އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި
އީރާނާ ދެކޮޅަށް ސިޔާސީ އިއްތިހާދެއް އުފެއްދުމުގައި ނާކާމިޔާބުވުމުން، އެމެރިކާ އާއި އިޒްރޭލުން އޮޅުވާލުމުގެ އުސޫލުތައް ބޭނުންކުރަމުންދާ ކަމަށް އެ ގައުމުން ވަނީ ތުހުމަތުކޮށްފައި. މިގޮތުން އަވަށްޓެރި ގައުމުތަކުގެ މަދަނީ ތަންތަނަށް ދޭ ހަމަލާތަކަކީ އީރާނުގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމަށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށާއި، އީރާނުން ހަމަލާދެނީ ހަމައެކަނި ދުޝްމަނުންގެ އަސްކަރީ އަމާޒުތަކަށް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނޭ. އަދި މިފަދަ ރޭވުންތައް ނާކާމިޔާބު ކުރުމަށް ސަރަހައްދީ ގައުމުތަކުގެ މެދުގައި އިތުބާރާއި އެއްބާރުލުން އިތުރުކުރުމަށް އީރާނުން ވަނީ ގޮވާލާފައި.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން އާންމުކުރި ޕްރޮޕަގަންޑާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމައިގައި ބޭނުންކުރާ ކަމަށް ބުނާ، އެމެރިކާއިން އުފައްދާފައިވާ "ޝާހިދު" މަރުކާގެ ޑްރޯންތަކުގެ ކޮޕީތަކެއް. | ޕްރެސްޓީވީ
އީރާނުގެ "ޝާހިދު-136" މަރުކާގެ ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ "ލޫކަސް" މަރުކާގެ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ތަރުޖަމާނު ތުހުމަތު ކުރައްވައިފިއެވެ.
ތަރުޖަމާނު ވިދާޅުވީ މިއީ އީރާނުގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމަށްޓަކައި ހިންގާ "ފޯލްސް ފްލެގް" އޮޕަރޭޝަނެއް ކަމަށެވެ.
ހޮނިހިރު ނެރުނު ރަސްމީ ބަޔާނެއްގައި ތަރުޖަމާނު ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި އަސްކަރީ ގޮތުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުމާއި، އީރާނާ ދެކޮޅަށް ސިޔާސީ އިއްތިހާދެއް އުފެއްދުމުގައި ދުޝްމަނުން ނާކާމިޔާބުވުމާ ގުޅިގެން، މިހާރު އެ ފަރާތްތަކުން އޮޅުވާލުމުގެ އުސޫލުތައް އިޚްތިޔާރުކޮށްފައިވާ ކަމަށެވެ.
މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ އީރާނާ މެދު ޝައްކު އުފައްދައި، އެ ގައުމުގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުން ކަމަށް އެ ބަޔާނުގައި އިންޒާރު ދީފައިވެއެވެ. އަދި ތެހެރާނާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދައި، އީރާނުގެ ދިފާއީ ފިޔަވަޅުތަކުގެ ގާނޫނީ ސައްހަކަން ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ތުރުކީ، ކުވެއިތު އަދި އިރާގު ފަދަ އީރާނާ ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި ގައުމުތަކުގެ ތަންތަނަށް ދީފައިވާ "ޝައްކު އުފެދޭ ހަމަލާތަކަށް" ތަރުޖަމާނު އިޝާރާތް ކުރެއްވިއެވެ. ހުޅަނގުގެ މީޑިއާތަކާއި އީރާނާ ދެކޮޅު ފަރާތްތަކުން ވަނީ މި ހަމަލާތަކަކީ އީރާނުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއް ކަމަށް ދޮގު މައުލޫމާތު ފަތުރާފައެވެ.
އީރާނުގެ އަސްކަރީ އޮޕަރޭޝަންތަކަކީ ހަރުދަނާ ކަމާއެކު، ސާފު ގާނޫނީ އުސޫލުތަކެއްގެ ދަށުން ހިންގޭ އޮޕަރޭޝަންތަކެއް ކަމަށާއި، އެ ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުގެ އަސްކަރީ އަމާޒުތަކަށް އެކަނި ކަމަށް އޭނާ ނެރުނު ބަޔާނުގައި ބާރުއަޅުއްވައި ވިދާޅުވިއެވެ.
