އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި
ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ހިމެނޭހެން ސަރަހައްދުގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި. އީރާނުގެ އާންމުންނާއި ސިނާއީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން މި ހަމަލާތަކުގައި އެމެރިކާގެ 118 ޑްރޯން ވައްޓާލާފައިވާ ކަމަށް އައިއާރުޖީސީން ބުނޭ. މީގެ އިތުރުން، އެމެރިކާގެ ހިއްސާ އޮންނަ ސިނާއީ ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އިންޒާރުދީ، ބޭރުގެ އިސްތިއުމާރީ ބާރުތައް ސަރަހައްދުން ބޭރުކުރުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ގޮވާލައްވާފައި.

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިސްލާމިކް ރިވޮލިއުޝަން އެންޑް ހޯލީ ޑިފެންސް މިއުޒިއަމްގައި، އީރާނުގެ މިސައިލްތަކެއް ދައްކާލަނީ. | ގެޓީ އިމޭޖަސް
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބަދަލުހިފުމުގެ ގޮތުން ހިންގާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 51 ވަނަ ބުރުގެ ދަށުން، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސައުދީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދީފި ކަމަށް އިއުލާންކޮށްފިއެވެ.
އައިއާރުޖީސީން ހާމަކުރި ގޮތުގައި، ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޓެރަރިސްޓް ސިފައިންގެ އަލް ޚަރްޖް އެއާ ބޭސްއަށް ދިން މި ހަމަލާތަކުގައި އެކި ބާވަތުގެ މިސައިލްތައް ވަނީ ބޭނުންކޮށްފައެވެ.
އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވަނީ އަލް ޚަރްޖް އެއާ ބޭސްއަކީ "އިސްލާމީ ވަތަނާ ދެކޮޅަށް ދޭ ހަމަލާތަކުގެ މައި މަރުކަޒު" ކަމަށާއި، އެއީ އީރާނަށް ހަމަލާދިނުމުގައި ބޭނުންކުރާ އެމެރިކާގެ އެފް-35 އަދި އެފް-16 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ފުރާ މަރުކަޒު ކަމަށެވެ.
މީގެ އިތުރުން، އެ މަރުކަޒަކީ ހަނގުރާމަމަތީ ބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓުތައް ބާއްވާ ތަނެއްގެ އިތުރުން، އެމެރިކާގެ ޖާސޫސީ ބޯޓުތަކުގެ މައި މަރުކަޒުވެސް މެއެވެ.
ހަމައެއާއެކު، ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ތަރުޖަމާނު ވަނީ މި އޮޕަރޭޝަނުގެ 50 ވަނަ ބުރުގައި އެމެރިކާގެ ޓެރަރިސްޓް ސިފައިންގެ ގިނަ މަރުކަޒުތަކަކަށް ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފައެވެ.
މީގެ ތެރޭގައި ޔޫއޭއީގައި ހުރި އަލް ދާފްރާ އެއާ ބޭސް އާއި ފުޖައިރާ، ބަހްރޭންގައި ހުރި ޖުފައިރު، ކުވެއިތުގައި ހުރި އަލީ އަލް ސާލިމް އެއާ ބޭސް، އުރުދުންގައި ހުރި އަލް އަޒްރަގް އެއާ ބޭސްގެ އިތުރުން، ޒަޔަނިސްޓް އިޒްރޭލުގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި ސަރަހައްދުގައި ގާއިމުކޮށްފައިވާ ރާޑަރު ސިސްޓަމްތައް ހިމެނެއެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، އަމާޒަށް ފިލާނުދާނެހެން ދިން މި ހަމަލާތައް ދީފައިވަނީ އައިއާރުޖީސީގެ ހިތްވަރުގަދަ އެއަރޯސްޕޭސް ފޯސްގެ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް ބޭނުންކޮށްގެންނެވެ.
"އަޅުގަނޑުމެންގެ ނުރައްކާތެރި ޑްރޯންތައް ދަނީ މި ސަރަހައްދުގައި ފިލައިގެން އުޅޭ އެމެރިކާގެ ޓެރަރިސްޓް ސިފައިން ތިބި ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ފާރަލަމުން،" ތަރުޖަމާނު ވިދާޅުވިއެވެ. "ޖާސޫސީ މައުލޫމާތު އެއްކުރުމަށްފަހު، މި ސަރަހައްދުގައި ތިބި އެމެރިކާގެ ކޮންމެ ޓެރަރިސްޓަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނަން."
118 ދުޝްމަނު ޑްރޯން ވައްޓާލުން
ވައިގެ ދިފާއީ ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ދުޝްމަނުންގެ އިތުރު ހަތަރު ޑްރޯންއެއް، އެ ތަކެތީގެ މިޝަން ފެށުމުގެ ކުރިން ވައްޓާލާފައެވެ.
