ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ކޮމަންވެލްތުން ކުރަމުން ދިޔަ ޕްރެޝަރ ކުޑަ ކުރުމަށް އެޕްސްޓީން ޑރ. ވަހީދަށް އެހީތެރިވެދިން
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކުރި ލިޔުންތަކުން ހާމަވި ގޮތުގައި 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ގުޅިގެން ކޮމަންވެލްތުން ރައީސް ވަހީދުގެ ސަރުކާރަށް ކުރިމަތިކުރި ޕްރެޝަރު ކުޑަކުރުމަށާއި އިނގިރޭސި ސަރުކާރުގެ ވިސްނުން ބަދަލު ކުރުމަށް އެޕްސްޓީން އެހީތެރިވެދީފައިވޭ.

ޑރ. މުޙައްމަދު ވަޙީދާއި ޖެފްރީ އެޕްސްޓީން. | ރާއްޖެއެމްވީ ގްރެފިކްސް
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ތުހުމަތު ކުރެވިފައި ވުމާއެކު ކޮމަންވެލްތުން އޭރު ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށް ކުރިމަތިކުރުވަމުން ގެންދިޔަ ދިޔަ ޕްރެޝަރ ކުޑަ ކުރުމަށް އެޕްސްޓީން ޑރ. ވަހީދަށް އެހީތެރިވެދިންކަން ހާމަ ވެއްޖެ އެވެ.
މިކަން ހާމަވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަ ކުރި ލިޔުންތަކުންނެވެ.
އެޕްސްޓީން އަށް 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ވަހީދުގެ ސަރުކާރަށް ކުރިމަތިވަމުން ދިޔަ ޕްރެޝަރާ ބެހޭ ގޮތުންނާއި، އަދި ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އެކުލަވާލި ކޯނީ ރިޕޯޓާ ގުޅޭ ގޮތުން ވެސް ގިނަ އީމެއިލް ތަކެއް ބަދަލު ކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.
އޭޕްރީލް، 28، 2012 ގައި ރައީސް ވަހީދު އެޕްސްޓީން އަށް ފޮނުއްވި އީމެއިލް އެއް ގައި ކޮމަންވެލްތުން ވަރަށް ބޮޑަށް ޕްރެޝަރ ކުރަމުން ގެންދާ ކަމަށާއި، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ގެ ސަރުކާރުން ރައީސް ނަޝީދަށް ތާއީދު ކުރަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.
ވެރިކަން ބަދަލުވި ގޮތާ ގުޅިގެން އުފެދުނު ޕްރެޝަރ ކުޑަކުރުމަށް އެޕްސްޓީން ވަނީ ކުރީގެ ރައީސް ވަހީދަށް ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދީފައިކަން ބަދަލު ކުރެވިފައިވާ އީމެއިލް ތަކުން އެނގެ އެވެ.
"ބައިނަލްއަގުވާމީ ނޫސްވެރިންނާ މުއާމަލާތްކުރުމުގައި ރޯރީ ގިލް ވަނީ ވަރަށް ބޭނުންތެރި ލަފާތަކެއް ދީފައި،" ކަމަށް އެޕްސްޓީން އަށް ޑރ. ވަހީދު ލިޔުއްވާފައިވެ އެވެ.
"ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ކުރަމުންދާ ޑިމާންޑްތަކާ ގުޅިގެން އަޅުގަނޑުމެން އަދިވެސް މިދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ. ކެނެޑާ، އޮސްޓްރޭލިއާ އަދި ތަރައްގީވަމުން އަންނަ ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުން ނިންމަވާފައި ވަނީ، ރާއްޖޭގެ ވެރިކަން ބަދަލުވީ ޣައިރު ގާނޫނީ ގޮތެއްގައި ކަމަށް ތުހުމަތުކޮށް، ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށެވެ. މީގެ މާނައަކީ އެ ބޭފުޅުންގެ ބަސް ގަބޫލު ނުކޮށްފި ނަމަ، ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅާނެ ކަމެވެ. މިއީ އިސްތިއުމާރީ ސިފަތަކެއް އެކުލެވޭ ވަރަށް އާދަޔާ ހިލާފު ނިންމުމެއް ކަމުން، އަޅުގަނޑުމެން ވާނީ އެކަމުގެ ތަފްސީލަށް އެދިފައެވެ،" ވަހީދު އެޕްސްޓީން އަށް ފޮނުއްވި އީމެއިލް ގައިވެ އެވެ.
އޭގެ އިތުރުން ކުރީގެ ރައީސް ނަޝީދަށް ޑޭވިޑް ކެމަރަންގެ ސަރުކާރުން ތާއީދުކުރަމުންދާއިރު، ދެފަރާތަށް ހަމަހަމަ ގޮތެއްގައި ކަންކަން ބެލުމަށް އެ ސަރުކާރަށް ވިސްނައިދިނުމަށް އަޅުގަނޑުމެންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައި،" ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވެފައިވެ އެވެ.
ޑރ. ވަހީދު އެޕްސްޓީން އަށް ފޮނުއްވާފައިވާ މި އީމެއިލް ތަކުން އެޕްސްޓީން ރާއްޖެ އައުމަށް ދައުވަތު ދީފައިވާކަން އެނގެ އެވެ. އަދި އެ ދަތުރަށް އިންތިޒާރު ކުރައްވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"ރާއްޖޭގެ މަސްރަހު މިހާރު އޮތީ އަމާންކޮށެވެ. ދޭތެރެ ދޭތެރެއިން ބާއްވާ މަދު މުޒާހަރާތަކެއް ފިޔަވައި، ހާލަތު މެނޭޖްކުރަން އަޅުގަނޑުމެންނަށް މިހާރު ވަނީ ދަސްވެފައެވެ. ރާއްޖޭގެ އާންމު ހާލަތު މިހާރު ވަރަށް ބަރާބަރެވެ. އަޅުގަނޑު ހުށަހެޅި ނައިބު ރައީސްގެ ނަމާއި 14 މެންބަރުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ރުހުން ދީފައެވެ. ކަންކަން މިގޮތަށް އޮމާންކޮށް ކުރިއަށްދާނަމަ، މިއަދުން ފެށިގެން އެއް އަހަރު ފަހުން ބާއްވާ ރިޔާސީ އިންތިހާބު ގައި ވާދަކުރުމަށް އަޅުގަނޑު ގަސްދުކުރަމެވެ،" ވަހީދު ފޮނުއްވި އީމެއިލް ގައިވެ އެވެ.
އޭޕްރީލް 28، 2012 ގައި އޭރުގެ ރައީސް ޑރ. ވަހީދަށް ޖަވާބު ދެމުން އެޕްސްޓީން ބުނެފައިވަނީ، ފުރުސަތު ލިބުނު އެންމެ އަވަހަކަށް ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުން ކަމަށެވެ. އަދި "އިއާން އާ ބައްދަލުކޮށް، ކެމަރަންގެ ސަރުކާރާ ގުޅޭގޮތުން ހުރި ފުރުސަތުތައް މުރާޖައާ ކުރާނަން،" ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން އެޕްސްޓީން ފޮނުވި އީމެއިލް އެއް ގައި ކޮމަންވެލްތުގެ މައްސަލައިގައި އޭނާ ވާނީ މަސައްކަތް ކޮށްފައި ކަމަށާއި، މިހާރު ދާނީ މައްސަލައިގެ އަޑު ކެނޑެމުން ކަމަށް ބުނެފައިވެ އެވެ.







