ޤަދް ސަމިޢު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވާ, މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންނަށް ދަތިވާ ފަދަ ނިންމުންތައް ނިންމާއިރު، ކުރިއަށް އޮތް އިންތިޚާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ހުދުމުޚުތާރުކަން އިތުރުވެ، ރަށްރަށުގެ ތަރައްޤީއަށް ހުރަސްއެޅިދާނެ ކަމުގެ ބިރުވެރިކަން މިއަދު އެބަ އޮތެވެ.


ޤަދް ސަމިއު މިހާވަރިއްޔާ އަދި ޤާލަ ފަމާ ކިހާވަރެއް ވާނެބާއެވެ. | ރާއްޖެއެމްވީ އޭއައި
ދިވެހިރާއްޖޭގެ އުދަރެސްމަތި ބަނަވެއްޖެއެވެ. ކުރީގައި އޮތް ކުޑަ ކުޑަ އަމާން ރާއްޖެއިން މިއަދު ފެންނަނީ, ހަމަ އެ ރާއްޖެއަށް ނިސްބަތްވާ ރައްޔިތުންގެ އިހުސާސްތަކާއި ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދީ، ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ހިންގާ ހުދުމުޚުތާރު އުކުޅުތަކެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ މައްޗަށް ބިރުވެރިކަމާއި ނުފޫޒު ފޯރުވުން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. "ޤަދް ސަމިޢު" އޭ ބުނާ ބާބުގައިވެސް ރައްޔިތުންގެ އާދޭސްތައް ގޮވުމަކަށް ވެފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިއްޖެނަމަ ރައީސް މުޢިއްޒުގެ އަނިޔާވެރިކަމާއި ހުދުމުޚުތާރު ނުފޫޒު ދާނީ ކިހާ ހިސާބަކަށްތޯ މިއީ މިއަދު އުފެދޭ އެންމެ ބޮޑު ބިރުވެރި ސުވާލެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެންމެ މުހިންމު އެއް ބާރެވެ. އެއީ ރައްޔިތުންގެ އަޑު އުފުލައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ތަނެކެވެ. ނަމަވެސް، މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ރައްޔިތުންނަށް އެތަކެއް ދޮގު ވައުދުތަކެއް ވެގެން، އޮޅުވާލައިގެން ހޯދި ޕީއެންސީގެ މެޖޯރިޓީ މަޖިލީހުން މިއަދު ރައްޔިތުންގެ ލާބައަށް ކުރާ އެއްވެސް ކަމެއް ނެތެވެ.
މިގޮތުން, މަޖިލީހަކީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ބަދަލުކުރާ "ރަބަރު ފިތަކަށް" ވެ ނިމިއްޖެއެވެ. ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް ޓެކްސްތައް ބޮޑުކުރުމާއި، ސަބްސިޑީތައް ކަނޑާލުމުގެ ނިންމުންތައް ނިންމާއިރު، މަޖިލީހުގެ މެޖޯރިޓީ, ޕީއެންސީ މެންބަރުން ތިއްބެވީ "ހަނު" ކަމުގެ ސަގާފަތެއްގައެވެ. މިއީ ރައްޔިތުންނަށް އަދުގެ ސަރުކާރުން ވީ ބޮޑުވެގެންވާ ޚިޔާނާތެކެވެ.
މި ނުރައްކާތެރި މިސްރާބު މިހާރު މިވަނީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާއަށް އަނބުރާލާފައެވެ. ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކުގެ މެޖޯރިޓީވެސް "މުށުތެރެއަށް" ލައިގެން، ރައީސް މުޢިއްޒުގެ ހުދުމުޚުތާރު ވެރިކަން މުޅި ރާއްޖެއަށް ފަތުރާލުމެވެ. މީގެ އެންމެ ހިތި އެއް މިސާލެއް ފެންނަނީ ކުޅުދުއްފުށި ސިޓީންނެވެ. އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ޕީއެންސީން ނުދައްކާ "އާޓެއް" ނެތެވެ. ރައީސް މުޢިއްޒު ވެވަޑައިގެންނެވި 2000 ހައުސިންގ ޔުނިޓުގެ ބޮޑު ވައުދަށް ވީގޮތެއް މިއަދު އެކަކަށްވެސް ނޭނގެއެވެ. އެ މަޝްރޫޢުގެ ބިންގާވެސް އަޅާނެ ތަނެއް ނެތެވެ.
ނަމަވެސް، އިންތިޚާބު ބޯމަތިވުމާއެކު، ކުރީ ސަރުކާރުން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް "އައު" ކަމެއްގެ ގޮތުގައި ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދުމަށް އެޗްޑީސީ މެދުވެރިކޮށް އިއްޔެ ވަނީ އިޢުލާނުތަކެއް ކޮށްފައެވެ. މިއީ ސާފު ބަހުން ބުނާނަމަ ރައްޔިތުންނަށް ޖަހާ "މަޅިއެކެވެ." އަމިއްލަ އެއްވެސް މަޝްރޫޢުއެއް ހިންގުމުގެ ޤާބިލުކަން ނެތް ސަރުކާރަކުން، ކުރީގެ މަސައްކަތްތަކުގައި މަތި މަތިން ކުލަ އުނގުޅައިގެން ވޯޓު ހޯދަން އުޅުމަކީ އެ މީހުންގެ އާދަ އަކަށް ވެއްޖެއެވެ.
މިއަދު ޤައުމުގެ ޙާލަތު މިހާ ބިރުވެރި ފައްތަރެއްގައި އޮއްވައި, ވައުދުތައް ފުނިޖެހެމުންދާއިރު، ރައްޔިތުންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. ތަކެތީގެ އަގު އުޑުގައެވެ. ވަޒީފާގެ ބިރުވެރިކަން އިންތިހާގައެވެ. ސަރުކާރުގެ އަތުގައި މިހާރު ވިއްކާނެ ސިޔާސަތެއް ނެތެވެ. އޮތީ ހަމައެކަނި "ރިޝްވަތާއި" "ނުފޫޒެވެ."
ކައުންސިލްތަކުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެނަމަ، ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންގެ މިނިވަންކަން މުޅިން ހުއްޓުމަކަށް އަންނާނެކަން ޔަޤީނެވެ. "ޤަދް ސަމިޢު" މިހާވަރުން ދާއިރު، "ޤާލަ ފަމާ" އާ ހަމައަށް ދާއިރު ރާއްޖެއަކީ ހުދުމުޚުތާރު ވެރިކަމެއްގެ އަޅަކަށް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.