މިއާއެކު، މި މަޖުބޫރުވެފައިވާ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ވައްޓާލި ދުޝްމަނުންގެ ޑްރޯންތަކުގެ ޖުމްލަ އަދަދު ވަނީ 118 އަށް އަރާފައެވެ.
އެމެރިކާއާ ގުޅުންހުރި ސިނާއީ ސަރަހައްދުތަކަށް ދިން އިންޒާރު
ވަކި ބަޔާނެއްގައި އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން އާންމުންނަށް އިންޒާރު ދެމުން ބުނެފައިވަނީ، އީރާނުގެ ހަތިޔާރު އެޅި ބާރުތަކާ ކުރިމަތިލުމުގައި ނާކާމިޔާބުވެ، ގޮތް ހުސްވެފައިވާ އެމެރިކާ އާއި ޒަޔަނިސްޓް ދުޝްމަނުން މިހާރު އާންމުންގެ ސިނާއީ މަސައްކަތްތަކަށް ފިނޑި ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށެވެ.
"ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ދުޝްމަނުން ވަނީ އީރާނުގެ އާންމު ފެކްޓްރީތަކަށް ހަމަލާދީފައި. ހިތާމައަކީ، ހަލާލު މަސައްކަތުގައި އުޅުނު އަދި ރޯދައަށް ތިބި އަޅުގަނޑުމެންގެ ލޮބުވެތި މަސައްކަތްތެރިންތަކެއް މި ހަމަލާތަކުގައި ޝަހީދުވެފައިވާކަން،" އެ ބަޔާނުގައިވެއެވެ.
އައިއާރުޖީސީން ވަނީ "ނާކާމިޔާބުވެފައިވާ އެމެރިކާގެ ސަރުކާރަށް" މި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ސިނާއީ ވަސީލަތްތަކަކުން މީހުން ހުސްކުރުމަށް ވަރުގަދަ އިންޒާރެއް ދީފައެވެ.
މީގެ އިތުރުން، އެމެރިކާގެ ހިއްސާ އޮންނަ ސިނާއީ ފެކްޓްރީތަކާ ކައިރީގައި ދިރިއުޅޭ ރައްޔިތުން، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ވަގުތީގޮތުން އެ ސަރަހައްދުތަކުން ދިއުމަށްވެސް އެ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޮނިހިރު ދުވަހު ވަނީ މެދުއިރުމަތިން އެމެރިކާގެ ސިފައިން ބޭރުކުރުމަށް އަވަށްޓެރި ގައުމުތަކަށް ގޮވާލައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި ސަރަހައްދުގައި އެމެރިކާއިން ދޭ ކަމަށް ބުނާ ސަލާމަތީ ރައްކާތެރިކަމަކީ "ބާގަނޑު ހެދިފައިވާ، އަދި ހަމަޖެހުމުގެ ބަދަލުގައި ނުތަނަވަސްކަން ގެނުވާ" ކަމެއްކަން ސާބިތުވެފައިވާ ކަމަށެވެ. އަދި "ބޭރުގެ އިސްތިއުމާރީ ބާރުތައް ބޭރުކުރުމަށް" އީރާނުން އަވަށްޓެރި ގައުމުތަކަށް ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ އާންމުންގެ 24,500 އަށްވުރެ ގިނަ ވަސީލަތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ ތެރޭގައި ގާތްގަނޑަކަށް 20,000 ގެދޮރާއި، 4,500 ވިޔަފާރި މަރުކަޒާއި، 69 ސްކޫލް ހިމެނެއެވެ. މި ހަމަލާތަކުގައި 154 މީހުން މަރުވެފައިވާއިރު، 200 އެއްހާ މުދައްރިސުންނާއި ދަރިވަރުން ވަނީ ޒަޚަމްވެފައެވެ.
މިހާރު ކުރިއަށްދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ފަށާފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައެވެ. އެ ހަމަލާތަކުގައި އާންމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެ، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަނީ އަމާޒުކޮށްފައެވެ.
އޭގެ ފަހުން އީރާނުން ދަނީ މި ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި، އިޒްރޭލުގެ އިސްތިއުމާރީ ބިންތަކުގެ އެތެރެއަށް ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އައިއާރުޖީސީން މި އޮޕަރޭޝަންތަކުގައި އެ ޖަމާއަތުގެ ހުރިހާ ބާވަތެއްގެ ހަތިޔާރު ބޭނުންކުރަމުންދާއިރު، އޭގެ ތެރޭގައި ގަދްރު، އިމާދު، ޚައިބަރު ޝަކަން، ފައްތާހު ހައިޕަސޮނިކް މިސައިލް އަދި އެއް ޓަނާއި ދެ ޓަނުގެ ގޮވާތަކެތި އުފުލޭ ޚުއްރަމްޝަހަރު-4 މަރުކާގެ މިސައިލްތައް ހިމެނެއެވެ.







