ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް
ޓްރަމްޕް ވިދާޅުވީ، އޮޕަރޭޝަން މިޑްނައިޓް ހެމާ އަކީ އީރާންގެ ނިއުކްލިއާ "ޑަސްޓް" އާއި ތަންތަން މުޅިން ނައްތާލި އޮޕަރޭޝަނެއް ކަމަށާއި، އެހެންކަމުން އެ މަސައްކަތް ކުރުމަމީ ދިގު އަދި ދަތި ކަމެއް ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް
އެމެރިކާ އިން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އީރާންގެ ނިއުކްލިއާ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާ ތަކުގެ ސަބަބުން، ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ، އޮޕަރޭޝަން މިޑްނައިޓް ހެމާ އަކީ އީރާންގެ ނިއުކްލިއާ "ޑަސްޓް" އާއި ތަންތަން މުޅިން ނައްތާލި އޮޕަރޭޝަނެއް ކަމަށާއި، އެހެންކަމުން އެ މަސައްކަތް ކުރުމަމީ ދިގު އަދި ދަތި ކަމެއް ކަމަށެވެ. މި ވާހަކަ ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ގިނަ ފަހަރު "ޑަސްޓް"، މި ލަފްޒު ބޭނުން ކުރައްވަނީ އީރާން އިން ރައްކާ ކޮށްގެން ގެންގުޅޭ އިތުރަށް ބާރު ގަދަ ކޮށްފައިވާ ޔުރޭނިއަމް މާނަ ކުރުމަށެވެ. އެމެރިކާގެ ތުހުމަތަކީ އީރާން އިން އެ މާއްދާ ރައްކާ ކޮށްފައި ހުންނަނީ އެޓޮމިކް ބޮން އުފެއްދުމަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ބައެއް ފަހަރު އެ ލަފްޒު ބޭނުން ކުރައްވަނީ މިދިޔަ އަހަރުގެ ޖޫން މަހު އީރާންގެ ނިއުކްލިއާ ތަންތަނަށް ދިން ހަމަލާ ތަކުން ދޫކޮށްފައިވާ މާއްދާ ތަކަށް ނިސްބަތް ކޮށެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ، އެފަދަ ޕްލޭނެއް ނެތް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެފައި ވީ ނަމަވެސް، އީރާން އިން ރައްކާ ކޮށްގެން ހުރި އިތުރަށް ބާރު ގަދަ ކޮށްފައިވާ ޔުރޭނިއަމް ފަހުން އެމެރިކާގެ ބެލުމުގެ ދަށަން ގެންދާނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލް އެކުވެގެން މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އީރާން ހަމަލާ ތަކެއް ދީފަ އެވެ. އިޒްރޭލް އިން ބުނަމުން އަންނަނީ، އެ ޤައުމުގެ މައިގަނޑު މަޤުސަދަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލުން ކަމަށެވެ.
އިޒްރޭލް ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި 12 ދުވަހުގެ މުއްދަތަކަށް ކުރި ހަނގުރާމަ ނިމުނު ފަހުން، އީރާން އިން ވަނީ އެޓޮމިކް ހަތިޔާރު ހޯދުމަށް އިތުރަށް މަސައްކަތް ކޮށްފައި އެވެ. އެ ހަނގުރާމައިގައި އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާންގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދީފައިވެ އެވެ.
މަސްދަރު: އޭއެފްޕީ







