މުއްދަތު ހަމަވެފައިވާ ކިޓުތަކާއި، ހުސްވެފައިވާ ބޭސް ހަރުގަނޑުތައް: ސަރުކާރުން ފުލުފުލުގައި ދައްކަމުންދަނީ ބަހަނާ!
ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ޓެސްޓް ކިޓް ބޭނުންކުރުމާއި، ތެލެސީމިއާ ކުދިންނަށް ހަލާކުވެފައިވާ ލޭ އެޅުން ފަދަ ނުރައްކާތެރި އިހުމާލުތައް ދަނީ ފެންމަތިވަމުން. މީގެ އިތުރުން އިންސިއުލިން އާއި ލޭމަތިވުމަށް ބޭނުންކުރާ އަސާސީ ބޭސްތައް ހުސްވެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާ އިރު ވެސް ސަރުކާރުން މިކަންކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާކަން ފާހަގަކުރެވޭ. މިފަދަ ސީރިއަސް މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި ސިޔާސީ ބަހަނާތައް ދެއްކުމަކީ މުޅި ގައުމީ ފެންވަރުގައި ވެވޭ ބޮޑު އިހުމާލެއް.


ހެލްތު މިނިސްޓްރީ | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ނުރައްކާތެރި މިންވަރަކަށް ދަށަށް ދާކަމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުންނެވެ. ފުލުފުލުގައި ހިނގަމުންދާ ހިތާމަވެރި ޙާދިސާތަކާއި، އިވެމުންދާ އަޑުތަކަށް ބަލާއިރު މުޅިންވެސް ފެންނަން އޮތީ ޤައުމުގެ ސިއްޙީ ނިޒާމުގެ ހިންގުން ދޯހަޅިވެފައިވާ މިންވަރެވެ. ބަހަނާއަކަށް ފަހު ބަހަނާއެއް ދައްކަމުންދާއިރު، ކަމާ ގުޅުންހުރި އިދާރާތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރާތީ ހުރިހާ ތަކުލީފަކާއި ހިތާމައެއް ކުރިމަތިވަމުންދަނީ ނިކަމެތި އާންމު ރައްޔިތުންނަށެވެ.
ހަމައެކަނި މި ހިނގާ އޭޕްރީލް މަހުގެ ހަބަރުތަކަށް ބަލާލުމުންވެސް ފެންނަނީ އެ ބިރުވެރި މަންޒަރެވެ.
މ. މުލީގައި އުމުރުން 17 އަހަރުގެ ކުއްޖަކު ޑެންގީ ހުމުގައި މަރުވިއިރު، ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިވާ ޓެސްޓް ކިޓްތައް ބޭނުންކުރި ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ. މި މައްސަލައަށް އެކަނި ބަލާލި ނަމަވެސް މިއީ މުޅި ގައުމު ކަންބޮޑުވާންޖެހޭ ކަމެކެވެ. ޓެސްޓް ކިޓަކީ ބަލި ދެނެގަތުމަށް ބޭނުންކުރާ އެންމެ އަސާސީ ވަސީލަތެވެ. އެފަދަ އެއްޗެއްގެ ރައްކާތެރިކަމާއި އިތުބާރު ހިފޭ މިންވަރު ކަށަވަރު ނުކުރެވޭއިރު، މުޅި ސިއްހީ ނިޒާމާ މެދު އާންމު ރައްޔިތުންގެ އޮންނާނީ ކޮން އިތުބާރެއް ހެއްޔެވެ؟
ހަމައެއާއެކު، ތެލެސީމިއާ ސެންޓަރުގައި ތިން ކުއްޖަކަށް ހަލާކުވެފައިވާ ކުނި ލޭ އެޅި ކަމަށް ރިޕޯޓްކުރެވުނު ހާދިސާއަކީ، މިފަހުން ފެނިގެންދިޔަ ހިތާމަވެރި އިހުމާލެކެވެ. މިއީ އާންމު ސިއްހީ ނިޒާމުގެ އެންމެ ނާޒުކު އެއް ދާއިރާއަށް އޮތް އިތުބާރު މުޅިން ގެއްލިގެންދާ ފަދަ ސީރިއަސް މައްސަލައެކެވެ.
ދެން އޮތީ ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ބޭހުގެ ދަތިކަމުގެ މައްސަލައެވެ.
އޭޑީއެޗްޑީ (ADHD) އަށް ބޭނުންކުރާ ބޭސް ލިބުން ދަތިވަމުންދާތީ، އެކަމާ ގުޅިގެން ބޭސް އެތެރެކުރާ ކުންފުންޏަކާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ވަނީ އެދިފައެވެ. މި ބޭސް ބޭނުންކުރާ ބަލިމީހުންނަކީ އެމީހުންގެ ދިރިއުޅުމުގެ އާންމު ކަންކަމާއި، ތައުލީމާއި، ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މެދުކެނޑުމެއް ނެތި މި ބޭސް ބޭނުންކުރަންޖެހޭ ބައެކެވެ. އެހެންނަމަވެސް، މި ބޭސް ލިބުމުގެ ދަތިކަން އަދިވެސް ދަނީ ކުރިމަތިވަމުންނެވެ.
