2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި
ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި އަނެއްކާވެސް ތަކުރާރު ކުރައްވައިފި. މި ވައުދު ފުއްދުމަށްޓަކައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި ފިއުލް ސްކިޑްތައް ބަހައްޓާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މީގެ ކުރިން އެކި ފަހަރުމަތިން މި ވައުދު ފުއްދުމަށް ދެއްވި މުއްދަތުތައް ވަނީ ހަމަވެފަ.


ދ. ކުޑަހުވަދޫ މަސްވެރިން 2024 ވަނަ އަހަރު ކުރި މުޒާހަރާ. | ރާއްޖެއެމްވީ
2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކަމުގައި ވާ ޑިސެމްބަރު 10 ވަނަ ދުވަހުން ފަށައިގެން، ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓު ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ވެވަޑައިގެންނެވި ވައުދު ނުފުއްދަވާ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ހަމަ އެ ވައުދު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފި އެވެ.
ބުރާސްފަތި ދުވަހު 2026 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މަސްވެރިންނަށް އެކި ގޮތްގޮތުން އެކިކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިތައް ކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އަނެއް ދައްޗަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިތައް. މިކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯ ގެ ފިއުލް ސްކިޑެއް ރ. ދުވާފަރުގައި 13 ޑިސެމްބަރު 2025 ގައި ވަނީ ހުޅުވާފަ. ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯ ގެ ފިއުލް ސްކިޑްތައް ހުޅުވިގެން ދާނެ.ރައީސް ޑރ. މުހައްމަދު މުއިއްޒު
2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، 10 ޑިސެމްބަރުން ފެށިގެން އެސްޓީއޯ ނުވަތަ އެފްއެސްއެމް ސައިޓްތަކުން "އެސްޓީއޯ ރޭޓު" ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވީ އެ އަހަރުގެ އަހަރުގެ ޑިސެމްބަރު 9 ވަނަ ދުވަހު ކ. ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެވެ.
އޭގެ ފަހުން 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ހަމަ އެވައުދު ތަކުރާރު ކުރެއްވި އެވެ. ރައީސް ވިދާޅުވީ މަސްވެރީންނާއި އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްކިޑް ގާއިމުކޮށް، އެސްޓީއޯ ރޭޓުގައި ޑީސަލާއި ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.
ނަމަވެސް މި ވައުދު ރައީސް ފުއްދަވާފައެއް ނުވެ އެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރައީސް ވަނީ ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ. ދުވާފަރު ގައި ހުޅުވާދެއްވާފަ އެވެ.
ތަކުރާރުކޮށް މަސްވެރިންނަށް އެތައް ވައުދެއް ރައީސް މުއިއްޒު ވެވަޑައިގަންނަވަމުން ދާއިރު މިއިން އެއްވެސް ވައުދެއް އެމަނިކުފާނު ނުފެއްދަވަ އެވެ. އޭގެ ސަބަބުން ކޮންމެ އަހަރަކު ވެސް މަސްވެރިން އިހުތިޖާޖު ކުރެ އެވެ.
އެގޮތުން މިދިޔަ އަހަރު ވެސް މަސްވެރިންގެ ދުވަހު މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެ އިހުތިޖާޖުގައި މަސްވެރިން ވަނީ ސަރުކާރަށް 3 ޑިމާންޑެއް ވެސް ކޮށްފަ އެވެ. އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ. މިހާތަނަށް ވެސް މި ޑިމާންޑުތައް ދެމެހެއްޓެނިވި ގޮތެއްގައި މި ސަރުކާރުން ފުއްދާފަ އެއް ނުވެ އެވެ.








