ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި
މޮޅާއެކު ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 50 ޕޮއިންޓާ އެކު. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް 56 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި އޮތީ ހަ ޕޮއިންޓުގެ ފަރަގެއް.


މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ | ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން އެއް ވަަނައިގައި އޮތް އާސެނަލްއާ ދެމެދު ފަރަގު ކުޑަ ކޮށްފި އެވެ.
ލިވަޕޫލްގެ އެންފީލްޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ސިޓީ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ދެ ޓީމަށް ވެސް ފުރުސަތު ލިބުނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ އެންޓޮއިން ސެމެންޔޯ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލު ކީޕަރު މަތަކުރިއިރު، ލިވަޕޫލްގެ ހޫގޯ އެކިޓީކޭ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލް އަށް ލީޑު ނަގައިދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް، ސިޓީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެެވެ. ނޯވޭގެ ފޯވާޑު އާލިން ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.
މެޗުން ސިޓީ މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އިންނެވެ. އެއީ ލިވަޕޫލްގެ އޭރިޔާ ތެރެއިން ސިޓީގެ މަތެއުސް ނޫނެސް އަށް އެ ޓީމުގެ ގޯލު ކީޕަރު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، މެޗުން ސިޓީ މޮޅު ކޮށްދިނީ ހާލަންޑް އެވެ.
މޮޅާއެކު ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 50 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް 56 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ.





