ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދަށް ނުރައްކާ!
އީރާން ހަނގުރާމަ އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތަ އުފުލިފައިވާއިރު، މިއީ ކުރިއަށް އޮތް މިޑް ޓާމް އިންތިޚާބާ ކުރިމަތިލައްވާ އެމެރިކާގެ ރައީސް ޓްރަމްޕަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް. ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ތެޔޮ އުފައްދާ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ސަޕްލައި މެދުކެނޑި، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އެރުމުގެ ބިރު އެބައޮތް. މި ހާލަތުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހި، ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ ގޮތުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ މާހިރުން އިންޒާރުދޭ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ 85 ހާސް ޓަނުގެ "ނޯމަން އެޓްލާންޓިކް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ހޮރްމޫޒް ކަނޑުއޮޅިއާ ގާތްވަމުން ދަނިކޮށް، އޮމާންގެ ކަނޑުގެ ސަރަހައްދުން އީރާނުގެ ހަނގުރާމަމަތީ މަނަވަރަކުން އެ ބޯޓަށް ހަމަލާދިނުމާ ގުޅިގެން، 1987 ޑިސެމްބަރު 6 ވަނަ ދުވަހު އެ ބޯޓުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައި (ފައިލް). | ގެޓީ އިމޭޖަސް
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އަށް ދުވަސް ވެފައިވާއިރު، މި ހަނގުރާމަ އަވަހަށް ނިމުނު ކަމުގައި ވިޔަސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުރިއަށް އޮތް ހަފުތާތަކެއް ނުވަތަ މަސްތަކެއް ވަންދެން ބޮޑުވެފައި އޮތުމުގެ ބިރު އެބައޮތެވެ.
މިއީ ތެޔޮ ސަޕްލައިކުރާ ފަރާތްތަކުގެ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކާއި، މުދާ އުފުލުމުގެ ނިޒާމަށް އައިސްފައިވާ ބުރޫތަކުގެ އިތުރުން، ކަނޑުމަގުން މުދާ އުފުލުމަށް އޮތް ނުރައްކާ ބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
މި ހާލަތުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނުރައްކާވެފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު 25 އިންސައްތައަށް ވުރެ ބޮޑުވެފައިވާއިރު، މީގެ ސަބަބުން މުޅި ދުނިޔޭގައިވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ.
އެމެރިކަން އޮޓޯމޮބައިލް އެސޯސިއޭޝަން (އޭއޭއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 0.9 ޑޮލަރަށް (ގެލަނެއް 3.41 ޑޮލަރަށް) އުފުލިފައެވެ. މިއީ ފާއިތުވި ހަފުތާއާ އަޅާބަލާއިރު 0.43 ޑޮލަރުގެ އިތުރުވުމެކެވެ. ތަޖުރިބާކާރުން އިންޒާރު ދީފައިވާ ގޮތުގައި، ކަނޑުމަގުން މުދާ އުފުލުމަށް ހުރަސްތައް ކުރިމަތިވަމުންދާ ނަމަ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު ހުކުރު ދުވަހު ހުރީ ފީފާއެއް 91 ޑޮލަރަށް ވުރެ ކުޑަ ތަންކޮޅެއް ދަށުގައެވެ. މިއީ 1983 ވަނަ އަހަރަށް ފަހު އެއް ހަފުތާ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މިއީ ކުރިއަށް އޮތް ތަނުގައިވެސް އަގުތައް އުފުލެމުންދާނެ ކަމުގެ ނިޝާނެކެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޭޕީ މޯގަންގެ އެނަލިސްޓުން މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ބާޒާރުގެ ހާލަތު މިހާރު ހަމައެކަނި ސިޔާސީ ނުރައްކަލަކުން ބަދަލުވެ، އަމަލީ ގޮތުން މަސައްކަތްތަކަށް ހުރަސް އެޅޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ތެޔޮ ސާފުކުރާ ކާރުޚާނާތައް ބަންދުކުރުމާއި، ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރި ހުރަސްތަކުގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ތެޔޮ ސަޕްލައި ކުރުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
އީރާނުން އޮމާން އާއި އެ ގައުމާ ދެމެދު އޮންނަ މުހިންމު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދިނުމާއި، ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ނެރޭ ސާފުނުކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި މިހާރު ވަނީ މެދުކަނޑާލަން ޖެހިފައެވެ.
ހޮރްމޫޒް ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުވުމުގެ ސަބަބުން، ސަރަހައްދުގެ އެންމެ ބޮޑަށް ތެޔޮ އުފައްދާ ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔޫއޭއީ، އިރާގު އަދި ކުވެއިތުން ދުނިޔޭގެ ބާޒާރަށް ފޮނުވާ 140 މިލިއަން ފީފާގެ ތެޔޮ ވަނީ ހުއްޓާލަން ޖެހިފައެވެ. މިއީ މުޅި ދުނިޔެއަށް ދުވާލަކު ބޭނުންވާ ތެލުގެ 1.4 ދުވަހުގެ ސަޕްލައިއާ އެއްވަރުގެ މިންވަރެކެވެ.
ވޯލްޑް ބޭންކުން ބުނާ ގޮތުގައި ދުނިޔޭގެ ވިޔަފާރީގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ކުރަނީ ކަނޑުމަގުންނެވެ. އެހެންކަމުން މި ކަނޑުއޮޅިއަށް ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން މުދާ އުފުލުމުގެ އަގު ބޮޑުވެ، މުދާ ލިބުން ލަސްވެގެންދާނެއެވެ.
