ އަންހެނުން ގާތަކުވެސް ނުބުނާނަމެވެ.






