ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި
ތެލުގެ އަގު ބޮޑުކޮށް މިފްކޯއިން މަސްވެރިންނަށް ހެޔޮއަގުގައި ވިއްކަމުން އައި ތެޔޮ ވިއްކުން ވެސް ހުއްޓާލީއެވެ. ރަށްރަށުގެ ފެރީތަކުގެ އަގު ބޮޑުވީއެވެ. އެކަމަކު ބަސްބުނި ހިނދުން އެބަދަލު އަނބުރާ ގެނެސް އިހު އޮތްގޮތަށް ރުޖޫއަ ކުރީއެވެ.


މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅެއް | ސޯޝަލް މީޑިއާ
މިސަރުކާރަކީ ކަމެއް ކުރުމުގައި އޭގެ ފަހަތުން ދެންވާނެ ގޮތެއް ބަލާ ސަރުކާރެއް ނޫނެވެ. ކުރިން ކަންކޮށްފައި ހުރީ މުޅިންވެސް އެހެންނެވެ. ސަރުކާރަށް މޮޅަކަށް ނުވަތަ ހިންގުމުގެ މޮޅު ބަދަލަކަށް ނިންމާ ނިންމުންތައް ދަނީ ބަސްބުނާ ހިނދުން ބަދަލު ކުރަމުންނެވެ. އެނިންމާ ނިންމުމަކުން ރައްޔިތުންނަށް ވާނެ ގޮތެއް ރައްޔިތުންގެ އިހްސާސްތައް ހުންނާނެ ގޮތެއް އަމުދުން ބަލައެއް ނުލައެވެ. އަހާލުމެއް ކަޔާލުމެއް ނެތި ފުރަތަމަ ވެސް ނިންމަނީ ގޮތެވެ. ތެޅިގަންނަނީ އޭގެ ފަހުންނެވެ. އެކަމަކުން ރައްޔިތުން އުފުލަން ޖެހުނު ބުރަޔާ، އެކަމުން ލިބެންފެށި ގެއްލުމުން ރައްޔިތުން ކެކިއަރައިގަތީމައެވެ. ދެންވާގޮތެއް ނެތުނީމާ އަވަސް އަރުވާލާފައި ކުރިން ނިންމި ނިންމުން ބަދަލު ކުރެއެވެ. އިހު އޮންނަ ގޮތަށް ރުޖޫއަ ކުރެއެވެ. އެކަމަކު އޭގެ ކުރިއަށް މޮޅު ވާހަކައެއް އިތުރުކޮށްލާފައެވެ. "ރައީސްގެ ހެޔޮފުޅު ކަމުން އިހު އޮތްގޮތަށް ބަދަލުކުރީއެވެ." "ރައްޔިތުންގެ އިހްސާސްތައް ރައީސް އައްސަވައި، ރައްޔިތުންނަށްޓަކައި ރައީސްގެ ހެޔޮފުޅުކަމުން އެގޮތަށް ބަދަލު ކުރެއްވީއެވެ". ކިހާ ރީތި ހެއްޔެވެ.
އަނެއްކާވެސް އެވަނީ އެފަދަ ބޮޑު ކަމެއް ކޮށްފައެވެ. ހަމަ އެބީދައަށެވެ. ތެލުގެ އަގަށް އެގެނައި ބަދަލު ގެނައުމުގައެވެ.
ކުއްލިއަކަށް އިވުނީ ތެޔޮ އަގުބޮޑުވި ވާހަކައެވެ. ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން ވިއްކަމުން އައި އަގަށް 10.70 ބޮޑުކުރި ވާހަކައެވެ. މާލޭގެ ޝެޑުތައް ފިޔަވައި ދެން ތެޔޮ ވިއްކާ ބައުޒަރުތަކުން ވެސް ވިއްކާ ތެލުގެ އަގު ބޮޑުކުރީއެވެ. އެބަދަލާއެކު ވިޔަފާރިވެރިން ވިއްކާން ފެށީ އެމީހުން އާއްމު ރައްޔިތުންނަށް ވިއްކަމުން އައި އަގަށް ބޮޑު އަދަދެއް އިތުރުކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު އިންތިހާއަށް ބޮޑުވީއެވެ. ޚާއްޞަކޮށް ރަށްރަށުން ތެޔޮލިޓަރެއްގެ އަގު ބޮޑުތަނުން މައްޗަށް ޖެހިލީއެވެ. މިވަރުންވެސް ނިމުނީކީ ނޫނެވެ. މަސްވެރިންނަށް މިފްކޯއިން ވިއްކަމުން އައި ހެޔޮއަގުގައި ވިއްކުން ވެސް ހުއްޓާލީއެވެ. ބޮޑުއަގުގައި އެވެރިންނަށްވެސް ވިއްކާން ފެށީއެވެ.
