ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 02:21
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު
ޕީޕަލް މެގަޒިން
ފަލަސުރުހީ
ޕީޕީއެމްގައި ތިބި ގިނަ މެންބަރުން ރައްޔިތުންގެ ހައްގުގައި ނިކުންނާނެ: ސައުދު
ޕީޕީއެމް ވަނީ އިތުރަށް ބައިބައިވެފައި
ގިނަ މެންބަރުންތަކެއް ރައްޔިތުންގެ ހައްގުގައި ނިކުންނާނެ
ޕީޕީއެމް ވަނީ ހައިޖެކް ކުރެވިފައި

ޕީޕީއެމްގެ މެންބަރުންގެ ޓެގް އަޅުވައިގެން މިވަގުތު ތިބި މެންބަރުން ރައްޔިތުންގެ ހައްގުގައި ވަރަށް އަވަހަށް ނިކުންނާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، އެބޭފުޅުން ފަދަ މެންބަރުން ޖަލަށްލާ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނު މެދުވެރިކޮށް އަޑުތައް ފަތުރަމުންދަނީ މިވަގުތު ޕީޕީއެމްގައި ތިބި މެންބަރުންނަށް ބިރު ދެއްކުމަށް ކަމަށެވެ. އެެހެންނަމަވެސް އަދި އެ މެންބަރުންވެސް ރައްޔިތުންގެ ހައްގުގައި ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" ޕީޕީއެމްގެ ޕާލިމެންޓްރީ މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުން އަދި ނިކުންނަވާނެ. އެއީ ވަރަށް ޔަގީން ކަމެއް. އަޅުގަނޑުމެން ކައިރީ ދެރަވެފަ، ސަރުކާރުގެ ސިޔާސަތުތައް ކަމު ނުދާ ކަމަށް މެންބަރުން ބުނެފައި އެބަހުރި. އެބޭފުޅުން މިއަދު ދެރަވޭ، ރައްޔިތުންގެ ހައްގުގައި ކުރިން ނުނިކުމެވުނީތީ. އަދި މިހާރުގެ ވެރިޔަކީ އަނިޔާވެރި ވެރިޔެއްކަމަށް އެބޭފުޅުން ދަނީ އަޅުގަނޑުމެން ކާއިރީ ބުނަމުން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، އަދި ސަރުކާރު އިތުރަށް ބައިބައިވެ ހުޅުރޯވާނެ ކަމަށާއި މިހާރުވެސް އޭގެ ކޮޅުމަތި ފެންނަމުންދާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދާދީ އިސްކޮށް މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމް އެކަތިގަނޑެއްގައި މަސައްކަތް ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޕީއެމްގެ އިސް ފަރާތްތަކާއި މެޑަމްގެ ކެމްޕެއިން ހަރަކާތްތަކާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި މިއަދު ޕީޕީއެމްގެ މެންބަރު ފެނިގެންދަނީ ހައިޖެކް ކުރެވިފައިވާ ބައެއްގެ ގޮތުގައި ކަމަށް ސައުދު ވިދާޅުވި އެވެ. ސައުދު ވިދާޅުވީ، އެ ފަރާތްތަކުން ހައިޖެކް ކުރެވިފައިވާ ގޮޅިން ނުކުމެ ގައުމުގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަން ވަރަށް ބޮޑަށް ޔަގީން ކުރައްވާ ކަމަށެެވެ.

ސައުދު ވިދާޅުވީ، ރާއްޖޭގެ ހާލަތު މިއަދު މިހާ ދަށު ދަރަޖައަށް ގޮސްފައިވަނީ ޖުޑިޝަރީގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކުރެއްވުމުގެ ސަބަބުން ކަމަށެވެ.

" މިއަދު މި ގައުމު އޮތް ހާލަތަށް ވައްޓާލުމަށްޓާއި އަދި ގާނޫނީ ހުސްކަމަށް އައިސްފައިވަނީ ކޮން ފަނޑިޔާރުންގެ ސަބަބުންތޯ ބަލާ،އެ ފަނޑިޔާރުންގެ މަގާމުން އެބޭފުޅުން ވަކި ކުރުމަށްޓަކާއި 2019 ވަނަ އަހަރުގައި އެ މަސައްކަތް ކުރެވޭނެ. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ މެޖޯރިޓީ އޮންނާނީ މުޅި ސިސްޓަމް ރިފޯމް ކުރުމަށްޓަކައި،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، ސަރުކާރުން އެއްވެސް ޕްލޭނެއް ނެތި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަަމަށެވެ.އަދި މިކަންކަމާ މިއަދު ރައްޔިތުން ކަންބޮޑުވެ، ރައްޔިތުން ދެކޭ ގޮތް ވޯޓުގެ ޒަރިއްޔާއިން ހާމަކުރަމުންދާ ކަމަށެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް