ކުރިން މިނިސްޓަރަށް ކަމުނުގޮސްގެން ވާހަކަދެއްކެވި ކޮންޓްރެކްޓަރ ލައްވާ އަލުން މަސައްކަތް ފެށިނަމަވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓޭ ކަމަށް މިނިސްޓަރ ޝަހީމް އެއްބަސްވެވަޑައިގެންފި
ބ. ކެންދޫ މިސްކިތުގެ މަސައްކަތް ލަސްވާތީ ކޮންޓްރެކްޓް ބާތިލުކޮށް އައު ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި. މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރުގެ ކޮންޓްރެކްޓަރުގެ ފަރާތުން ފަންނީ މައްސަލަތަކެއް ކުރިމަތިވެ މަސައްކަތް ހުއްޓެމުންދާތީ، ގާނޫނީ އިޖުރާތްތައް ފުރިހަމަކޮށް މަޝްރޫއު އަވަހަށް ނިންމުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް. ނަމަވެސް، މިހާތަނަށް އައު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކޮށްފައި ނުވާކަން ކެންދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައި. އަދި މަސައްކަތް ދޭތެރެ ދޭތެރެއިން ހުއްޓޭ.


އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. | މަޖިލިސް
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް، ކުރިން ކަމު ނު ގޮސްގެން ވާހަކަ ދެއްކެވި ބ. ކެންދޫ މިސްކިތުގެ ކޮންޓްރެކްޓަރ ލައްވާ އަލުން މަސައްކަތް ފެށިނަމަ ވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓޭ ކަމަށް މިނިސްޓަރ ޝަހީމް އެއްބަސްވެވަޑައިގެންފި އެވެ.
ކެންދޫ މިސްކިތުގެ މަސައްކަތް އައު ކޮންޓްރެކްޓަރަކާއި ހަވާލުކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ 22 އޮކްޓޫބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ މިސްކިތުގެ މަސައްކަތް ފެށުނީއްސުރެ ސައިޓުގައި އިންޖިނިއަރެއް ނެތި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން ކުރެހުމާ މުޅިން ހިލާފަށް ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މަސައްކަތަށް ބުރޫއަރައި ސައިޓުގެ މަސައްކަތް ހުއްޓުނު ކަމަށެވެ. އަދި އެކަން ހައްލުކުރަން އެންގި ނަމަވެސް 12 އޮގަސްޓް 2025 އާއި ހަމައަށް ވެސް އެކަމަށް ހައްލެއް ނާންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކެންދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތަކީ އެ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރާ މަސައްކަތެއްކަމުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އެ މަސައްކަތް އަވަސް ކުރުމަށްޓަކައި ޕްރޮގްރެސް މީޓިންގތައް ބާއްވައި ރަނގަޅުކުރަން ޖެހޭ ކަންކަން އަންގައި، އަދި މަސައްކަތް އަވަސްކުރުމާ ބެހޭގޮތުން ކޮންޓްރެކްޓަރަށް ވާނީ އެކި ފަހަރުމަތިން މަޝްވަރާކޮށްފައި. މީގެ އިތުރުން އީ-މެއިލް މެދުވެރިކޮށް، ފޯނުގެ ޒަރިއްޔާއިން ވެސް މި ވާހަކަތައް ވާނީ ހިއްސާކުރެވިފައި. އެހެންނަމަ ވެސް އެއްވެސް ހައްލެއް މި މައްސަލައަށް ލިބިފައި ނެތުމުން ވުޒާރާގެ ވިސްނުން ހުރީ ކޮންޓްރެކްޓް ބާތިލްކޮށް، އާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކޮށް ކުރިއަށް ގެންދިއުމަށް. މިހެންކަމުން، މި މަޝްރޫއު ޓަރމިނޭޓް ކުރުމަށްޓަކައި މިހާރު ވާނީ ގާނޫނީ އިޖުރާތް ފަށާފަ. މި މިސްކިތުގެ މައްސަލަތައް ހައްލުކުރަން ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު، މިސްކިތް ހުޅުވޭނެ ވަކި ތާރީހެއް މިވަގުތު އަޅުގަނޑަށް ދަންނަވަން ދަތި ނަމަވެސް، ވީ އެންމެ އަވަހަކަށް މި މަޝްރޫއު ހަމަ މަގަށް އަޅުވައި، މަސައްކަތް ނިމޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ކެންދޫގެ ރައްޔިތުންނަށް އަރުވަން.އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - 22 އޮކްޓޫބަރު 2025
