ބޯފެނުގައި ހުންނަ މައިކްރޯޕްލާސްޓިކްގެ 95 އިންސައްތަ ސާފުކޮށްދޭ ފިލްޓަރެއް 18 އަހަރުގެ ދަރިވަރަކު އީޖާދުކޮށްފި
އެމެރިކާގެ ދަރިވަރަކު އީޖާދުކުރި މި ފިލްޓަރަކީ މެގްނެޓިކް ބާރު ހުންނަ ތެލެއް ބޭނުންކޮށްގެން ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކްގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ނިޒާމެކެވެ. އަމިއްލައަށް ރީސައިކަލް ކުރެވޭ މި އީޖާދަށް ބައިނަލްއަގުވާމީ ސައިންސް ފެއަރތަކުން ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، އޭނާގެ އަމާޒަކީ މި ފިލްޓަރު އާންމު ގޭބިސީތަކުގައި ބޭނުންކުރެވޭނެ ފަސޭހަ އުފެއްދުމެއްގެ ގޮތުގައި ބާޒާރަށް ނެރުމެވެ.


ހައި ސްކޫލް ދަރިވަރު, މިޢާ ހެލަރ 18އ 95.5% މައިކްރޯޕްލާސްޓިކް ނައްތާލާ ފެން ފިލްޓަރެއް އީޖާދުކޮށްފި | ސްމިތް މެގަޒިން
އެމެރިކާގެ ވަރޖީނިއާ ސްޓޭޓްގެ ކެޓްލް ރަން ހައި ސްކޫލްގައި ކިޔަވަމުންދާ އުމުރުން 18 އަހަރުގެ ދަރިވަރު މިއާ ހެލަރ (Mia Heller) ވަނީ، ބޯފެނުން މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ އައު އަދި ކާމިޔާބު ފިލްޓަރެއް އީޖާދުކޮށް، ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.
ޚިޔާލު އައި ގޮތް މިފަދަ ފިލްޓަރެއް އުފެއްދުމުގެ ޚިޔާލު ހެލަރ އަށް އައީ އޭނާ ދިރިއުޅޭ ސަރަޙައްދު ކަމަށްވާ ވަރޖީނިއާގެ ވޮރެންޓަންގެ ފެނުގައި ނުރައްކާތެރި ކެމިކަލް (PFAS) އަދި މައިކްރޯޕްލާސްޓިކް ހުރިކަމަށް ލޯކަލް ނޫހަކުން ކިޔުމަށްފަހުގައެވެ. މިކަން ޙައްލުކުރުމަށް ސަރުކާރުގެ އެހީތެރިކަމެއް ނުލިބުމުން، އޭނާގެ އާއިލާއިން ގޭގައި ބޭނުންކުރަން ފެށި އަގުބޮޑު ފިލްޓަރުތައް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އޭނާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން މެމްބްރޭން (ފިލްޓަރުކުރާ ފަށަލަ) ބޭނުންނުކޮށް، މަރާމާތުކުރަން ފަސޭހަ އަދި އަގުހެޔޮ ގޮތެއް ހޯދުމަށް އޭނާ ގޭގެ ގަރާޖުގައި ދިރާސާކޮށް މަސައްކަތް ފެށިއެވެ.
މަސައްކަތްކުރާ ގޮތް އާދައިގެ ފުށް ކޮތަޅެއްގެ ބޮޑުމިން ހުންނަ މި ފިލްޓަރުގެ ފުރަތަމަ ނަމޫނާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 3 ބަޔެކެވެ. ފުރަތަމަ ބައިގައި ނުސާފު ފެން (ގާތްގަނޑަކަށް 1 ލީޓަރު) ރައްކާކުރާއިރު، ދެވަނަ ބައިގައި ހުންނަނީ ކެނޯލާ އޮއިލް ބޭނުންކޮށްގެން ހަދާފައިވާ 'ފެރޯފްލުއިޑް' (މެގްނެޓިކް ބާރު ހުންނަ ތެލެއް) އެވެ. ތިންވަނަ ބައިގައި، ފެނުގެ ތެރެއަށް މި ތެޔޮ ފޮނުވާލުމުން ފެނުގައި ހުންނަ ޕްލާސްޓިކް ކޮޅުތައް މި ތެލުގައި ތަތްވެއެވެ. ދެން މެގްނެޓެއްގެ އެހީގައި މި ތެޔޮތައް ފެނުން ވަކިކޮށްލުމުން ފެން ސާފުވެގެން ދެއެވެ.
މީގެ އެންމެ ޚާއްޞަ ކަމަކީ، މިއީ އަމިއްލައަށް ރީސައިކަލް ކުރާ (closed-loop) ނިޒާމަކަށް ވުމެވެ. ޓެސްޓުތަކުން ދައްކާގޮތުގައި މި ފިލްޓަރުން ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކްގެ 95.52 އިންސައްތަ ސާފުކޮށްދޭއިރު، އޭގައި ބޭނުންކުރާ ފެރޯފްލުއިޑްގެ 87.15 އިންސައްތަ ދެވަނަ ފަހަރަށް ބޭނުންކުރުމަށްޓަކައި އަމިއްލައަށް ރީސައިކަލް ކުރެއެވެ.
ލިބިފައިވާ ކާމިޔާބީތައް މި މުހިންމު އީޖާދުގެ ސަބަބުން 2025 ވަނަ އަހަރުގެ "ރިޖެނެރޯން އިންޓަނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގ ފެއަރ" ގެ ފައިނަލަށް ހެލަރ ދަތުރުކޮށްފައިވާއިރު، ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް ސޮސައިޓީގެ ފަރާތުން އޭނާއަށް ވަނީ ޚާއްޞަ އެވޯޑަކާއެކު 500 ޑޮލަރުގެ އިނާމެއް ލިބިފައެވެ. އަދި ވާޖިނިއާ ޕީޑްމޮންޓް ރީޖަނަލް ސައިންސް ފެއަރ އިން އޭނާ ވަނީ އެންމެ މަތީ ވަނަ (ގްރޭންޑް އެވޯޑް) ވެސް ޙާޞިލުކޮށްފައެވެ.
ކުރިމަގުގެ އަމާޒު ހެލަރގެ މިހާރުގެ އަމާޒަކީ، އޭނާގެ މި ފިލްޓަރުގެ ނަތީޖާތައް މިނިވަން ލެބޯޓްރީތަކެއް މެދުވެރިކޮށް ޔަޤީންކުރުމަށްފަހު، އާންމު ގޭބިސީތަކުގެ ސިންކު ދަށުގައި ފަސޭހައިން ހަރުކޮށްލެވޭނެ ފަދަ އާދައިގެ އަދި އަގުހެޔޮ އުފެއްދުމެއްގެ ގޮތުގައި ބާޒާރަށް ނެރުމެވެ





