މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."
އެމްޑީޕީން ބޭއްވި "ހޭވައްލާ ތައްޔާރު" ހަފްލާގައި ވާހަކަދައްކަވަމުން އިންތިޚާބީ މޭޔަރުން ވިދާޅުވީ، ކައުންސިލް ބައި-އިލެކްޝަންތަކުން ލިބުނު ކާމިޔާބީއަކީ ސަރުކާރުގެ ނުފޫޒާއި ފައިސާއަށް ރައްޔިތުން ނޫނެކޭ ބުނިކަމުގެ ހެއްކެއް ކަމަށް. މާލެއާއި އަތޮޅުތަކުގެ ސިޓީތަކުން އެމްޑީޕީއަށް ލިބުނު ތަރުހީބާއެކު، އެ ޕާޓީގެ އަމާޒަކީ އެކުގައި މަސައްކަތްކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރުން ކަމަށް މޭޔަރުން ފާހަގަކުރެއްވި.


"ހޭވައްލާ ތައްޔާރު" އެމްޑީޕީ އިން ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަަގަކުރުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ހަރަކާތުގެ ތެރެއިން | ސްކްރީން އިމޭޖް
ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ލިބުނު ނަތީޖާ އާއި އެކު މި ވަގުތު މިސްރާބު ހިފަންވީ އެކުގައި މަސައްކަތް ކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދޭން ކަމަށް އިންތިޚާބީ މޭޔަރުން ވިދާޅުވެއްޖެ އެވެ.
މޭޔަރުން އެފަދައިން ވިދާޅުވީ "ހޭވައްލާ ތައްޔާރު"، ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާފަ އެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން، މާލޭގެ މޭޔަރ އަދި އިންތިޚާބީ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީ އިން ސާބިރުކޮށްދިނީ ރާއްޖެ އިން ރަން ރީނދޫ ލަޝްކަރު ފޮހެ ނުލެވޭނެކަން ކަމަށެވެ. އަދި މި އިންތިޚާބުގައި އެމްޑީޕީ އިން ދެއްކި ހިތްވަރަށް އެމަނިކުފާނު ވަނީ ތައުރީފް ކުރައްވާފަ އެވެ. އެމްޑީޕީ އަންނަނީ ވަރުގަދަވެ ބޮޑުވަމުން ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބުނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލެ ސިޓީގެ ރައްޔިތުންނަށް ހަމަ ސާބަސް. ސާބިތުތިކޮށްދިނީ މާލޭ ސިޓީ އިން ރަން ރީނދޫ ލަޝްކަރު ފޮހެ ނުލެވޭނެ ކަން. ބައި އިލެކްޝަނެއްގައި އަޅުގަނޑަށް ވަދެވުނީ އެކަނި. ވަތަށް އުނދަގުލާއި މަލާމާތް ކުރި. މިފަހަރު މި ވަދެވުނީ 17 މެމްބަރުންގެ ތެރެއިން 15 މެމްބަރުން ގޮވައިގެން އިރާދަކުރެއްވިއްޔާ. ސާބަސް މާލެ ސިޓީ" އާޒިމް ވިދާޅުވި އެވެ.
އައްޑޫގެ މޭޔަރ އަދި އިންތިޚާބީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މި އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން އެތައް ޚަރަދެއް ކުރި ކަމަށެވެ. ނަމަވެސް އައްޑޫސިޓީ އަށް ދެ އަހަރާއި ބައިގެ ތެރޭގައި ޕީއެންސީ އަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް މޭޔަރ ވިދާޅުވި އެވެ. ސަރުކާރުން ފައިސާ ޚަރަދު ކުރާ ބޭނުމަކީ 2028ގެ އިންތިޚާބު ކާމިޔާބުކުރުން ކަމަށް ނިޒާރު ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ބާރު ނުލިބޭ ގޮތަށް ޕީއެންސީ އަށް ފުރުސަތު ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
"މިހުރިހާ ކަމެއް މިހެން އޮތް އިރު މި އިންތިޚާބަކީ އެ މަކަރުވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެ ރާއްޖެ ސަލާމަތް ކުރުމަށް ނިންމި ނިންމުމެއް. ހެޔޮ ވެރިކަމަށް ވަކާލާތުކުރާ ބަޔަކީ އެމްޑީޕީ." ނިޒާރު ވިދާޅުވި އެވެ.
ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅުވީ އެ އިންތިޚާބު ކާމިޔާބު ކުރީ ގޮންޖެހުންތަކާއި އެކުގައި ކަމަށެވެ. އަދި އެ އިންތިޚާބު ކާމިޔާބު ކުރީ އިސްލާހީ މަސައްކަތަށް މަސައްކަތް ކުރި މީހުން ކުރި ބުރަ މަސައްކަތާއި އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތިނަދޫ އިން ދެއްކީ ބިރުދެއްކުމަށް އެ ސިޓީ އިން ފަހަތަށް ނުޖެހޭނެ ކަން ކަމަށް ސައުދު ވަނީ ވިދާޅުވެފަ އެވެ.
"ބޭނުންވާ ބަދަލުތަކަކީ އެކުގައި އެކުވެރިކަމާއި އެކު މަސައްކަތްކޮށް 2028 އެމްޑީޕީ އިން ކާމިޔާބު ކުރުން. މުޅި ރާއްޖެ އިން ފެންނަނީ ރަން ރީނދޫ ކުލަ. ސަރުކާރަށް މާ ގިނަ ދުވަހަކު ކެތް ނުކުރެވޭނެ. މި ނުކުންނަނީ ސަރުކާރު ބަލިކުރަން. ﷲ އިރާދަކުރެއްވިއްޔާ، 2028 ކާމިޔާބު ކުރާނީ ބޮޑުތަނުން އެމްޑީޕީ އިން. ތިބޭފުޅުން ތައްޔާރަށް ތިއްބަވާ." ސައުދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ މި ލިބުނު ކާމިޔާބަކީ ދިވެހިންގެ ކާމިޔާބީ އެއް ކަމަށެވެ. ދިވެހިން ބަލި ކުރެވިދާނެހެން ރައީސް މުއިއްޒު ހީފުޅުކުރެއްވި ނަމަވެސް ނުފޫޒާއި ބާރާއި ފައިސާ އަށް ކުޑަކަކޫ ނުޖަހާނެ ކަމަށް ކުޅުދުއްފުށިން އެކަނިވެސް ރައްޔިތުން ސާފުކޮށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ލާމަރުކަޒީ ބައްތެލި ފައްތާލަން ފުރުސަތު ނުދޭނަމޭ ކުޅުދުއްފުށިން ބުނީ." އޭނާ ވިދާޅުވި އެވެ.
އާތިފް ވަނީ ކައުންސިލް އިންތިޚާބުގައި ރައްޔިތުން ބުނީ ރައްޔިތުންނަށް ބޭނުންހާ ގޮތަކަށް ކަންކަން ކުރަން ވެރިންނަށް ފުރުސަތު ނުދޭނެ ވާހަކަ ކަމަށެވެ. އަދި މި ފޯރިއާއި އެކު ނުކުމެ 2028 ކާމިޔާބުކުރަން ޖެހޭ ކަމަށް އާތިފް ވިދާޅުވި އެވެ.