މިނިސްޓަރ އެދުވަހުގެ ޖަލްސާގައި މިފަދައިން ވިދާޅުވި ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ކޮންޓްރެކްޓް ޓަރމިނޭޓްކޮށްފައި ނުވެ އެވެ. އަދި އެހެން ބަޔަކާ ވެސް މަސައްކަތް ހަވާލުކޮށްފައި ނުވެ އެވެ. މިކަމާއި ގުޅޭ ގޮތުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހުމާން ރާއްޖެއެމްވީއަށް ވިދާޅުވީ ކެންދޫ މިސްކިތުގެ މަސައްކަތް އަދިވެސް ކުރަނީ ކުރީ ސަރުކާރުން ހަވާލުކުރި ކޮންޓްރެކްޓަރެވެ. އަދި އެ ކޮންޓްރެކްޓަރު ކަމުނުގޮސްގެން ކޮންޓްރެކްޓަރު ބަދަލުކުރަން ނިންމާފައިވާކަމުގެ ވިސްނުން ގެންގުޅޭކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި ނަމަވެސް އެކަމެއް ކުރައްވާފައި ނުވެ އެވެ.
އަދި ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަނެއްކާ ވެސް މެންބަރު މައުރޫފް ވަނީ މިސްކިތާ ގުޅޭ ސުވާލު ކުރައްވާފަ އެވެ. މެންބަރު ކުރެއްވި ސުވާލަކީ ބ. ކެންދޫގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ނިންމައި މިސްކިތް ހުޅުވާލެވޭނީ ކޮންއިރަކުންތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝަހީމް ވިދާޅުވީ މި ސަރުކާރު ފެށުނު އިރުގައި ކެންދޫ މިސްކިތުގެ މަސައްކަތް އޮތީ ފަށާފައި ކަމަށެވެ. ނަމަވެސް މަސައްކަތް އޮތީ އެކި ސަބަބުތަކާއި ގުޅިގެން ހުއްޓިފައި ކަމަށެވެ. އަދި ކުރިން ވަޑައިގެން ވެސް މަސައްކަތް ލަސްވެފައިވާ ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި، އެހެންކަމުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އެހާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިލްތިމާސްގެ ދަށުން މިގޮތަށް ފެށިފައި ހުރި މަޝްރޫއުތައް ލަސްވުމެއް ނާންނާނެ ގޮތުގެ މަތިން ކަންކަން ތަރުތީބުކޮށް އަވަސް ކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ކެންދޫ މިސްކިތުގައި ވެސް ކުރިއަށްވުރެ ހަލުވިކަމާއެކު މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓޭ ކަމަށެވެ.
އެހެންނަމަ ވެސް ދޭތެރެ ދޭތެރެއިން ހުއްޓުން އާދޭ. ނަމަވެސް އެކަންކަން ހައްލުކޮށް މަޝްރޫއު އަވަހަށް ނިންމުމަށް މިދަނީ މަސައްކަތް ކުރަމުން.އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - 22 އެޕްރީލް 2026
22 އޮކްޓޯބަރު 2025 ގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ކެންދޫ މިސްކިތުގެ މަޝްރޫއު ނިންމުމަށްޓަކައި މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި އެ މަޝްރޫއު އައު ކޮންޓްރެކްޓަރަކާއި ހަވާލުކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މަޝްރޫއު ހަމަމަގަށް އަޅުވައި، އަވަށް ގޮތަކަށް މަޝްރޫއު ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.








