ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި
ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ޕީއެންސީގެ ކެންޕޭން ހަރަކާތްތައް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. ވަކިން ޚާއްސަކޮށް އެޗްޑީސީގެ މުވައްޒަފުން ނުކުމެ އިދިކޮޅު ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ނައްޓަމުންދާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މިއީ އިންތިޚާބީ އިންސާފު ގެއްލޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭ.


ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީ ކެންޑޭޓުންގެ ޕޯސްޓަރުތައް ނަގަނީ. | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ބާއްވާ އިންތިޚާބުތަކަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަކަށް ވާންޖެހެ އެވެ. އިންސާފުވެރިކަން ގެއްލޭ ކަމަށްވާނަމަ އެކަމާ ދެކޮޅަށް ގިނަ ރައްޔިތުން ނުކުންނާނެކަމީ ވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މާޒީން ވެސް އެކަން ފެންނަން އެބައޮތެވެ. ނަމަވެސް ކުރިއާ ހިލާފަށް މިހާރު ސަރުކާރުން މުޅި ދައުލަތް އިންތިޚާބުތަކުގެ ކެންޕޭންތަކުގައި ބޭނުން ކުރަމުންދަނީ ފާޅުކަން ބޮޑު ގޮތެއްގަ އެވެ.
އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އެންމެ ބޮޑަށް ބޭނުން ކުރަމުންދާ އެއް ކުންފުންޏަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އެ ކޯޕްރޭޝަންގެ މަސައްކަތް ކުރާ މުވައްޒަފުން ބޭނުން ކޮށްގެން ސަރުކާރުގެ ޕާޓީ، ޕީއެންސީ ކެންޑިޑޭޓުންގެ ބިލްބޯޑުތަކާއި، ޕޯސްޓަރުތަކާއި އަދި ބެނާތައް ދަނީ މުޅި މާލެސިޓީގައި ހަރު ކުރަމުންނެވެ.
މިއާ ހިލާފަށް، ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޕޭން ޕޯސްޓަރުތަކާއި، ބިލްބޯޑުތައް އެޗްޑީސީގެ މުވައްޒަފުން ދަނީ ނައްޓައި ހަލާކު ކުރަމުންނެވެ. ހުޅުމާލޭގައި ހަރުކޮށްފައިހުރި އެމްޑީޕީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކެއް ނައްޓާލާ މަންޒަރު ފެންނަ ވީޑިއޯތައް ހޯމަ ދުވަހު އާންމުވެފައިވާއިރު، މި ޕޯސްޓަރުތައް ނައްޓަމުންދަނީ ހުއްދަ ނުނަގައި ހަރުކޮށްފައި ހުރި ތަކެއްޗަށް ކަމަށްވާތީ ކަމަށް އެ މުވައްޒަފު ބުނެފައިވެ އެވެ. ނަމަވެސް ރޯދަމަހެއްގެ ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން ނުކުމެ ޕޯސްޓަރުތައް ނެއްޓުމުން އެކަމާ ސުވާލު އުފެދެ އެވެ.
މި ވީޑީއޯއާ ގުޅިގެން ފާޑުކިޔާ މީހުން ބުނެފައިވަނީ ފަތިހުގެ ވަގުތު ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަނީ ރައްޔިތުންނަށް ސިއްރުން އެކަން ކުރުމުގެ މަގުސަދުގައި ކަމަށެވެ. ރޯދަމަހަށް ވުމާއެކު، ގިނަ މީހުން ފަތިސް ނަމާދަށްފަހު ނިދާކަން ފާހަގަކޮށް އެމީހުން ބުނީ، މިއީ އެޗްޑީސީގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުން ހިންގާ ޖަރީމާއެއް ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި، ވަސީލަތްތައް ވަކި ޕީއެންސީގެ ކެންޕޭނަށް ބޭނުން ކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ނުންތޯ އެވެ. މިއީ އިންތިޚާބެއްގައި ވާދަކުރާ ހުރިހާ ފަރާތްތަކަށް އޮންނަންޖެހޭ ހަމަހަމަ ފުރުސަތު ގެއްލިގެންދާ ވެސް ކަމެކެވެ.
މީގެ އިތުރުން މިފަދަ ބޮޑެތި ޖަރީމާތައް ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާއިރު، މިކަންކަން ބަލަންޖެހޭ މިނިވަން މުއައްސަސާތައް ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ ހިމޭނުންނެވެ. މި މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ މުއައްސަސާތަކުން އިހުމާލުވަމުންދާކަމީ ރާއްޖޭގައި ކޮރަޕްޝަން އާއްމުވެ، ސަރުކާރުގެ ނުފޫޒު މުއައްސަސާތަކުގެ މައްޗަށް އޮތް މިންވަރު ހާމަކޮށްދޭ އެއް ހެއްކެވެ.
މިފަދަ މައްސަލަތަކުގައި ކުށްވެރިކުރުމުގެ ހިތްވަރު ވެސް މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ ނެތް ކަމަށްވާނީމަ އިސްތިއުފާ ދެއްވުން ވެސް ބުއްދިވެރި އެވެ. އެއީ މިއަދު މަސްއޫލިއްޔަތު އަދާނުކޮށް ހިމޭންކަން އިހުތިޔާރު ކުރެވުނު ނަމަވެސް މާދަމާ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެތީ އެވެ.
ސިޔާސީ ނުފޫޒުން ހިންގާ މިފަދަ ޖަރީމާތަކާއެކު، މުވައްޒަފުންނާއި މުއައްސަސާތަކަށް ރައްޔިތުންގެ މެދުގައި އޮންނަ އިހުތިރާމާއި، އިތުބާރު ގެއްލި، މުޅި ނިޒާމުގެ ނަޒާހަތްތެރިކަމާމެދު ގިނަ ރައްޔިތުން ސުވާލު އުފެއްދުމަކީ ވަރަށް ދެރަކަމެއްނުންތޯ އެވެ. އަދި މިނިވަން މުއައްސަސާތަކުން މިފަދަ މައްސަލަތައް ވަގުތުން ބަލައި، އިންތިޚާބީ އިންސާފު ގާއިމުކޮށްދޭން ޖެހެ އެވެ. އެހެން ނޫންނަމަ، ރައްޔިތުންގެ އިތުބާރު އިންތިޚާބީ ނިޒާމަށް ގެއްލި، ގައުމުގެ ހަމަޖެހުން ގެއްލިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ!