މި މައްސަލަ މިހިސާބުން ނިމެނީއެއް ނޫނެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފާމަސީތަކުން ބްލަޑް ޕްރެޝަރު ކޮންޓްރޯލްކުރަން އާންމުކޮށް ބޭނުންކުރާ ބޭހެއްވެސް މިދޭތެރެއިން ހުސްވިއެވެ. ހައިޕަރޓެންޝަން ނުވަތަ ލޭމަތިވުމަށް ބޭނުންކުރާ އަސާސީ ބޭހަކީ މި ގައުމުގައި އެންމެ ގިނައިން ޑޮކްޓަރުން ލިޔެދޭ އެއް ބޭހެވެ. މިފަދަ ބޭހެއް ސްޓޮކުން ހުސްވުމަކީ އެތައް ހާސް ބަޔަކު ސްޓްރޯކް ޖެހުމާއި، ހާޓް އެޓޭކް ޖެހުމާއި، އަދި ދިގުމުއްދަތުގެ ސިއްހީ ނުރައްކާތަކަކަށް ހުށަހެޅިގެންދާ ކަމެކެވެ.
މިއަށްވުރެ މާ ބިރުވެރި ކަމަކީ، ހަކުރުބަލީގެ ބަލިމީހުން ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ ފުރާނަ ސަލާމަތްކޮށްދޭ "ގްލާޖިން" އިންސިއުލިން ރާއްޖެއިން މުޅިން ހުސްވެފައިވާ ކަމަށް ދާދި ފަހުން ރިޕޯޓްކުރެވުމެވެ. އިންސިއުލިންއަކީ ބޭނުންކުރުން ލަސްކުރެވޭނެ، ނުވަތަ ފަސޭހައިން އެހެން އެއްޗަކަށް ބަދަލުކުރެވޭނެ، ނުވަތަ ލިބެންދެން މަޑުކުރެވޭނެ އެއްޗެއް ނޫނެވެ. ގިނަ ބަޔަކަށް މިއީ ދިރިހުރުމާ ގުޅިފައިވާ އެއްޗެކެވެ. މިއީ ހައްތަހާވެސް މި ފަހުގެ ޚަބަރުތަކެވެ.
މިފަދަ ކަންބޮޑުވުންތައް އެއްފަސްވަމުން ދަނިކޮށް، އަސާސީ ބޭސް ހުސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަވެސް ސަރުކާރުގެ މެމްބަރުން ވަނީ ބޭރުކޮށްލާފައެވެ. އެ ނިންމުމުން ދޭހަވަނީ ވަރަށް ބިރުވެރި މެސެޖެކެވެ. އެއީ ނުރައްކަލުގެ ރަނގަބީލު ބާރަށް ޖަހަމުންދާއިރު ވެސް، އަވަސް ފިޔަވަޅެއް އެޅޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމެވެ. އެކަމަށް މަސައްކަތްކޮށްދޭނެ ފަރާތެއް ވެސް މި ހިނގަމުންދާ ސަރުކާރުގައި ނެތްކަމެވެ. އެންމެ ކުޑަމިނުން އެ ކަންބޮޑުވުން ވެސް ނެތް ކަމެވެ. އޭގެ ބަދަލުގައި މުޅިންވެސް ފެންނަމުންދަނީ އެކިއެކި ބަހަނާތައް ދައްކަމުންދާ މަންޒަރެވެ.
ބޭސް ސަޕްލައިކުރާ ފަރާތްތަކާއި، ލޮޖިސްޓިކްސްއާއި، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި ނުވަތަ އިދާރީ އުނދަގޫތަކުގެ ބަހަނާ ދައްކައި، މި އިހުމާލުތަކުން ސަރުކާރަށް ބަރީއައެއް ނުވެވޭނެއެވެ.
ހަގީގަތުގައި ވެރިކަމެއްގެ ގާބިލުކަން ވަޒަންކުރެވެނީ މިފަދަ ދަނޑިވަޅުތަކުގައެވެ. ވެރިކަން ކުރުމަކީ ބޭސް ހުސްވުމުގެ ކުރިން އެކަން ދެނެގަނެ ފިޔަވަޅު އެޅުމެވެ. މުއްދަތު ހަމަވެފައިވާ ކިޓްތައް ބޭނުންކުރުމުގެ ކުރިން ހަރުދަނާ އުސޫލުތަކެއްގެ ދަށުން އެކަން ބެލެހެއްޓުމެވެ. ހަލާކުވެފައިވާ ލޭ ކުޑަކުއްޖެއްގެ ގަޔަށް ނޭޅޭނެކަން ކަށަވަރުކުރުމެވެ. އަދި ހިތާމަވެރި ހާދިސާއެއް ހިނގައި ހަބަރުތަކުގެ ފަލަ ސުރުހީއަށް އެރުމުގެ ކުރިން ބަލިމީހުން ރައްކާތެރިކުރުމެވެ.
ބަލި ދެނެގަތުމުގެ ނިޒާމަށް ބުރޫއަރައި، ލޭގެ ރައްކާތެރިކަމާމެދު ސުވާލު އުފެދި، ފުރާނަ ސަލާމަތްކުރަން ބޭނުންވާ ބޭސްތައް ހުސްވެ، އަދި ކުއްލި ނުރައްކަލުގެ އިންޒާރުތަކަށް ސިޔާސީ ގޮތުން ފުރަގަސްދޭ ހިސާބުން، އެއީ ހަމައެކަނި ވަކި ބައެއްގެ ނާގާބިލުކަމެއް ނޫނެވެ. އެއީ މުޅި ގައުމީ ފެންވަރުގައި ވެވޭ ބޮޑު އިހުމާލެކެވެ.