ރަށްރަށުގެ ރައްޔިތުން ދުއްވައިގަތީ ހަންތައް ހިފައިގެން ކުރިންހުރި އަގުގައި ތެޔޮކޮޅު ގަންނާށެވެ. ރަށްރަށަށް ފެރީ ދަތުރުތަކުގެ އަގު ދެގުނަ ތިންގުނަ ބޮޑުވީއެވެ. މަސްވެރިން ހާލުގައި ޖެހި ކަރު އެލުނީއެވެ. ވަގުތުން ވަގުތަށް ކަންކަން ފުރޮޅި އިންތިހާއަށް ރައްޔިތުން ބިކަވެ މާޔޫސްވިއެވެ.
ދެން އައީ އިހު އަންނަ ތަނެވެ. އެއްކަލަ ހެޔޮފުޅު ކަމެވެ. ނޫންނަމަ ގެނައި ބަދަލާމެދު އަލުން ވިސްނުމެވެ. ތަފާތެއް ނެތެވެ. އިއުލާން ކުރީ އިހު ހުރި ގޮތަށް ބަދަލު ކުރާނެ ވާހަކައެވެ. ތެލުގެއަގު ބޮޑުކުރިތާ 24 ގަޑިއިރުވެސް ނުވެއެވެ. ބަދަލު ގެންނާނެ ވާހަކަ އެއިއުލާން ކުރީއެވެ. ފެރީތަކާއި މަސްވެރިންނާއި ރަށްރަށުގެ ޝެޑްތަކަށް ކުރީގެ ރޭޓްގައި އެސްޓީއޯ އިން ތެޔޮ ލިބޭނެ ގޮތް ހަދަން ނިންމީއެވެ. މިފްކޯއިން މަސްވެރިންނަށް ކުރިން ވިއްކަމުން އައި ރޭޓުގައި ތެޔޮ ވިއްކަން ނިންމި ވާހަކަ އިއުލާން ކުރީއެވެ. ކިހާ ރީތި ހެއްޔެވެ. އެހާމެ ފުރިހަމައެވެ. ސަރުކާރުގެ އަޅު ކުދިންކޮޅު ބުނާގޮތުންނަމަ ކިހާ ހެޔޮފުޅު ހެއްޔެވެ. ފެރީތަކަށް ގެއްލުނު އިތުބާރާއެކު އެމީހުންގެ އަގުތައް މުޅިން ކުޑަ ނުކުރިއަސް އަޅުކުދިންކޮޅު ނުކުމެ އަތްވެސް ޖަހަނީއެވެ. މުޅި ސޯޝަލް މީޑިޔާގައި އެބަދަލު އެގޮތަށް ގެނައި ވާހަކަ އަނބުރާ ނަގަނީއެވެ.
ކޮންމެއަކަސް މި ފަހަރު ވެސް އިހުވެސް ހަދާ ގޮތަށެވެ. ކަންމިވީ އެހެންޏާ ވެސް މިސަރުކާރުގައި ވާގޮތަށެވެ. އަނެއްކާ ވެސް އުނބު ސަރުކާރުން ބޮޑު އުނބެއް ޖެހީއެވެ. އެކަމަކު އުފެދޭ އެހެން ސުވާލަކާ ވެސް އެކުގައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ތެޔޮ ލިބުމުގައި ހުރި ދަތިތަކާއެކު މިގޮތަށް އޮވެވޭނީ ކިހާ ދުވަހެއް ވަންދެން ކަމެވެ. މިގެނައި ބަދަލު އަނެއްކާ ބަދަލުވާން ނަގާނީ ކިހާ ދުވަހެއް ހެއްޔެވެ. ރައްޔިތުން ވެސް އެތިބީ އެކަމުގެ ވާނުވާގައެވެ. ސަރުކާރަކަށް ހެދޭ ނުހެދޭއެއް ނޭނގެއެވެ، ސަރުކާރު ވެސް އެއޮތީ ބޮޑުތަނުން ވާނުވާގައެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.






