އެޕްސްޓީން އާ މެސެޖުތަކެއް ބަދަލުކުރިކަން ފަޅާ އެރުމާ އެކު ސްލޮވާކިއާގެ ރައީސް ގެ މުޝީރު މަގާމުން އިސްތިއުފާ ދެއްވައިފި
ސްލޮވާކިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މިރޮސްލާވް ލައިޗަކް، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އެކު އަންހެން ކުދިންނާ ބެހޭގޮތުން ސަމާސާ ރޫހެއްގައި މެސެޖުތައް ބަދަލުކުރިކަން އެމެރިކާއިން އާންމުކުރި ލިޔެކިޔުންތަކުން ހާމަވެ، އިސްތިއުފާ ދީފި.

މިރޮސްލާވް ލައިޗަކް އެއްވެސް ގޯސް ކަމެއް ކުރެއްވިކަމަށް އިންކާރު ކުރެއްވި ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ސިޔާސީ ގޮތުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި ކަމަށް ވިދާޅުވި. | ގެޓީ އިމޭޖަސް
ސްލޮވާކިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (ގައުމީ ސަލާމަތާ ބެހޭ މުޝީރު)، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އެކު އަންހެން ކުދިންނާއި ބެހޭ ގޮތުންނާއި ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން މެސެޖުތަކެއް ބަދަލުކޮށްފައިވާކަން އެމެރިކާއިން އާންމުކުރި ލިޔެކިޔުންތަކުން ހާމަވުމާ ގުޅިގެން، އޭނާ މަގާމުން އިސްތިއުފާ ދީފިއެވެ.
ބޮޑުވަޒީރު ރޮބަޓް ފީކޯ ހޮނިހިރު ދުވަހު އާންމުކުރި ވީޑިއޯ މެސެޖެއްގައި ވަނީ، މުޝީރު މިރޮސްލާވް ލައިޗަކް މަގާމުން ވަކިވުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކޮށްފައިވާކަން އިއުލާންކުރައްވާފައެވެ. އަދި ލައިޗަކް އަކީ "ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ ދާއިރާގައި އާދަޔާ ހިލާފު ތަޖުރިބާކާރެއް" ކަމަށް ބޮޑުވަޒީރު ސިފަކުރެއްވިއެވެ.
ލައިޗަކް އިސްތިއުފާ ދީފައި މިވަނީ، ނުފޫޒުގަދަ އިންވެސްޓަރު އެޕްސްޓީންއާ ގުޅުންހުރި ތިން މިލިއަން ފައިލް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އާންމުކުރި ފައިލްތަކުގައި ލައިޗަކް ހިމެނޭހެން އެއްވެސް މީހަކު ގާނޫނާ ހިލާފު ކަމެއް ކުރިކަން ހާމަވާން ނެތް ނަމަވެސް، އެޕްސްޓީންއާ ގުޅުން ބޭއްވި މީހުންނާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލުތައް އުފެދިފައެވެ.
ލައިޗަކް ސްލޮވާކިއާގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބަދަލުކޮށްފައިވާ މެސެޖުތަކުން ފެންނަ ގޮތުގައި، އޭނާ އާއި އެޕްސްޓީން ވަނީ އަންހެނުންނާ ބެހޭގޮތުންނާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވްއާ އެކު ބާއްވަން އޮތް ބައްދަލުވުމަކާ ބެހޭގޮތުން ސަމާސާ ރޫހެއްގައި ވާހަކަދައްކާފައެވެ.
އެޕްސްޓީން ފޮނުވި ފޮޓޯއަކާ ގުޅިގެން (އެ ފޮޓޯ ރެކޯޑުތަކުން ފެންނާކަށް ނެތް)، ލައިޗަކް ޖަވާބުގައި ބުނެފައިވަނީ "މިފަދަ ކަންކަމަށް އަހަރެންނަށް ދައުވަތު ނުދެނީ ކީއްވެ؟" ކަމަށާއި، އޭނާ ބޭނުންވަނީ "އެމްއައި" އަންހެން ކުއްޖާ ކަމަށެވެ.
ޖަވާބުގައި އެޕްސްޓީން ބުނެފައިވަނީ "އެކަން ބޭނުން ނުވާނީ ކާކު؟" ކަމަށެވެ. އަދި "އެ ދެ ކުދިން ވެސް ކަލެއަށް ލިބިދާނެ، އަހަރެންނަކީ ހުރިހާ އެއްޗެއް އަމިއްލަ އަށް ބޭނުންވެގެން އުޅޭ މީހެއް ނޫން. އަދި އެކުދިންގެ އުޚުތުން ވެސް ލިބިދާނެ" ކަމަށް އެޕްސްޓީން ބުނެފައިވެއެވެ.
