ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ
ސަރުކާރުން ހުށަހަޅާ ކަންކަމަށް އެއްވެސް ބެލުމެއްނެތި މެންބަރުން ތާއީދުކުރަނީ މަޖުބޫރު ހާލަތެއްގައި ތިބުމުންކަން ފާހަގަކުރައްވައި، މުސްތަފާ ވިދާޅުވީ މިއީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއް ކަމަށް.


ގާނޫނީ ވަކީލު މުސްތަފާ ހަމީދު ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމް ގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ވެރިކަން ކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީސް މެންބަރުން މިހާރު ތިބީ ގައިދުވެފައި ކަމަށާއި އެ މެންބަރުންނަކަށް މިނިވަންކަމާއެކު ބަސްބުނުމުގެ ހައްގު ހަގީގަތުގައި ނެތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ގާނޫނު ބަދަލުކޮށްގެން ޕާޓީން ބޭނުންވީމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރެވޭ ގޮތް ހަދައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގައިދުކުރުން ކަމަށެވެ.
ފުރަތަމަ ވެސް ވެރިކަމަށް އަރައިގެން ގާނޫނު ބަދަލު ކޮށްލީ، ޕާޓީގެ ވަކި ކޮމިޓީ އަކުން ބޭނުންވީމާ މަޖްލިސް މެމްބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް. އެހިސާބުން ފެށިގެން އެމީހުން މި ތިބީ ފިތިފަ. އެމީހުންނަކަށް ނެތް މިނިވަން ކަމާއެކު ބަސްބުނުމުގެ ހައްގެއް ހަގީގަތުގަ. އެމީހުން އެތީބީ ގައިދު ވެފަ. އަޅުގަނޑުމެންނަށް ފެންނާނެ ރައްޔިތުންގެ މަޖިލީހުގެ ބަހުސްތައް ކުރިޔަށް ގެންދާއިރު އެއްވެސް އޮއްޓަރެއް ހުރި ބިނާކުރުވަނިވި ވާހަކައެއް ނުދައްކާ. ގާނުނޫއަސާސީ އަށް އިސްލާހު ގރންނަން ބިލު ހުށަހަޅާފަ ލައިނުގަނެގެން އުޅެނީ ކުއްލި ނުރައްކަލުގެ ހާލަތަކާ ގުޅިގެން ނުވަތަ ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެގެނެއް ނޫން. މަޖްލިސް ޗުއްޓީގަ އޮވެ ކުއްލިއަކަށް ހަމަ ގުޅާލާފަ މަޖްލިސް ޖަލްސާ އެއް ބާއްވާފަ ގާނޫނު މި ބަދަލުކޮށްލަނީ. އެހިސާބުން މެމްބަރުންނަށް ނޯވޭ އިތުރުގޮތެއް. އެހެންކަމުން އެބަ އެނގޭ ކޮންމެވެސް މަޖުބޫރުކަމެއް އޮވެގެންކަން މަޖްލިސް މެމްބަރުން މިގޮތަށް އަމަަލުކުރާނީ.ގާނޫނީ ވަކީލު މުސްތަފާ ހަމީދު
ރައީސް މުއިއްޒު ބޭނުންފުޅުވީމާ އެއްވެސް ސުވާލެއް ކުރުމެއްނެތި ގާނޫނުތައް ފާސްކުރުމުން ދޭހަވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންކީ އެއްވެސް މިނިވަންކަމެއްނެތި ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި ފާސްކުރަން ތިބި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރަން ވަކާލާތު ކުރާ ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކުރުމަށް ސަރުކާރުން ފޮނުވި ގޮތަސް ޕީއެންސީގެ މަޖިލިސް މެންބަރުން ފާސްކުރިކަން މުސްތަފާ ފާހަގަކުރެއްވި އެވެ.
ހަމައެކަނި ރައީސް މުއިއްޒު ބޭނުންވެގެން ފޮނުވާ ކޮންމެ އެއްޗެއްގަ ތައްގަނޑު ޖަހާލަން ތިބޭ ބައެއްގެ ގޮތުގަ މަޖްލިސް މެމްބަރުން މި ތިބެނީ. އެހެން ކަމުން މިހާރު މަޖިލީހުގަ މި ތިބި ޕީއެންސީގެ މެމްބަރުންނަކީ ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި ފާސް ކުރަން ތިބި ބައެއް. އޭގެ އެންމެ ފުރިހަމަ އެއް ހެއްކަކީ ސަމޯއާ އެއްބަސްވުމުގަ ރާއްޖެއިން ބައިވެރިވުން. ހަމަ އެ އޮތް ގޮތަށް ފާސްކޮށްލާފަ އެ އޮތީ. އޭގަ އޮއް އެއްޗެއް ޕީއެންސީ ގެ މެމްބަރުން ރަނގަޅަށް ކިޔާލާނެ ވަގުތެއްވެސް ނުލިބި އޮއްވާ ފާސް ކޮށްލީ އެއްވެސް އިސްތިސްނާ އެއް ނެތި. ދިވެހިރާއްޖޭގަ އެބޯޝަން ހެއްދުމާ، އެއްޖިންސުން ގުޅުން ހިންގުމާ މި ހުރިހާ ކަމެއް ހުއްދަ ސަމޯއާ އެގްރީމެންޓް ގެ ދަށުން.ގާނޫނީ ވަކީލު މުސްތަފާ ހަމީދު
މުސްތަފާ އިތުރަށް ވިދާޅުވީ މި ހުރިހާ ކަމަކުން ދޭހަވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންނަކީ ރައީސް މުއިއްޒަށް އެއްވެސް ކަހަލަ ހިޔާލެއް ދޭން ނޭނގޭ ބައެއްކަމުގައި ކަމަށެވެ. ނުވަތަ ރައީސް މުއިއްޒަކީ ޕީއެންސީ މަޖިލިސް މެންބަރުންގެ ލަފާ އައްސަވާ ބޭފުޅެއް ނޫންކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ހުރިހާ ބާރެއް މުށުތެރެއަށް އެއްކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ޒަމާންތަކަކަށް ދެމިގެންދާ ހުދުމުހުތާރު ވެރިކަމެއް ގާއިމްކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.







