ރައީސް މުއިއްޒުގެ މިސްރާބުހުރީ ވިރާސީ ވެރިކަމަކަށް!
މިއަދު ރައްޔިތުންގެ މަޖިލީހާއި، ރާއްޖޭގެ ޝަރުއީ ނިޒާމުވެސް ހިނގަމުންދަނީ ވެރިކަން ކުރާ ބާރުގެ ދަށުންނޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ. ސަބަބަކީ މަޖިލިސް މެމްބަރުންނަކީވެސް މިއަދު ރައީސް އެންގެވި ގޮތަކަށް އަމަލު ކުރުން މަޖުބޫރުވާ ޙާލަތުގައި ތިބި ބަޔަކަށްވާތީ.


ރައީސް ޑރ. މުހައްމަދު މުއިއްޒު ފިސްކަލް ޒިންމާގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވަނީ | ރައީސް އޮފީސް
ބާރުތައް ވަކިކުރުމުގެ އަސާސަކީ ހަމައެކަނި ގާނޫނުއަސާސީ ޒީނަތްތެރިކޮށްދޭ އުސޫލެއް ނޫނެވެ. އެއީ ހަރުދަނާ ޑިމޮކްރަސީއެއްގެ މައިބަދައެވެ. ޒަމާނީ އެހެން ޖުމްހޫރިއްޔާތަކެކޭ އެއްފަދައިން ދިވެހިރާއްޖެއިން ވެސް މި އުސޫލު ގަބޫލުކުރެއެވެ. އެގޮތުން ދައުލަތުގެ ބާރުތައް ވަނީ ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހަދާ މަޖިލީހާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މައްޗަށް ބަހާލެވިފައެވެ.
މި ކޮންމެ ގޮތްޕަކީ ވެސް އަނެއް ގޮފީގެ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު ހަރަކާތްތެރިވާންޖެހޭ އަދި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވާންޖެހޭ ތަންތަނެވެ. ނަމަވެސް އަމަލީ މައިދާނުގައި މި ބާރުތަކުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން މިހާރު ނެތޭވެސް ދެންނެވިދާނެއެވެ. މިއަދު އާންމުންގެ މެދުގައި އުފެދިފައިވާ ބޮޑު ކަންބޮޑުވުމަކީ، ބާރުތައް ހިއްސާކުރުމުގެ ބަދަލުގައި، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ޖަމާވަމުންދާ ކަމުގެ ކަންބޮޑުވުމެވެ.
ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު އަސާސަކީ ޖަވާބުދާރީވުމުގެ ވައުދެވެ. ވެރިކަން ހިންގުމުގެ ބާރުން ގައުމު ހިންގާއިރު، ގާނޫނު ހަދާ މަޖިލީހުން އެކަންކަން ބަލައި ފާސްކުރަންޖެހެއެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ގާނޫނުތައް މާނަކުރަންޖެހެއެވެ. އެންމެ ފުރިހަމަ ގޮތަކީ މި ބާރުތަކުގެ މެދުގައި ދެބަސްވުންތަކެއް ހުރެ، އެއް ބަޔަކު އަނެއް ބަޔަކަށް ފާރަވެރިވެ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމެވެ. ނަމަވެސް އެ ފާރަވެރިކަން ނެތިގޮސް، މުއައްސަސާތަކުން އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ބަދަލުގައި އެއް މިސްރާބަކަށް މަސައްކަތް ކުރަން ފެށުމުން، ނިޒާމުގެ ދިފާއީ ބާރު ކެނޑިގެންދެއެވެ.
މިއަދުގެ ސިޔާސީ މަސްރަހުން ފެންނަނީ ސީދާ އެ މަންޒަރެވެ.
ގާނޫނު އަސާސީ އެކުލަވާލެވިފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ބާރުގަދަ މަގާމެކެވެ. ގައުމީ ސިޔާސަތުތައް ކަނޑައެޅުމާއި، ސަލާމަތީ ހިދުމަތްތަކުގެ ކޮމާންޑަރުކަން ކުރުމާއި، މުހިންމު މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު އެ މަގާމަށް ލިބިގެންވެއެވެ. ނަމަވެސް މި ބާރުތަކަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުންކުރަން ދީފައިވާ ބާރުތަކެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ނިންމުންތަކާ މެދު ބަހުސްކޮށް، ގޮންޖަހައި، އެ ނިންމުންތައް އިސްލާހުކުރުވާ ފަރާތަކަށް ވާންޖެހެއެވެ. އެހެންނަމަވެސް، ސިޔާސީ ނުފޫޒާއި، ޕާޓީއަށް އޮންނަ ވަފާތެރިކަމުގެ ސަބަބުން މަޖިލީހުގެ މިނިވަންކަން ގެއްލިގެންދާއިރު، މަޖިލީހަކީ ސަރުކާރު ފާރަވެރިވާ ތަނެއްގެ ބަދަލުގައި، ސަރުކާރުގެ ގޮތްޕަކަށް ބަދަލުވުމުގެ ބިރު އޮވެއެވެ.
ހަގީގަތުގައި ބާރުތަކާ މެދު ސުވާލު އުފެއްދުމަށް ނުކުޅެދޭ ގާނޫނު ހަދާ މަޖިލީހަކަށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތެއް ނުކުރެވޭނެއެވެ.
ހަމައެއާއެކު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހާލަތަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ކޯޓުތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ބިރުވެރިކަމެއް ނެތި، ވަކި ފަރާތަކަށް ނުޖެހި ގާނޫނު ދަމަހައްޓަންޖެހޭ އެންމެ ފަހު މަރުހަލާއެވެ. ފަނޑިޔާރުގެތަކުގެ މިނިވަންކަމަކީ އިހުތިޔާރީ ކަމެއް ނޫނެވެ؛ އެއީ ކޮންމެހެން އޮންނަންޖެހޭ އަސާސެކެވެ. އެކަން ނެތް ނަމަ، ގާނޫނީ ސިޔާދަތަކީ އަގަކަށް ވިއްކާލެވޭ އެއްޗަކަށް ވެގެންދާނެއެވެ.