ޖިބޫޓީގެ ފައިނޭންސް މިނިސްޓަރު ހޮނިހިރު ދުވަހު އިންޒާރު ދެއްވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އިގްތިސާދީ ގޮތުން ވަރަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެއެވެ. ކަނޑުމަގުގެ ވިޔަފާރިއަށް ބަރޯސާވާ ކުދި ގައުމުތަކަށް، މި ސަރަހައްދާއި އެފްރިކާއަށް ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން ބޮޑެތި ނުތަނަވަސްކަން ކުރިމަތިވާނެ ކަމަށް އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.
މިދިޔަ ހަފުތާގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވީ، އެ ގައުމުގެ އިގްތިސާދު އޮތީ "ކުއްލި ނުރައްކަލުގެ ހާލަތެއްގެ" ތުންފަތްމަތީގައި ކަމަށާއި، ތަކެތީގެ އަގު އުފުލުމުގެ ބިރު ބޮޑުވަމުންދާ ކަމަށެވެ.
ގަލްފް ސަރަހައްދުގެ ތެޔޮ ރައްކާކުރާ ތަންތަން ފުރެމުންދިއުން
މި ހާލަތާ ގުޅިގެން ގަލްފް ސަރަހައްދުގެ ތެޔޮ ރައްކާކުރާ ތަންތަން ހަލުވިކަމާއެކު ފުރެމުންދާތީ، އިރާގާއި ކުވެއިތުގެ ތެޔޮ ވަޅުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ވަނީ މަޖުބޫރުވެފައެވެ. އަދި ޔޫއޭއީން ވެސް ކުރިއަށް އޮތް ތަނުގައި ތެޔޮ އުފެއްދުން މަދުކުރާނެ ކަމަށް ބެލެވޭ ކަމަށް އެނަލިސްޓުންނާއި ވިޔަފާރިވެރިން ރޮއިޓާސް އަށް މައުލޫމާތު ދީފައިވެއެވެ.
"މުދާ އުފުލާ އުޅަނދުތައް ނާންނަ ނަމަ، ވަރަށް އަވަހަށް ހުރިހާ ފަރާތްތަކަކުން ވެސް ތެޔޮ އުފެއްދުން ހުއްޓާލަން ޖެހޭނެ،" ސަރަހައްދުގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުންޏެއްގެ އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮއިޓާސްއަށް ވިދާޅުވިއެވެ.
ރައިސްޓެޑް އެނާޖީގެ އެމެރިކާގެ ކޮމާޝަލް ޓީމުގެ ވެރިޔާ އާމިރު ޒަމާން ވިދާޅުވީ، މުދާ އުފުލުމަށް ހުރަސް އެޅުމުގެ ސަބަބުން މެދުއިރުމަތީގައި ބަންދުކުރަން ޖެހުނު ތެޔޮ ވަޅުތަކުން އަލުން އާންމު ހާލަތުގައި ތެޔޮ އުފައްދަން ފެށުމަށް ދުވަސްތަކެއް ނަގާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަނގުރާމަ ނިމުނު ކަމުގައި ވިޔަސް، ތެޔޮ ވަޅުތަކުގެ ބާވަތާއި، އޭގެ އުމުރާއި، އަދި ބަންދުކުރަން ޖެހުނު ގޮތުގެ ސަބަބުން، ކުރިން އުފެއްދި މިންވަރަށް ތެޔޮ އުފައްދަން ފެށުމަށް ދުވަސްތަކެއް، ހަފުތާތަކެއް ނުވަތަ މަސްތަކެއް ވެސް ނަގައިފާނެ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ސިފައިން ދަނީ ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި ޓާމިނަލްތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ. މީގެ ސަބަބުން ބައެއް ތަންތަން ބަންދުކުރަން ޖެހިފައިވާއިރު، ބައެއް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މަރާމާތު ކުރަން ވަނީ ޖެހިފައެވެ.
އީރާނުން ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، ގަތަރުން އެކްސްޕޯޓްކުރާ ގޭހުގެ ބޮޑު ބައެއް ފޮނުވުން މެދުކަނޑާލާފައިވާކަން ބުދަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. އަދި އާންމު ހާލަތަށް އައުމަށް މަދުވެގެން މަހެއްހާ ދުވަސް ނަގާނެ ކަމަށް ރޮއިޓާސްއަށް މައުލޫމާތު ލިބިފައިވެއެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ގުދުރަތީ ގޭހުގެ (އެލްއެންޖީ) 20 އިންސައްތަ ސަޕްލައި ކުރަނީ ގަތަރުންނެވެ.
ހަމައެއާއެކު، ސައުދީ އަރަމްކޯގެ އެންމެ ބޮޑު އެއް ރިފައިނަރީ ކަމަށްވާ ރަސް ތަނޫރާ ރިފައިނަރީ އާއި ތެޔޮ އެކްސްޕޯޓްކުރާ ޓާމިނަލް ވެސް ވަނީ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފައެވެ. ނަމަވެސް އެތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި ހާލަތުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އިގްތިސާދީ ކުރިއެރުން މަޑުޖެހުމުގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ.