"އީރާނުން ތަކުރާރުކޮށް އިއުލާންކޮށްފައިވާ ފަދައިން، އީރާނުން ހަމަލާދެނީ ހަމައެކަނި އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުގެ އަމާޒުތަކަށާއި މަރުކަޒުތަކަށް. އަދި ހަމަލާދޭ ކޮންމެ ތަނެއްގެ ފުރިހަމަ ޒިންމާ ރަސްމީ ބަޔާނެއް މެދުވެރިކޮށް އީރާނުން އުފުލާނެ،" ތަރުޖަމާނު ވިދާޅުވިއެވެ.
އީރާނުގެ ދިފާއީ ސިޔާސަތު ބިނާވެފައިވަނީ ގާނޫނީ އުސޫލުތަކާއި ހަރުދަނާ އުސޫލެއްގެ މައްޗަށް ކަމަށް ބަޔާނުގައި ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި މިފަދަ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރަހައްދީ ގައުމުތަކުގެ މެދުގައި އިތުބާރާއި އެއްބާރުލުން ގާއިމުކުރުމަށް ވަނީ ގޮވާލާފައެވެ.
"އަޅުގަނޑުމެން އެކަކު އަނެކަކަށް އިތުބާރުކޮށް، އެއްބައިވަންތަކަމާއި އެއްބާރުލުން ދަމަހައްޓައިގެން، ދުޝްމަނުންގެ މިފަދަ މަކަރުވެރި އަދި ނުބައި އަމަލުތައް ހުއްޓުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ބަޔާނުގައިވެއެވެ. "މިފަދަ އޮޅުވާލުންތަކާ މެދު ސަރަހައްދީ ގައުމުތަކުގެ އިސްވެރިން ދެއްވާ ބުއްދިވެރި ރައްދުތަކުގެ ސަބަބުން، މި ރޭވުންތައް ފެށޭތަނުން ނާކާމިޔާބުވެގެންދާނެ."
އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ތެރޭގައި، އެ ސަރަހައްދުގެ އިގްތިސާދީ އިންފްރާސްޓްރަކްޗާތަކަށާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކަށް ޑްރޯން ހަމަލާތަކެއް ވަނީ ދީފައެވެ. ހުޅަނގުގެ މީޑިއާތަކުން ތަކުރާރުކޮށް މަސައްކަތް ކުރަމުންދަނީ މި ހަމަލާތަކުގެ އިލްޒާމު އީރާނުގެ ބޮލުގައި އެޅުވުމަށެވެ.
މަދަނީ އަމާޒުތަކަށް ދޭ އެއްވެސް ހަމަލާއެއްގައި ބައިވެރިވާ ކަމަށް ބުނާ ވާހަކަތައް ތެހެރާނުން ވަނީ އަބަދުވެސް ދޮގުކޮށްފައެވެ.
މިކަމަށް ބާރުދޭ ހެއްކެއްގެ ގޮތުން، މާޗް މަހުގެ 3 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ސައިޕްރަސްގައި ހުންނަ ރޯޔަލް އެއާ ފޯސްގެ އެކްރޯޓީރީ ބޭހަށް ހަމަލާދިން "ޝާހިދު" މަރުކާގެ ޑްރޯންއަކީ އީރާނުން ފޮނުވާލި އެއްޗެއް ނޫންކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ހަމައެފަދައިން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވެސް ވަނީ، އަޒަރުބައިޖާނަށް ދިން ޑްރޯން ހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކެއް ކަމަށް ދެއްކުމަށް އިޒްރޭލުން ކުރި ކަމެއް ކަމަށް މީގެ ކުރިން ތުހުމަތު ކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އަވަށްޓެރި ގައުމުތަކާއެކު އީރާނުން ބާއްވާ ގުޅުމަށް ބުރޫއެރުވުމަށް ގަސްދުގައި ހިންގާ އަމަލުތަކެކެވެ.
ސައުދީ އަރަބިއްޔާގައި ހުންނަވާ އީރާނުގެ ސަފީރު އަލީރެޒާ އިނާޔަތީ ވެސް ވަނީ ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީއަށް ދިން ކަމަށް ބުނާ ހަމަލާގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވެ، އެކަން މުޅިން ދޮގުކުރައްވާފައެވެ.
މިފަދަ އެންމެ ފަހުގެ ހަމަލާ ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި އޮންނަ ލަނާޒް ރިފައިނަރީއަށެވެ.
އީރާނުގެ މީޑިއާތަކުން އަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ހަމަލާއާ އީރާނާ ނުވަތަ އީރާނަށް ތާއީދުކުރާ "އެކްސިސް އޮފް ރެސިސްޓެންސް" އާ އެއްވެސް ގުޅުމެއް ނެތެވެ.
މަސްދަރު: ޕްރެސްޓީވީ