ދިވެހިރާއްޖޭގައި ފަނޑިޔާރުގެތަކުގެ މިނިވަންކަމާ މެދު އުފެދޭ ކަންބޮޑުވުންތަކަކީ އާ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް، މިހާރުގެ ހާލަތުގައި މިކަން މިވަނީ އިތުރަށް ސީރިއަސްވެފައެވެ. ސަރުކާރުގެ ނިންމުންތަކަށް ގޮންޖަހަން ކޯޓުތަކުން ފަސްޖެހޭ ނަމަ، ނުވަތަ ކޯޓުތަކުގެ ނިންމުންތައް އަބަދުވެސް ހުންނަނީ ވެރިކަން ކުރާ ފަރާތުގެ މަސްލަހަތާ އެއްގޮތަށް ކަމަށްވާ ނަމަ، އެއީ އިއްތިފާގެއްތޯ ނުވަތަ ނުފޫޒެއްތޯ ސުވާލު އުފެދެއެވެ.
ވެރިކަން ހިންގުމުގެ ބާރުން މަޖިލީހާއި ކޯޓުތަކުގެ މައްޗަށް މިވަރަށް ނުފޫޒު ފޯރުވަމުންދާ ނަމަ، ބާރުތައް ވަކިވެފައި އޮތުމަކީ ހަމައެކަނި ނަމަކަށް އޮންނަ ކަމަކަށް ވެގެންދާނެއެވެ. އަދި އެކަން އެގޮތަށް ވެއްޖެ ނަމަ، ޑިމޮކްރަސީއަކީ ހަމައެކަނި ދެއްކުންތެރިކަމަކަށް ވެގެންދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޕާކުވެފައި އޮންނަތާ އަހަރެއްވީއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް މި މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާއިރު، މައްސަލައިގައި ފައިސަލާކޮށް ގޮތެއް ނިމޭނެ އިރެއް އަދި އެނގެނީއެއް ނޫނެވެ. އެންމެ ފަހުން އެ މައްސަލަ ހުށަހެޅިފައިވަނިކޮށް ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރުމަށްފަހު މަޤާމުވެސް ގެއްލިގެން ގޮސްފިއެވެ. އަދި އައު ފަނޑިޔާރުންތަކެއްވެސް ރާއްޖޭގެ އެންމެ މަތީ ކޯޓަށް އައްޔަނު ކުރެވިގެން ގޮސްފިއެވެ.
އޭރު ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން މި ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔަގޮތާމެދުވެސް އެތައް ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މި ބިލުގެ މަސައްކަތް މަޖިލީހުގައި އެ ދުވަހުގެ ހެނދުނު ފަށައި، ކޮމިޓީން ނިންމި ގޮތަށް އިސްލާހު ފާސްކުރީ ހަމަ އެ ދުވަހުގެ ހަވީރު ބޭއްވި ޖަލްސާގައެވެ.
އެހެންކަމުން މިފަދަ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް ބޭނުންވަނީ ހަމައެކަނި ފާޑުކިޔުމެއް ނޫނެވެ. މުއައްސަސާތަކުން އެތަންތަނުގެ އަސްލު ދައުރު އަދާކުރަންޖެހެއެވެ. މަޖިލީހުން އޭގެ އަޑު އުފުލަންޖެހެއެވެ. ކޯޓުތަކުން އޭގެ މިނިވަންކަން ކަށަވަރުކުރަންޖެހެއެވެ. އަދި ވެރިކަން ހިންގުމުގެ ބާރުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ހަގީގީ ބާރަކީ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުން ނޫން ކަމާއި، އެއީ ބާރުތަކުގެ މެދުގައި އޮންނަ ހަމަހަމަކަން ކަމެވެ.
ހަގީގަތުގައި ރައްޔިތުންނާ މިހާ ގުޅުންހުރި، އަދި ރައްޔިތުންގެ މަންދޫބުން ވަކި ކުރެވުމާއި ނުކުރެވުން އެކަމަކާ ގުޅިފައިވާ މިފަދަ ބޮޑު އިސްލާޙަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް މިހާބޮޑަށް ދިގުލައިގެން ދިއުމަކީ ޤައުމުގެ ޝަރުއީ ނިޒާމުގެ ޙާލަތު ވަރަށް ސާފުކޮށް ފެންނަ ކަމެކެވެ.
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ގާނޫނުއަސާސީގެ 04 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް އެ މާއްދާއަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރާނެ މަންދޫބަކު ހިޔާރު ކުރުމަށް ލިބިދޭ ހައްގު ގެއްލިގެންދާގޮތަށް ގެނައި މި އިސްލާޙު ބާތިލުކޮށްދޭން އެދި މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލާނެ އިދާރާއެއް މިވަގުތު ޤައުމުގައި ނެތޭވެސް ދެންނެވިދާނެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހާއި، ރާއްޖޭގެ ޝަރުއީ ނިޒާމުވެސް ހިނގަމުންދަނީ ވެރިކަން ކުރާ ބާރުގެ ދަށުންނޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މަޖިލިސް މެމްބަރުންނަކީވެސް މިއަދު ރައީސް އެންގެވި ގޮތަކަށް އަމަލު ކުރުން މަޖުބޫރުވާ ޙާލަތުގައި ތިބި ބަޔަކަށްވާތީއެވެ.