އެ މުއާމަލާތުގެ ފަހުން، އެޕްސްޓީން ވަނީ ލަވްރޯވް އާއި އޭގެ ކުރީ އަހަރު މަރުވި އދ. އަށް ކަނޑައަޅާފައި ހުރި ރަޝިއާގެ ސަފީރު ވިޓާލީ ޗުރްކިންގެ ފޮޓޯ ޖަހާފައިވާ ޓީޝާޓެއް ހޯދައިދިނުމަށް ލަވްރޯވްގެ ކިބައިން އެދުމަށް ލައިޗަކްގެ ކިބައިން އާދޭހާއެކު އެދިފައެވެ.
"ކަލެއަށް ޓީޝާޓު ލިބޭނެ. އޭގެ ފަހުން އަންހެން ކުދިން ވެސް ލިބޭނެ،" އެޕްސްޓީން މިހެން ލިޔުމުން ލައިޗަކް ވަނީ އެކަމަށް އެއްބަސްވެފައެވެ.
ދެން އެޕްސްޓީން ބުނެފައިވަނީ "ސަމާސާއަކަށް ނޫން، އެކުދިންގެ ދެ އުޚުތުން ވެސް މިހާރު ތިބީ ޕޫލުގައި ފަތަން" ކަމަށެވެ.
ލައިޗަކް ޖަވާބުގައި ބުނީ "އެއީ އިންސާފެއް ނޫން!" ކަމަށެވެ.
"އެކަމަކު އެ އެންމެންނަކީ 30 އަހަރުން ދަށުގެ ކުދިން. އެހެންވީމާ ކަލެއަށް މާ ޒުވާންވެދާނެ،" އެޕްސްޓީން އިތުރަށް ބުންޏެވެ. "ނޫނީ އަހަރެން ބުނަންވީ 50 އަހަރުން ދަށޭތަ؟"
ލައިޗަކް ޖަވާބުގައި ބުނީ "ގޯސް ނުހަދާ، އަހަރެންގެ ފެންވަރެއް ކަލެއަކަށް ނޭނގޭނެ" ކަމަށެވެ.
މީގެ އިތުރުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފޮނުވި އީމެއިލެއްގައި، އަންހެން ފިލްމު ޕްރޮޑިއުސަރެއްގެ ފިލްމު އެ އަހަރުގެ އޮސްކާ އެވޯޑްސްގެ ޝޯޓްލިސްޓުގައި ހިމެނުމަށް އެހީތެރިވެދިނުމަށް ލައިޗަކް ވަނީ އެޕްސްޓީންގެ ކިބައިން އެދިފައެވެ.
ހުކުރު ދުވަހު މި ފައިލްތައް އާންމުވުމުން، ލައިޗަކް ފުރަތަމަ ވަނީ އެޕްސްޓީންއާ އެކު އަންހެނުންނާ ބެހޭގޮތުން ވާހަކަދެއްކި ކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް، ފަހުން އޭނާ ބުނެފައިވަނީ އިސްތިއުފާ ދޭން ނިންމީ ބޮޑުވަޒީރު ފީކޯއަށް ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި ކަމަށެވެ.
ލައިޗަކް އާއި އެޕްސްޓީންގެ ގުޅުމާ ގުޅިގެން ސްލޮވާކިއާގައި އުފެދިފައިވާ ނުރުހުންތަކަކީ "އަހަރެންނަށް ދޭ ހަމަލާއެއް" ކަމަށް ބޮޑުވަޒީރު ފީކޯ ސިފަކުރެއްވިއެވެ.
ލައިޗަކް ވަނީ ސްލޮވާކިއާގެ ހަތަރު ސަރުކާރެއްގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރެއިން ތިން ސަރުކާރަކީ ފީކޯގެ ޒައާމަތުގައި އޮތް ސަރުކާރުތަކެވެ. އަދި އޭނާ އަކީ ބައިނަލްއަގުވާމީ ޑިޕްލޮމެޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކުރީގެ ފޮރިން މިނިސްޓަރު ލައިޗަކް އެންމެ ފަހުން ހުންނެވީ ވެސްޓަން ބޯލްކަންސް ސަރަހައްދަށް ކަނޑައަޅާފައި ހުންނަ އީޔޫގެ ހާއްސަ މަންދޫބުގެ މަގާމުގައެވެ.
ޖިންސީ ވަގުފާރީގެ ތުހުމަތުގައި ޝަރީއަތް ފެށެންދެން ބަންދުގައި ހުއްޓާ 2019 ވަނަ އަހަރު މަރުވި އެޕްސްޓީންއާ އެކު، އީލޮން މަސްކް، ލޯޑް ޕީޓާ މެންޑަލްސަން، ބިލް ގޭޓްސް އަދި އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ ފަދަ ނުފޫޒުގަދަ ފަރާތްތަކުން ބޭއްވި ގުޅުންތަކުގެ އާ ތަފްސީލުތައް ހުކުރު ދުވަހު އާންމުކުރި ގިނަ އަދަދެއްގެ ފައިލްތަކުން ވަނީ ހާމަވެފައެވެ.
މަސްދަރު: ބީބީސީ






